Roadha Mihaaru
މަސް ނުކިރޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

މަސް ނުކިރޭ މައްސަލާގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

11 އެޕްރީލް 2022

މަސްވެރިން ބާނާ މަސް ނުކިރުމާއި މަސް ގަންނަ އަދަދު ކޮންޓްރޯލް ކުރުމާ ގުޅިގެން ދިމާވާ ދަތިތައް ހައްލު ކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ފާހެއް ނުވި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މަސްވެރިން ބާނާ މަސް ނުކިރުމާއި މަސް ގަންނަ އަދަދު ކޮންޓްރޯލް ކުރުމާ ގުޅިގެން ދިމާވާ ދަތިތައް ހައްލު ކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ފާހެއް ނުވި އެވެ.

އިދިކޮޅު ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ހުށަހެޅުއްވި އެ މައްސަލާގައި ބުނީ، މި ދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެފައިވާއިރު، ގއ. ކޫއްޑޫ އިން މަސް ގަންނަ ވަރު ހަތަރު ޓަނަށް ލިމިޓް ކޮށްފައިވާ ކަމަށާއި އެހެން ކުންފުނިތަކުން ވެސް މަސް ގަންނަ އަދަދު 5-7 ޓަނަށް ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.

އޭގެ ނަތީޖާއަކީ މަސް ކިރުވުމަށް ހަފުތާއެއްހާ ދުވަހު ކިއޫގައި މަޑުކުރަން ޖެހުން ކަމަށާއި ބައެއް ދޯނިތަކުން 70 ވަރަކަށް ޓަނުގެ މަސް އުކާލަން ޖެހޭ ކަމަށް ހުސައިން ވިދާޅުވި އެވެ. އެކަން ހަރަދުގެ ގޮތުން ދެކޮޅު ނުޖެހި ބައެއް މަސްވެރިން މަހަށް ނުގޮސް ތިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ކޮންމެ މަސްވެރި މޫސުމެއްގައި ދިމާވާ މައްސަލައެއް ކަމަށާއި ކެޕޭސިޓީ އިތުރު ނުކުރެވި، މައްސަލަތައް ތަކުރާރުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން މަސްވެރި އާއިލާތައް ހާލުގައި އުޅެން ޖެހި، މަސްވެރިންގެ ޖީބުތައް ހުސްވެފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ކުއްލި މައްސަލަ އަށް ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ނުވަ މެމްބަރެކެވެ. އަދި ނުފެންނަ ކަމަށް 41 މެމްބަރަކު ވޯޓު ދިނުމަށް ފަހު އެ މައްސަލަ ބޭރުކޮށްލި އެވެ.

މި ދުވަސްވަރު މަސްވެރިން ބާނާ މަސް ނުކިރޭތީ، ސަރުކާރު ވަނީ ހޫނުފެނަށް ވެއްޓި މަސްވެރިންގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މަސްވެރިންނަށް ވީ ވައުދު ނުފުއްދޭ ކަމަށާއި 2018 ގައި އެމްޑީޕީން ނެރުނު މެނިފެސްޓޯ އަށް ރުޖޫއަ ވުމަށް ސަރުކާރަށް ގޮވާލައްވައިފަ އެވެ.