12 އެޕްރީލް 2022
ހުޅުމާލޭގެ ކަންކަން މެނޭޖްކޮށް ބަލަހައްޓާ، އެޗްޑީސީގެ މުވައްޒަފުންނަށް 629 ހައުސިން ޔުނިޓް ދޫކުރަން ނިންމައިފި އެވެ.
ހުޅުމާލޭގެ ކަންކަން މެނޭޖްކޮށް ބަލަހައްޓާ، އެޗްޑީސީގެ މުވައްޒަފުންނަށް 629 ހައުސިން ޔުނިޓް ދޫކުރަން ނިންމައިފި އެވެ.
އެ ކުންފުނިން މުވައްޒަފުންނަށް ފޮނުވި އިންޓާނަލް މެމޯއެއްގައި ބުނީ، ވަކި ޝަރުތަކެއް ހަމަވާ މުވައްޒަފުންނަށް މި ބުރުގައި 629 ހައުސިން ޔުނިޓް ދޫކުރަން ނިންމާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "މިހާރު" އަށް ވިދާޅުވީ، ހިޔާ މަޝްރޫއުގެ ދަށުން އެޗްޑީސީގެ މުވައްޒަފުންނަށް ހާއްސަ ހައުސިން ޔުނިޓްތަކެއް އިމާރާތް ކުރަން ކުރިން ވެސް ފަށާފައިވާ ކަމަށެވެ. މުވައްޒަފުންނަށް އެޕާޓްމަންޓްތައް ދޫކުރާނީ އެ ޔުނިޓްތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
ސުހައިލް ވިދާޅުވިގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިން ފަށާފައިވާ އެ މަޝްރޫއު ފައިސާ ނެތިގެން ހުއްޓިފައި އޮތް ނަމަވެސް ފައިސާ ހޯދައިގެން އަލުން މަޝްރޫއު ފެށީ އެވެ.
"އަޅުގަނޑުމެން ހަވާލުވިއިރު ވެސް ފަށާފައިވާ އޮތް މަޝްރޫއެއް އެއީ. އެކަމަކު އޭރު އޮތީ ފައިސާ ނެތިގެން ހުއްޓިފައި. އަޅުގަނޑުމެން ފަހުން މި ކުރި ކަމަކީ ފައިނޭންސް މެނޭޖްކޮށްގެން އަލުން އެ މަސައްކަތް ފެށުން،" ސުހައިލް ވިދާޅުވި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
އޭނާ ވިދާޅުވި ގޮތުގައި، އެޗްޑީސީގެ މުވައްޒަފުންނަށް ހާއްސަ ފްލެޓްތަކެއް ހަދަނީ ސަރުކާރުގެ އެހެން ކުންފުނިތަކުން މިހާރު ވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފްލެޓްތައް ހަދާ އުސޫލުން ހަމަ އެ ސަރަހައްދުގަ އެވެ. ނަމަވެސް އެޗްޑީސީގެ އެ އިމާރާތް އަޅަނީ އެހެން ކުންފުނިތަކާ ހިލާފަށް ސަރުކާރުގެ ގެރެންޓީ ނެތި އެވެ.
"އެ ތަނުގެ މައުލޫމާތުތައް ޕަބްލިކަށް އާންމުކުރާ ހިސާބަށް ދިއުމުން އަޅުގަނޑުމެން ތަފުސީލުތައް ހާމަކުރާނަން،" ސުހައިލް ވިދާޅުވި އެވެ.
އެޗްޑީސީން މުވައްޒަފުންނަށް ފޮނުވި އިންޓާނަލް މެމޯގައި ބުނީ، އެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލެވޭނެ މުވައްޒަފުންގެ ޝަރުތުތައް ވަނީ ހިމަނައިފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ އެ ކުންފުނީގައި ވަޒީފާ އަދާކުރާތާ އެއް އަހަރުވެފައިވާ ދާއިމީ ދިވެހި މުވައްޒަފުންނާއި އެއް އަހަރަށް ވުރެ ދިގު ނޯޕޭ ލީވެއްގައި ހުރި މުވައްޒަފަކަށް ނުވުމާއި ކުރިން އެފަދަ ސްކީމަކުން ފްލެޓް ލިބިފައިވާ ނަމަ، އެ ތަން ދޫކޮޮށްލަން އެއްބަސްވުމާއި ވަޒީފާގެ އިންޒާރު ލިޔުމުން ލިބިފައިވާ މުވައްޒަފެއް ނަމަ، އެ އިންޒާރަށް ތިން އަހަރު ވެފައިވުން އަދި އެ ކުންފުނީގެ 12 ރެޒިޑެންސް ޕްރޮޖެކްޓުން ފްލެޓް ލިބިފައިވާ މުވައްޒަފަކަށް ނުވުމުންނެވެ.
ތިން ޓަވަރެއްގައި އަޅާ އެ ޔުނިޓްތަކުގެ ސައިޒު އުޅެނީ އެކި ވަރުގަ އެވެ.
މުވައްޒަފުންނަށް ދޫކުރާ ސްޓޭންޑަޑް ޔުނިޓްތަކުގެ ތެރޭގައި އެއް ކޮޓަރީގެ ޔުނިޓްތަކާއި ހަތަރު ކޮޓަރީގެ ޔުނިޓްތައް ހިމެނެ އެވެ. އެތަނުގެ އެންމެ ކުދި ޔުނިޓްތަކުގައި ވެސް 525.28 އަކަފޫޓް ހުރެ އެވެ. އަދި އެންމެ ބޮޑެތި ޔުނިޓްތަކުގެ ސައިޒަކީ 1،169 އަކަފޫޓެވެ. އެ ތަންތަނުގެ އަގު އުޅެނީ 1.04 މިލިއަނާއި 2.3 މިލިއަނާ ދެމެދުގެ އަގެއްގަ އެވެ.
ޑިލަކްސް ސުއީޓް ކެޓަގަރީގެ ދަށުން ދޫކުރާ އެއް ކޮޓަރީގެ ޔުނިޓްތަކުގައި އެންމެ ކުޑަވެގެން ވެސް 864 އަކަފޫޓު ހުރެ އެވެ. އަދި އެތަންތަނުގައި ވެސް ހަތަރު ކޮޓަރީގެ ޔުނިޓްތައް ހިމެނޭއިރު އެންމެ ބޮޑު ޔުނިޓެއްގެ ސައިޒަކީ 1670 އަކަފޫޓެވެ. އެތަންތަނުގެ އަގު 2.1 މިލިއަނުން ފެށޭއިރު 3.9 މިލިއަން ރުފިޔާގެ ޔުނިޓްތައް ވެސް ހިމެނެ އެވެ.
އެ ތަންތަން ދޫކުރާއިރު ކުންފުންޏަށް ހިދުމަތްކުރި މުއްދަތާއި އެ މީހުންގެ ދިރިއުޅުމުގެ ހާލަތަށް ވެސް ބަލާނެ އެވެ.
ވިނަރެސް ފްލެޓްތައް އަންނަ މަހު ވިއްކަން ފަށަނީ
ހުޅުމާލޭގެ ޓަވަރުތަކުގެ ޕައިލިން މަސައްކަތް ނިމިއްޖެ
ފްލެޓުގެ ބޮޑު މަޝްރޫއު ފެށުން ފަސްކޮށްފި
ފްލެޓްގެ ބޮޑު މަޝްރޫއު މިރޭ އިފުތިތާހުކުރަނީ
2،100 ފްލެޓާ އެކު އެޗްޑީސީގެ ބިޔަ 15 ޕްރޮޖެކްޓެއް
އިތުރު 18 ބިމެއް ވިއްކަން އެޗްޑީސީން ހުޅުވާލައިފި
ސިނާއީ ބޭނުމަށް ހުޅުމާލޭއިން 12 ބިމެއް ވިއްކަނީ
ކަންބޮޑުވުންތަކާހެދި ކިއޮސްކުގެ ގުރުއަތުލުން ފަސްކޮށްފި
20 ކިއޮސްކް އަށް އެދި 183 މީހަކު ކުރިމަތިލައިފި
ހުޅުމާލެ 2 އިން 16 ބިމެއް ވިއްކަން ހުޅުވާލައިފި