Roadha Mihaaru
ކޫއްޑޫ މަސް ފެކްޓަރީގެ އޮޕަރޭޝަންތައް އަލުން ފަށައިފި

ކޫއްޑޫ މަސް ފެކްޓަރީގެ އޮޕަރޭޝަންތައް އަލުން ފަށައިފި

21 ފެބުރުއަރީ 2024

ގއ. ކޫއްޑޫގައި މީގެ ތިން ދުވަސް ކުރިން ފެށި އިހުތިޖާޖު ހުއްޓާލައި، އެ ރަށުގައި ހުންނަ މަސް ފެކްޓަރީގެ އޮޕަރޭޝަންތައް މިރޭ އަލުން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގއ. ކޫއްޑޫގައި މީގެ ތިން ދުވަސް ކުރިން ފެށި އިހުތިޖާޖު ހުއްޓާލައި، އެ ރަށުގައި ހުންނަ މަސް ފެކްޓަރީގެ އޮޕަރޭޝަންތައް މިރޭ އަލުން ފަށައިފި އެވެ.

ކޫއްޑޫގެ އޮޕަރޭޝަން އަލުން ފެށި ނަމަވެސް، މަސް ކިރުމުގެ މަސައްކަތް އަލުން ފަށަން ހަމަޖެހިފައި ވަނީ މާދަމާ ހެނދުނެވެ.

އެ އިހުތިޖާޖުގައި އިސްކޮށް އުޅުނު މީހަކު ބުނީ އިހުތިޖާޖަށް ކޫއްޑުއަށް ދިޔަ މަސްދޯނިތައް ވެސް މިހާރު އެ ރަށުން ފުރައިގެން ގޮސްފައިވާ ކަމަށެވެ. އަދި މިހާރު އެ ރަށުގައި ބަނދަރުކޮށްފައި އޮތީ މަސް ކިރަން ހުރި މަސްދޯނިތައް އެކަނި ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި، ކޫއްޑޫގެ އޮޕަރޭޝަން އަލުން ފެށުމުގެ ފުރުސަތު ދިނީ ސަރުކާރުން މިރޭ މަސްދޯނިތަކަށް ފައިސާ ދޫކުރަން ފެށުމުންނެވެ. އަދި ސަރުކާރުން މިހާރު ބުނެފައި އޮތް ގޮތަށް އަންނަ މަހު ފަހެއްގެ ފަހުން 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ޖަމާކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައި ވާތީ އެވެ.

"މީގެން އެ އެނގުނީ ސަރުކާރުތަކުން މަސްވެރިންނަށް އިހުމާލުވެގެން މީގެ ކުރިން އަޅާނުލައި ތިއްބަސް ދެން މަސްވެރިން މަޑުން ނުތިބޭނެކަން. އަޅުގަނޑުމެންގެ ހައްގު ހޯދާނެކަން،" އޭނާ ބުންޏެވެ.

އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިން، އޮޑިވެރިންނަށް ދޭން ޖެހޭ 100 މިލިއަން ރުފިޔާ ދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އޭގެ ތެރެއިން 70 މިލިއަން ރުފިޔާ މިއަދާއި މާދަމާ ދޫކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވި އެވެ. ބާކީ 30 މިލިއަން ރުފިޔާ އަންނަ ހޯމަ ދުވަހު ދީ ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި، ސަރުކާރުން ބުނަމުން އައި ގޮތަށް، މިހާތަނަށް އޮޑިވެރިންނަށް ނުދީ ހުރިހާ ފައިސާއެއް އަންނަ މަހުގެ ފަހެއްގެ ކުރިން ދޫކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މަސްވެރިންނަށް މިހާތަނަށް ދޫކުރަން ޖެހޭ ފައިސާ އަންނަ މަހު ފަހެއްގެ ނިޔަލަށް ދީ ނިންމުމަށް ފަހު، ދެން މަސައްކަތް ކުރައްވާނީ މިފްކޯ އަށް މަސް ކިރާތާ ހަފުތާއެއްގެ ތެރޭގައި ފައިސާ ދޫކޮށް ނިންމުމަށް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ސަރުކާރުން ނިންމާފައި ވަނީ މިފްކޯ އަށް ކިރާ މަހުގެ އަގަށް ވާ ފައިސާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެެއްގޮތަށް، 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމުގެ ކަންކަން މި ދައުރުގެ ކުރީކޮޅު ފެށުމަށެވެ. ރައީސް ވެސް ވަނީ އެ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.