Roadha Mihaaru
ޕީއެންސީގެ މެންބަރުން ގޮވާލީ މަހުގެ އަގު ދަށްކުރަން

ޕީއެންސީގެ މެންބަރުން ގޮވާލީ މަސް ގަންނަ އަގު ދެކޮޅު ޖެހޭ ވަރަށް ދަށްކުރަން

25 ޖޫން 2024

މަސްވެރިން ބާނާ މަހަށް ފައިސާ ނުދެވޭ މައްސަލަ ހައްލު ކުރެވޭނީ މަހުގެ އަގު ދަށްކޮށް، ސަބްސިޑީ ކަނޑާލައިގެން ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ބައެއް މެންބަރުން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މަސްވެރިން ބާނާ މަހަށް ފައިސާ ނުދެވޭ މައްސަލަ ހައްލު ކުރެވޭނީ މަހުގެ އަގު ދަށްކޮށް، ސަބްސިޑީ ކަނޑާލައިގެން ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ބައެއް މެންބަރުން މިއަދު ބުނެފި އެވެ.

މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާ ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ މިފްކޯއިން މަސް ގަންނަން ހަމަޖައްސާފައި ވަނީ ދެކޮޅު ޖެހޭ އަގެއް ނޫން ކަމަށާއި އެ ކުންފުންޏަށް ކޮންމެ ކިލޯއަކުން 8ރ. ގެ ގެއްލުންވާ ކަމަށެވެ.

މަސްވެރިންނަށް ފައިސާ ބަރާބަރަށް ދެވޭނީ ފައިސާ ދެވޭނެ އަގެއްގައި އެކަން ކޮށްގެން ކަމަށްވާތީ އެ އަގު ކޮންމެހެން ވެސް މުރާޖާ ކުރަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"މިހާރު ގަނެފަ ހުރި މަހަށް އެއްބަސްވެފައި އޮތް އަގު ވީ އެންމެ އަވަހަކަށް ދޭން ވާނެ. އެހެން ނަމަވެސް ފައިސާ ހުރި ނަމަ މިހާރު މި ފައިސާ އޮތީހީ ދީ ނިންމާފައި." އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި މަސްވެރިންގެ އާބާދީއަކީ 17،000 މީހުންނެވެ. އޭގެ ތެރެއިން 3700 މަސްވެރިންނަކީ ކަންނެލި މަސްވެރިންނެވެ.

މަސައްކަތް ކުރާ އާބާދީގެ 17،000 މީހުންނަށް އެކަނި ބޮޑު ސަބްސިޑީއެއް ދިނުމަކީ އިޖްތިމާއީ ގޮތުން ބެލިޔަސް، ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް ނާޒިމް ވިދާޅުވި އެވެ.

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް--ފޮޓޯ: މަޖިލިސް

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް--ފޮޓޯ: މަޖިލިސް

"ސިވިލް ސާވަންޓުގެ ތެރޭގައި ވެސް 35،000 މީހުން އެބަތިބި. ރިސޯޓުތަކުގައި މަސައްކަތް ކުރާ 15،000 މީހުން އެބަތިބި. އެކަމަކު އަޅުގަނޑުމެން ސަބްސިޑީ މި ދެނީ 17،000 މަސްވެރިންނަށް. މިއީކީ އެއްގޮތަކަށް ވެސް އިންސާފެއް ނޫން." ނާޒިމް ވިދާޅުވި އެވެ.

މި މައްސަލަ ހައްލު ކުރަން ޕާޓީގެ ރޮނގުތައް ފަހަނަ އަޅައި މައްސަލަ ހައްލު ކުރަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ދެކޮޅު ޖެހޭ އަގެއްގައި މަސް ވިއްކާ ނަމަ މަސްވެރިންނަށް ވަގުތުން ފައިސާ ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވެސް ވިދާޅުވީ މަސްވެރިންގެ މައްސަލާގައި އަބަދުވެސް ކުއްލި މައްސަލަތައް ހުށަހަޅަން ޖެހެނީ މަސް ގަންނަ އަގު ނުބައްދަލުވުމުން ކަމަށެވެ. އެގޮތުން މަސް ގަންނަން ޖެހެނީ ބޮޑުކޮށް ކަމަށާއި ނަމަވެސް ވިއްކަން ޖެހެނީ ކުޑަ އަގެއްގައި ކަމަށް ސައުދު ވިދާޅުވި އެވެ.

"އަބަދުވެސް ދައުލަތުގެ ބަޖެޓުން ރައްޔިތުންގެ ޓެކްސް ފައިސާ އިން މި ބަދަލެއް ގޮތުގައި ދޭން ޖެހެނީ. އެއީ އެކަން ވެގެން ވާނެ ގޮތް ކަމުގައި އަޅުގަނޑު ގަބޫލެއް ނުކުރަން." ސައުދު ވިދާޅުވި އެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ--ފޮޓޯ: މަޖިލިސް

ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ--ފޮޓޯ: މަޖިލިސް

ކުރީ ސަރުކާރު ނިމެން އުޅެނިކޮށް 25ރ. އަށް މަހުގެ އަގު ބޮޑު ކުރުމުން 240 މިލިއަން ރުފިޔާ މަސްވެރިންނަށް ދޭން ޖެހުނު ކަމަށް ސައުދުﷲ ވިދާޅުވި އެވެ. އޭގެ ފަހުން މި ސަރުކާރުން އެ ފައިސާ ދީ ހަލާސް ކުރުމަށް ފަހު މިހާރު ނުދެވި ބާކީ އޮތީ 50 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ ހައްލު ކުރުމަށް އޮތް ގޮތަކީ 15ރ. އާއި 25ރ ދެމެދުގެ އަގެއްގައި މަހުގެ އަގު ބާޒާރުގެ އަގަށް ދޫކޮށްލުން ކަމަށް ސައުދު ވިދާޅުވި އެވެ. ނަމަވެސް އެކަން ނުކުރުމުން އަމިއްލަ ވިޔަފާރިތައް ވެސް ހަލާކުވެގެން ގޮސްފައިވާ ކަމަށް ވެސް ސައުދުﷲ ވިދާޅުވި އެވެ.

"މިދިޔަ ސަރުކާރުން 25 ރުފިޔާ އަށް މަހުގެ އަގު ބޮޑުކުރުމުން އޭރު ފުޅާ ދާއިރާއެއްގައި އެކަން ކުރަމުން ދިޔަ އެންސިސް ފަދަ އަމިއްލަ ކުންފުނިތައް ވެސް އެ ހުރީ ބަނގުރޫޓުވެފައި. އެފަދަ ގޮތަކަށް ނުވާނެހެން މަސައްކަތް ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ މިފްކޯ ނުވަތަ އެހެން ކުންފުންޏެއް ވިޔަސް ދުނިޔޭގެ ބާޒާރުގައި އަގުތައް ހުންނަ ގޮތަށް ބަލައިގެން އަގުތައް ކަނޑައަޅަން ޖެހޭ ކަމަށެވެ. ސަރުކާރުން ސަބްސިޑީ ދީފައި ސަރުކާރަށް ގެއްލުންވާ ތަން ބަލަން ތިބުމަކީ އެކަށީގެންވާ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލާގައި ސަރުކާރުގެ މެންބަރުންނަށް ރައްދު ދެއްވަމުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވި ގޮތުގައި މަސް ކިލޯއެއްގެ އަގު 12ރ. އާއި 15ރ. އަށް ދަށް ކުރަން މެންބަރުން ގޮވާލުމަކީ ލަދު ގަންނަން ޖެހޭ ކަމެކެވެ.

"އެންސިސް އޭ އެހެން ކުންފުންޏެކޭ ކިޔާފަ ވާހަކަ ދައްކަން އެ މެންބަރުންނަށް ވަރަށް ފަސޭހަ ވާނެ. މަހުގެ އަގު ދަށް ކުރި ވަރަކަށް ފައިދާ ވާ މެންބަރުން މިތަނުގެ ތެރޭގައި ތިބޭނެ." އޭނާ ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ މަސްވެރިން ފައިސާ ނުލިބިގެން މުޒާހަރާ ކުރާތާ އެތައް ދުވަހެއް ވެފައިވާއިރު އެ މައްސަލަ އަށް ހައްލެއް ހޯދައި ނުދެވުމަކީ ސަރުކާރު ބޮޑުތަނުން ފެއިލްވުން ކަމަށެވެ.