Roadha Mihaaru
ވިނަރެސް ފްލެޓްތައް އަންނަ މަހު ވިއްކަން ފަށަނީ

ވިނަރެސް ފްލެޓްތައް އަންނަ މަހު ވިއްކަން ފަށަނީ

15 ޖޫން 2021

އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ނިންމަން އަމާޒު ހިފާފައިވާ "ވިނަރެސް" ފްލެޓްތައް ގަތުމަށް ބޭނުންވާ މީހުންނަށް އަންނަ މަހުގެ ތެރޭގައި އެ ފުރުސަތު ހުޅުވައިލާނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ނިންމަން އަމާޒު ހިފާފައިވާ "ވިނަރެސް" ފްލެޓްތައް ގަތުމަށް ބޭނުންވާ މީހުންނަށް އަންނަ މަހުގެ ތެރޭގައި އެ ފުރުސަތު ހުޅުވައިލާނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

ހުޅުމާލޭގައި އިމާރާތްކުރާ 1،000 ހައުސިން ޔުނިޓް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، ވިނަރެސް ފްލެޓްތަކުގެ ގާތްގަނޑަކަށް 45 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މި ޕްރޮޖެކްޓްގައި ހިމެނެނީ މެދު ފަންތީގެ 1344 އެޕާޓްމަންޓް. މި ފްލެޓްތައް ވިއްކުމުގެ ކަންކަން އަޅުގަނޑުމެން ކުރިއަށް އޮތް ޖުލައި މަހުގެ ތެރޭގައި ފައްޓާނެ ވާހަކަ ދަންނަވާލަން -- ސުހައިލް

އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުގައި އެ ތަންތަނުގެ މަސައްކަތް އެއްކޮށް ނިމޭނީ އަންނަ އަހަރުގެ މެއި މަހުގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިއްކާފައިވާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުން އަންނަ "ވިނަރެސް" މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރުގައި ހުންނާނީ 1،344 ފްލެޓެވެ. މިއީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. އެއީ ހަތަރު ވައްތަރެއްގެ އެޕާޓްމަންޓްތަކެކެވެ. އެގޮތުން އެތަނުގައި ހިމެނެނީ މެރީނާ ވިއު އާއި އިނާ ވިއު އަދި އައުޓާ ވިއުގެ އިތުރުން ސްޓޭންޑާޑް ވިއު އެވެ.

އިނާ ވިއު، އައުޓާ ވިއު އަދި މެރީނާ ވިއު އެޕާޓްމަންޓްތަކުގެ ބޮޑުމިނުގައި 902 އަކަފޫޓު ހުންނާނެ އެވެ. އެ ތަންތަނުގައި ތިން ކޮޓަރި އާއި ތިން ފާހާނާ އަދި ބެލްކަންޏެއް ވެސް ހުންނާނެ އެވެ. ސްޓޭންޑާޑް ވިއު އެޕާޓްމަންޓްތަކުގެ ބޮޑުމިނުގައި ހުންނާނީ 883 އަކަފޫޓެވެ. މި ތަންތަނުގައި ވެސް ތިން ކޮޓަރި ހިމެނޭ ގޮތަށް ތިން ފާހާނާ އާއި ބެލްކަންޏެއް ހުންނާނެ އެވެ.

އެޕާޓްމަންޓްތަކުގެ އަގުތައް:

މެރީނާ ވިއު: 172 އެޕާޓްމަންޓް ހުންނާނެ.

- އަގު: 2.6 - 2.73 މިލިއަން ރުފިޔާ. އައުޓާ ވިއު: ޖުމުލަ 372 އެޕާޓްމަންޓް ހުންނާނެ.

- އަގު: 2.6 - 2.7 މިލިއަނާ ދެމެދުގައި.

އިނާ ވިއު: 352 އެޕާޓްމަންޓް ހުންނާނެ.

- އަގު: 2.6 މިލިއަނުގައި.

ސްޓޭންޑާޑް ވިއު: 448 އެޕާޓްމަންޓް.

- އަގު: 2.52 - 2.59 މިލިއަން ރުފިޔާއާ ދެމެދުގައި.

އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުގައި އެ އެޕާޓްމަންޓްތައް ގަންނަ މީހުންގެ ކިބައިގައި ވަކި ޝަރުތުތަކެއް ވެސް ފުރިހަމަވާން ޖެހެ އެވެ. އެގޮތުން 18-60 އަހަރާ ދެމެދުގެ މީހުންނަށް އެ ފުރުސަތު ދޭނެ އެވެ. އެޗްޑީސީން ބުނީ، އެޕްލިކެންޓާ ކޯ އެޕްލިކެންޓްގެ މުސާރަ ހިމަނާ ނަމަ، ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި ދާއިމީ ވަޒީފާއެއްގައި އުޅުނު ބަޔަކަށް ވުން ފަދަ ޝަރުތައް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.