Roadha Mihaaru
މެސީ އާއި އެމްބާޕޭގެ ލަނޑުތަކުން ޕީއެސްޖީ ކުރިއަށް

މެސީ އާއި އެމްބާޕޭގެ ލަނޑުތަކުން މޮޅުވެ ޕީއެސްޖީ ލީޑު ފުޅާކޮށްފި

22 އޮކްޓޯބަރ 2022

އެޖެކްސިއޯ (އޮކްޓޫބަރު 22) - ލިއޮނެލް މެސީ އާއި ކިލިއަން އެމްބާޕޭގެ ލަނޑުތަކާ އެކު 3-0 އިން އެޖެކްސިއޯ ބަލިކޮށް ފްރާންސް ލީގުގެ އެއް ވަނައިގައި ޕީއެސްޖީން ލީޑު ފުޅާކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އެޖެކްސިއޯ (އޮކްޓޫބަރު 22) - ލިއޮނެލް މެސީ އާއި ކިލިއަން އެމްބާޕޭގެ ލަނޑުތަކާ އެކު 3-0 އިން އެޖެކްސިއޯ ބަލިކޮށް ފްރާންސް ލީގުގެ އެއް ވަނައިގައި ޕީއެސްޖީން ލީޑު ފުޅާކޮށްފި އެވެ.

ރަށުން ބޭރުގައި ހޯދި މި މޮޅާ އެކު ކްރިސްޓޯފް ގަލްޓިއޭގެ ޕީއެސްޖީ އިން ވަނީ ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުގެ ތެރެއިން 10 މެޗު ކާމިޔާބުކޮށް، ދެ މެޗު އެއްވަރު ކޮށްގެން 32 ޕޮއިންޓް ހަމަކޮށްފަ އެވެ.

ލީގު ދެ ވަނައިގައި އޮޔް ލޯރިއެންޓަށް 26 ޕޮއިންޓް ލިބިފައި ވާއިރު، ތިން ވަނައިގައި އޮތް ލެންސް އަށް 24 ޕޮއިންޓް ވަނީ ލިބިފަ އެވެ. ޕީއެސްޖީއާ އެންމެ ގާތުން ވާދަކޮށްފައި، އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވި މާސޭ އޮތީ 23 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. މާސޭ ބަލިވީ އަޖެކްސިއޯ އާއި ޕީއެސްޖީ އަތުންނެވެ.

ޕީއެސްޖީ އިން ރޭގެ މެޗުގައި ލީޑު ނެގީ 24 ވަނަ މިނިޓުގައި އެވެ. މެސީ ދިން ތުރޫ ޕާހަކުން މި ލަނޑު ޖެހީ އެމްބާޕޭ އެވެ. ފުރަތަމަ ހާފުގައި ޕީއެސްޖީ އަށް ލީޑު ފުޅާކުރަން އިތުރު ފުރުސަތުތައް ލިބުނު ނަމަވެސް ކާމިޔާބެއް ނުވި އެވެ. އެމްބާޕޭ އަށް ހުސްކޮށް ލިބުނު އިތުރު ފުރުސަތެއްގައި އޭނާ ފޮނުވާލި ހަމަލާ ވެސް ދިޔައީ ގޯލު މަތިން ބޭރަށެވެ.

އެޖެކްސިއޯ ކޮޅަށް މެޗުގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކުރީ 78 ވަނަ މިނިޓުގައި މެސީ އެވެ. އެމްބާޕޭ ދިން ޕާހަކުން މެސީ ލަނޑު ޖެހީ ކީޕަރު ކައިރިން ވެސް ނައްޓައިފަ އެވެ. އަދި އޭގެ ހަތަރު މިނިޓް ފަހުން އެމްބާޕޭ އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ ވެސް މެސީގެ ޕާހަކުންނެވެ.

ރޭގެ މެޗާ އެކު އެމްބާޕޭ ވަނީ ލީގުގައި މިހާތަނަށް 10 ގޯލު ހަމަކޮށް، ނުވަ ގޯލު ޖަހައިފައިވާ އެޓީމުގެ ނޭމާ އާއި، ލިލް އަށް ކުޅޭ ކެނެޑާގެ ޒުވާން ފޯވާޑް ޖޮނަތަން ޑޭވިޑް، ލަނޑު ލިސްޓުގެ ފަހަތަށް ޖައްސާލައިފަ އެވެ. އަދި މެސީ އަށް ގޯލު ޖަހަން އެހީވި އިރު، އެއީ އެމްބާޕޭ މި ސީޒަނުގައި ކުރި ދެ ވަނަ އެސިސްޓެވެ. އެންމެ ފަހުން މާސޭއާ ދެކޮޅަށް ކުޅުނު މެޗުގައި އެމްބާޕޭ ވަނީ ނޭމާ އަށް އެ މެޗުގެ ހަމައެކަނި ލަނޑު ޖަހަން އެހީ ވެފަ އެވެ.

މެސީ ވަނީ ލީގުގައި މިހާތަނަށް ނުވަ ގޯލު އެސިސްޓް ކޮށްފަ އެވެ. އޭގެ ތެރެއިން ހަ ގޯލު އެސިސްޓް ކޮށްދިނީ އެމްބާޕޭ އަށެވެ.