ރަށްރަށުގައި ބޭނުންކުރާ އެމްބިއުލާންސްތައް މަރާމާތުކުރަން ފެނަކަ އާއި ސްޓެލްކޯއާ ހަވާލުކުރަން ހެލްތު މިނިސްޓްރީން ނިންމައިފި އެވެ.
13 އެޕްރީލް 2022
ރަށްރަށުގައި ބޭނުންކުރާ އެމްބިއުލާންސްތައް މަރާމާތުކުރަން ފެނަކަ އާއި ސްޓެލްކޯއާ ހަވާލުކުރަން ހެލްތު މިނިސްޓްރީން ނިންމައިފި އެވެ.
ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް "މިހާރު" އަށް މިއަދު ވިދާޅުވީ އެމްބިއުލާންސްތައް ރަނގަޅަށް، ގަވައިދުން މަރާމާތު ނުކުރެވޭތީ ބޮޑު ގޮންޖެހުންތަކާ ދިމާވާ ކަމަށެވެ. އެހެންވެ، އެ އެއްޗެހި އަލުން ބޭނުންކުރުމަށް ބޮޑު ހަރަދެއް ކުރަން ޖެހޭތީ، އެ މައްސަލަ އަށް ހައްލެއް ގެންނަން ފެނަކަ އާއި ސްޓެލްކޯއާއެކު އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފެނަކަ އިން ހިދުމަތް ދޭ ރަށްރަށުގައި ބޭނުންކުރާ އެމްބިއުލާންސްތައް މަރާމާތުކުރާނީ އެ ކުންފުނިންނެވެ. ކ. އަތޮޅާއި އއ. އަދި ވ. އަތޮޅުގެ ރަށްރަށުގައި ދުއްވާ އެމްބިއުލާންސްތައް ސާވިސް ކުރާނީ، އެ ސަރަހައްދުގައި ކަރަންޓު ފޯރުކޮށްދޭ ސްޓެލްކޯއިންނެވެ.
އެކަމުގެ އެއްބަސްވުމުގައި އެ ފަރާތްތަކާއެކު ވަރަށް އަވަހަށް ސޮއިކުރާނެ އާދިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އެމްބިއުލާންސްތައް މަރާމާތުކުރަން ކަރަންޓު ފޯރުކޮށްދޭ ދެ ކުންފުންޏާ ހަވާލުކުރުމުން މައްސަލައަށް ވަރަށް ބޮޑު ހައްލެއް އަންނާނެ އެވެ.
"އެމްބިއުލާންސްތައް މަރާމާތުކޮށް، ތެޔޮ ބަދަލުކުރަންޖެހޭ. އެ ކަންކަން ރަނގަޅަށް ނުކުރެވޭތީ އެމްބިއުލާންސްގެ މައްސަލަ ދިމާވަނީ. އެކަމަކު، އެ ދެ ކުންފުންޏާ ހަވާލުކުރީމާ ވަރަށް ބޮޑު ހަރަދެއް ސަލާމަތްވެ، މައްސަލައަށް ހައްލެއް ލިބޭނެ،" އާދިލް ވިދާޅުވި އެވެ.
ރަށްރަށުގައި މި ވަގުތު ބޭނުންކުރާ ބާ އެމްބިއުލާންސްތައް ވެސް ފެނަކައިން މަރާމާތުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކި ރަށްރަށަށް ބޭނުންވާ 96 އެމްބިއުލާންސް ހޯދަން ވެސް ހެލްތު މިނިސްޓްރީން މިދިޔަ ޖޫން މަހު އެސްޓީއޯއާ ހަވާލުކުރި އެވެ.
އާދިލް ވިދާޅުވީ އެ ހުރިހާ އެމްބިއުލާންސެއް ވެސް މިހާރު ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން 77 އެމްބިއުލާންސް ރަށްތަކަށް ފޮނުވާފައިވާއިރު، ބާކީ ހުރި 19 އެމްބިއުލާންސް ވެސް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ރަށްތަކަށް ފޮނުވާނެ އެވެ.
އޭރުން، މި ސަރުކާރުން ރަށްރަތަކަށް ފޮނުވި އެމްބިއުލާންސްގެ އަދަދު 139 އަށް އަރާނެ އެވެ.
ޖަޕާނު ސަރުކާރުން ހަދިޔާކުރާ އަށް އެމްބިއުލާންސް އަންނަ ޖޫން މަހުގެ ތެރޭގައި ލިބޭނެ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.
އެ އެމްބިއުލާންސްތައް ލިބުން ލަސްވީ، އޭނާ ވިދާޅުވި ގޮތުގައި، ކޮވިޑާ ހެދި ޖަޕާނުގެ ޓޮޔާޓޯ ބްރޭންޑުގެ އެމްބިއުލާންސް ލިބުމުގައި ދަތިތައް ދިމާވުމުންނެވެ.
ރާއްޖޭގައި މި ވަގުތު އެމްބިއުލާންސެއް ނެތީ ލ. މުންޑޫގަައި އެކަންޏެވެ. އެ ރަށަށް ވެސް ވަރަށް އަވަހަށް އެމްބިއުލާންސް ފޮނުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެމްބިއުލާންސްތައް މަރާމާތުކުރަން ފެނަކައާ ހަވާލުކުރިއިރު، އެ މަސައްކަތް ކުރަން ވަކި އިދާރާއެއް އުފައްދަންޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ވިދާޅުވެފަ އެވެ.
މަޖިލީހުގެ ކޮމިޓީގައި މިނިސްޓަރު ވިދާޅުވީ އެ ވެހިކަލްތައް ސާވިސްކުރާ އިރެއް އަދި ތެޔޮ ބަދަލުކުރާއިރެއް ނޭނގޭ ކަމަށެވެ. އެކަން ފައިލް ކުރެވޭނެ ގޮތެއް ވެސް ނޯންނެ ކަމަށް އޭރު އޭނާ ވިދާޅުވި އެވެ.
"މި ގޮތަށް އިންތިޒާމް ކޮށްގެން ނޫނިއްޔާ މި ކަމެއް ނުވާނެ. އަސްލު ހަގީގަތުގައި އެމްބިއުލާންސް ހިދުމަތާ ބެހޭ ވަކި މުއައްސަސާއެއް އުފެދެން ޖެހޭ. ހެލްތު މިނިސްޓްރީއަކުންނެއް އެކަމެއް ނުކުރެވޭނެ. އެ މުއައްސަސާ އުފެއްދުމަށް ވެސް އަޅުގަނޑު މިހާރު މި ދަނީ މަސައްކަތް ކުރަމުން،" ނަސީމް ވިދާޅުވި އެވެ. އާދިލް ވިދާޅުވީ އެމްބިއުލާންސްތައް ބަލަހައްޓަން ފެނަކަ/ސްޓެލްކޯއާ ހަވާލުކުރިއަސް އެމްބިއުލާންސްގެ މެއިންޓެނެންސް ހިދުމަތަށް ވަކި އިދާރާއެއް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށައިފި
އެއާ އެމްބިއުލާންސްގައި އެއް ފަހަރާ ދެ މީހުން އުފުލޭނެ
ހުޅުމާލެ ހޮސްޕިޓަލަށް އިތުރު އެމްބިއުލާންސެއް ލިބިއްޖެ
ހުޅުމާލޭ ހޮސްޕިޓަލްގައި އެންމެ އެމްބިއުލާންސެއް!
އިތުރު 20 ރަށަކަށް އެމްބިއުލާންސް ފޮނުވަނީ
3 ދުވަސް ތެރޭ 20 ރަށަކަށް އެމްބިއުލާންސް ފޮނުވަނީ
ސިއްހީ ހިދުމަތުގެ ފެންވަރު ދަނީ ދަށަށް: މެމްބަރުން
ރަށްރަށަށް 96 އެމްބިއުލާންސް ގެންނަން ސޮއިކޮށްފި
"100" އަށް ގުޅުމުން މިހާރު އެމްބިއުލާންސް ލިބޭނެ
ޖޫންމަހު ހުރިހާ ރަށަކަށް އެމްބިއުލާންސް ލިބޭނެ: ނަސީމް