Roadha Mihaaru
ގާސިމްގެ މަރު: ވަޅިން އަދުހަމާއި ގާސިމްގެ ޑީއެންއޭ

ގާސިމްގެ މަރު: ވަޅީގެ ތިލައިން އަދުހަމާއި ގާސިމްގެ ޑީއެންއޭ ފެނުނު

13 އެޕްރީލް 2022

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ސަރަހައްދުން ފެނުނު ވަޅިން އެ މައްސަލާގައި ދައުވާލިބޭ އަދުހަމް މުހައްމަދުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ޑީއެންއޭ ތަހުލީލުކުރި ފުލުސް މީހާ ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ސަރަހައްދުން ފެނުނު ވަޅިން އެ މައްސަލާގައި ދައުވާލިބޭ އަދުހަމް މުހައްމަދުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ޑީއެންއޭ ތަހުލީލުކުރި ފުލުސް މީހާ ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

ޑިސެމްބަރު، 2019 ގައި ހުޅުމާލޭގައި ޓެކްސީގައި ދަތުރު ކުރަނިކޮށް ގާސިމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމްގެ މައްްޗަށް ކުރާ ދައުވާގައި ގާސިމަށް ހަމަލާދިން ކަމަށް އޭނާ އެއްބަސްވިޔަސް، އެއީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ. އެހެންވެ، އެ މައްސަލާގައި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް މިހާރު އަންނަނީ ނަގަމުންނެވެ.

ޑީއެންއޭ ތަހުލީލުކުރި ފުލުސް މީހާ ހެކިބަސް ދެމުން ބުނި ގޮތުގައި އެ ސަރަހައްދުން ފުލުހުން ހޯދި ވަޅީގެ ތިލައިން އަދުހަމާއި ގާސިމްގެ އިތުރުން ކާކުކަން ނޭނގޭ ތިން ވަނަ މީހެއްގެ ޑީއެންއޭ ވަނީ ލިބިފަ އެވެ. އަދުހަމްގެ ޑީއެންއޭއާ ދިމާވީ އޭގެކުރިން އެހެން މައްސަލައެއްގައި އޭނާ ހައްޔަރުކޮށް، ނަގާފައިވާ ޑީއެންއޭއަކާ ދިމާވޭތޯ ބަލައިގެން ކަމަށް އޭނާ ބުންޏެވެ.

ގާސިމް ހަސަން

ގާސިމް ހަސަން

އޭނާ ބުނި ގޮތުގައި ވަޅީގެ އިތުރުން ޓެކްސީ ކާރުގެ ތެރެއިން ވެސް އަދުހަމާއި ގާސިމްގެ ޑީއެންއޭ ފެނުނެވެ. އަދި ރާއްޖޭގެ އާބާދީއަށް ބަލާއިރު، އެއިން ޑީއެންއޭއެއް އެހެން މީހަކާ ދިމާވުމުގެ ފުރުސަތު ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.

ވަޅި ހޯދުމުގައި އުޅުނު ފުލުހަކު ވެސް ކޯޓުގައި ހެކިބަސް ދިނެވެ. އޭނާ ބުނި ގޮތުގައި ވަޅި ފެނުނީ ފުލުހުންގެ ޓީމަކުން އެ ސަރަހައްދު ފާސް ކުރަނިކޮށް އެ ސަރަހައްދު ގަސްތަކުގެ ތެރޭގައި ހުރި ވަޅުގަނޑެއްގެ ތެރެއިންނެވެ.

ވީޑިއޯ ފުޓޭޖްތައް ތަހުލީލުކުރި ފުލުސް މީހާ ހެކިބަސް ދެމުން ބުނީ ގާސިމަށް ހަމަލާދިން ދުވަހު މާލެއިން އަދި ހުޅުމާލޭގެ އެކި ތަންތަނުގައި އަދުހަމް ހަރަކާތްތެރިވާ މަންޒަރު ފެންނަ ކަމަށެވެ. އަދި އެ ވީޑިއޯތައް ސާފުވުމުގެ އިތުރުން ވީޑިއޯއިން ފެންނަ މީހާ އާއި އަދުހަމްގެ ސިފަތައް އެއްގޮތްވުމުން އެއީ އަދުހަމް ކަން ޔަގީންކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލާގައި ދެން އޮތީ ތިން މީހުންގެ ހެކިބަސް ނެގުމެވެ. އެ ބައި މާދަމާ ކުރިއަށް ގެންދަން ހަމަޖައްސާފައި އޮތަސް، އޭގެ ތެރެއިން ބައެއް ހެކިން ރާއްޖެއިން ބޭރުގައި ތިބުމުން މާދަމާގެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.