Roadha Mihaaru
ޑްރަގްސް މައްސަލާގައި ޕީޖީގެ ވަކީލަކަށް ތުހުމަތުތަކެއް

ޑްރަގް ކޭސްއާ އެކު ޕީޖީގެ ވަކީލެއްގެ މައްސަލަ ފެންމަތިވެއްޖެ

06 ޖޫން 2019

ހުޅުމާލޭގެ ގެޔަކުން ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ދެ މީހުން ކޯޓުން ދެ ފަހަރު ވެސް ދޫކޮށްލުމުން ހޯދި މައުލޫމާތުން، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލާއެއްގެ މައްސަލަ ފެންމަތިވެއްޖެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ހުޅުމާލޭގެ ގެޔަކުން ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ދެ މީހުން ކޯޓުން ދެ ފަހަރު ވެސް ދޫކޮށްލުމުން ހޯދި މައުލޫމާތުން، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލާއެއްގެ މައްސަލަ ފެންމަތިވެއްޖެ އެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ހުޅުމާލޭގެ ގެޔަކުން، މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރީ 52 އަހަރުގެ އަންހެނަކާއި 25 އަހަރުގެ ފިރިހެނެކެވެ. މިއީ މަންމަ އާއި ދަރިފުޅެވެ. ލިބުނު މައުލޫމާތުން އެނގުނު ގޮތުގައި މި އަންހެން މީހާގެ އަންހެން ދަރިފުޅު އަދި ހައްޔަރުކުރި މީހާގެ ދައްތަ އަކީ ޕީޖީ އޮފީހުގެ ވަކީލެކެވެ. އެ ވަކީލުގެ ފިރިމީހާ މިހާރުވެސް ހުރީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ލަންކާގައި ހައްޔަރުކޮށްފަ އެވެ.

ވަކީލުގެ ފިރިމީހާގެ މައްސަލަތަކެއް މިހާރުވެސް ޕީޖީ އޮފީހުގައި އެބަހުރި ކަމަށާއި މީގެ ކުރިން އެ ވަކީލު، ފިރިމީހާގެ ވައްކަމުގެ މައްސަލައެއްގައި ކޯޓުގައި ވަކާލާތުކޮށްގެން އިދާރީ ތަހުގީގެއް ހިންގިކަން ވެސް ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް މިކަމާ ގުޅިގެން ވަކީލާ މެދު ފިޔަވަޅެއް އެޅިކަން ނުވަތަ ނޫންކަން ކަށަވަރު ކުރެވޭ ގޮތެއް ނުވި އެވެ.

މައުލޫމާތު އެނގޭ މީހަކު ކިޔައިދިން ގޮތުގައި، ވަކީލުގެ ފިރިމީހާގެ ވައްކަމުގެ މައްސަލާގައި ކޯޓަށް ދިޔަ ޕީޖީ އޮފީހުގެ ވަކީލާ އެކު ޝަރީއަތަށް ވަދެ އޭނާ ވަނީ އެ އަޑުއެހުމުގައި ބައިވެރިވެފަ އެވެ. އެ މައްސަލާގައި އޭނާގެ ފިރިމީހާގެ މައްޗަށް ކުށް ސާބިތު ނުވެ މިނިވަންވި އެވެ.

ޑްރަގްސްގެ މި ބޮޑު މައްސަލާގައި ހިމެނޭ މީހުންނަކީ ޕީޖީ އޮފީހުގެ ވަކީލެއްގެ މަންމަ އާއި ކޮއްކޮ ކަމަށް ތުންތުންމަތިން ވާހަކަ ދެކެވެން ފެށުމާއެކު، ޕީޖީ އޮފީހުގެ ވައިބަ ގްރޫޕެއްގައި ޕީޖީ އައިޝަތު ބިޝާމް ވަނީ އެ ވަކީލެއްގެ ނަން ވަކިން ނުބުނި ކަމުގައި ވިޔަސް އެ މީހަކު ޕީޖީއާ ބައްދަލުކޮށް ވެގެގެން އުޅޭގޮތް ސާފުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

މަސްތުވާތަކެތި ފެނިގެން ހައްޔަރުކުރި ދެ މީހުން އެންމެ ފުރަތަމަ ދޫކޮށްލީ ކްރިމިނަލް ކޯޓުންނެވެ. އެއީ އެ މީހުން ހައްޔަރުކުރަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ދިން އަމުރުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ކަންކަން ފުރިހަމަވެފައި ނެތުމުންނެވެ. އެހެންވެ، ޖެހިގެން އައި ދުވަހު ހުޅުމާލޭ ކޯޓުން އާ އަމުރެއް ހޯދައިގެން ފުލުހުން ވަނީ އެ ދެ މީހުން އަލުން ހައްޔަރުކޮށްފަ އެވެ. އެކަމަކު ބަންދުގެ މުއްދަތަށް އެ ކޯޓަށް ގެންދިއުމުން، ޖިނާއީ އިޖުރާއަތުގެ ގަވައިދުގައި ބުނާ ގޮތަށް، މައްސަލަ ތަހުގީގުކުރާ މީހާ ނޫން އެހެން މީހަކު ބަންދުގެ އަމުރަށް އެދުނު ކަމަށް ބުނެ އަނެއްކާވެސް އެ މީހުން ދޫކޮށްލީ އެވެ. އެކަމަކު ފުލުހުން ބުނީ އަމަލުކޮށްފައި ވާނީ މީގެ ކުރިން ވެސް މިފަދަ ކަންކަމުގައި އަމަލުކުރާ ގޮތަށް ކަމަށެވެ.

ހުޅުމާލޭގެ ގެއަކުން ފުލުހުން ހޯދި ތިން ކިލޯގެ މަސްތުވާތަކެތި. --- ފޮޓޯ: ޕޮލިސް

ހުޅުމާލޭގެ ގެއަކުން ފުލުހުން ހޯދި ތިން ކިލޯގެ މަސްތުވާތަކެތި. --- ފޮޓޯ: ޕޮލިސް

ފުލުހުން ބުނީ މަސްތުވާތަކެތީގެ މައްސަލާގައި ހިމެނޭ އެ ދެ މީހުން ހައްޔަރުކުރުމަށް ކޯޓުން ދެ ވަނަ ފަހަރަށް އަމުރު ހޯދީ އެ ވަގުތު ޑިއުޓީގައި ހުރި އިންވެސްޓިގޭޓަރު ކަމަށާއި އެކަމަކު ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ކޯޓަށް ވަޑައިގަތީ ހެނދުނު ޝިފްޓުގެ އިންވެސްޓިގޭޓަރު ކަމަށެވެ. އެ ދެ ފުލުހުންނަކީ ވެސް މި މައްސަލަ ތަހުގީގުކުރުމުގެ ހުއްދަ އޮންނަ ދެ އިންވެސްޓިގޭޓަރުން ކަމަށެވެ.

"މިއީ ވެއަތުވެ ދިޔަ ތަނުގައި ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި އަމަލުކޮށްފައިވާ އަދި ދުވަހަކު ވެސް އިޖުރާއީ މައްސަލައެއް ޖެހުނު ކަމެއް ނޫންކަން ފާހަގަކުރަމެވެ." ފުލުހުން ބުންޏެވެ.

ހައްޔަރު ކުރުމުގެ އަމުރަށް ވުރެ ބޮޑުވެފައިވަނީ ބަލައި ފާސްކުރަން ހުޅުމާލޭ ކޯޓުން ނެރުނު އަމުރު ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ޝަރުތު ހަމަނުވުމެވެ. އެ ޝަރުތުތަކުގެ ތެރެއިން ދެ އަމުރުގައި ވެސް ގާޒީގެ ނަމެއް ނެތެވެ. އެހެންވެ، ސައްހަ ނޫން ބަލައި ފާސްކުރުމުގެ އަމުރުން އެ ގެެއިން ހޯދި މަސްތުވާތަކެތި އެއީ ކޯޓުން ހެކީގެ ގޮތުގައި ބަލައިގަތުމާ މެދު ވެސް އޮތީ ސުވާލު އުފެދިފަ އެވެ. ސައްހަ ނޫން އަމުރަކުން ހޯދާ ތަކެތި ވާނީ ޣައިރު ގާނޫނީ ހެއްކަށެވެ. އެފަދަ ހެކި ޝަރީއަތަށް ގަބޫލެއް ނުކުރެވޭނެ އެވެ.

މާނަ އަކީ މިހާ ގިނަ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރުމުން ވެސް ކުށް ސާބިތު ނުވުމެވެ.

އަމުރު ނެރުނު ގޮތާއި އެ އަމުރާ ގުޅިގެން ފުލުހުން އަމަލުކުރި ގޮތުން، މިކަމުގައި ނުރަނގަޅު ނުފޫޒުތަކެއް ފޯރާފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެ އެވެ. އެއީ ކޯޓު އަމުރު ނެރެންޖެހޭ ގޮތް ގާޒީ އަށް ނޭނގޭނެ ކަމަށް ގަބޫލު ނުކުރެވޭތީ އާއި އަމުރު އޮތީ ރަނގަޅަށް ނޫންކަމުގައިވާ ނަމަ ފުލުހުންގެ ތަހުގީގު އޮފިސަރަށް ވެސް އެކަން އެނގެން ޖެހޭނެ ކަމަށް ގަބޫލުކުރެވޭތީ އެވެ. އަދި ބަންދަށް މީހުން ހާޒިރުކުރުމުގައި އޮންނަ އުސޫލު ވެސް ފުލުހުންނަށް އެނގެންޖެހޭނެތީ އެވެ.

މިހާ ހިސާބަށް ކަން ހިނގިގޮތާއި ދެކެވުނު ވާހަކަތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ބަޔާނުގައި ވެސް، ހުޅުމާލޭ ކޯޓުން ނެރުނު ބަލައި ފާސްކުރުމުގެ އަމުރާއި ހައްޔަރުކުރުމުގެ އަމުރު ގޯސްކޮށް އޮތުމުން، އެ އަމުރުތަކުގެ ދަށުން ހައްޔަރުކުރި މީހުން ބަންދުގައި ބައިތިއްބަން އަމުރު ނުދެވޭނެ ކަމާ މެދު ސުވާލެއް ނެތް ކަމަށް ވަނީ ބުނެފަ އެވެ. އަދި މައްސަލަ ފެށުނު ހިސާބުން ވެސް އަމުރުތައް ގޯސްކޮށް އޮތުމުން، ދަށު ކޯޓުން ހަމަ މި މައްސަލާގައި އާ އަމުރުތަކެއް ހޯދައިގެން މައްސަލަ ބަލަން އުޅުމަކީ އުސޫލާ ހިލާފް އަމަލެއް ކަމަށާއި ދެން ޖެހޭނީ ހައި ކޯޓުގައި އެ އަމުރުތައް އިސްތިއުނާފުކުރަން ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުންޏެވެ.