Roadha Mihaaru
އިތުރު 20 ރަށަކަށް އެމްބިއުލާންސް ފޮނުވަނީ

އިތުރު 20 ރަށަކަށް އެމްބިއުލާންސް ފޮނުވަން ތައްޔާރުވެއްޖެ

29 ނޮވެމްބަރ 2021

އެމްބިއުލާންސް ފޮނުވަން ސަރުކާރުން ކަނޑައެޅި ރަށްތަކުގެ ތެރެއިން އިތުރު 20 ރަށަކަށް ފޮނުވާނެ އެމްބިއުލާންސްތައް މިއަދު މާލެ ގެނެސްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެމްބިއުލާންސް ފޮނުވަން ސަރުކާރުން ކަނޑައެޅި ރަށްތަކުގެ ތެރެއިން އިތުރު 20 ރަށަކަށް ފޮނުވާނެ އެމްބިއުލާންސްތައް މިއަދު މާލެ ގެނެސްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ރަށްރަށުގައި ބޭނުންކުރަން އެސްޓީއޯ މެދުވެރިކޮށް ގެންނަން 20 އެމްބިއުލާންސްގެ ދެވަނަ ޝިޕްމެންޓް ކަސްޓަމްސް އިން ކްލިއާ ކުރުމަށް ފަހު، އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން މިހާރު ކުރަމުން އަންނަ ކަމަށެވެ.

އެ ކަންކަން ނިމުމުން ރަށްރަށަށް އެމްބިއުލާންސްތައް ފޮނުވަން ފަށާނެ އެވެ.

އެސްޓީއޯ މެދުވެރިކޮށް ގަނެފައިވާ 20 އެމްބިއުލާންސްގެ ފުރަތަމަ ޝިޕްމެންޓް ގެނައީ މިދިޔަ މަހު އެވެ. މިހާރު އެ ހުރިހާ އެމްބިއުލާންސްތަކެއް ވަނީ ރަށްރަށް ފޮނުވައިފަ އެވެ.

ބައެއް ރަށްރަށުގައި އެމްބިއުލާންސް ހަލާކުވެ، އެ ހިދުމަތް މެދުކެނޑިފައި އޮތުމުން ގިނަ ދަތިތައް ކުރިމަތިވާކަމުގެ ޝަކުވާ ލިބެ އެވެ. ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރު ވެސް، އެމްބިއުލާންސް ނެތުމުންނާއި ހަލާކުވެފައި އޮތުމުން ދަތިތަކާ ކުރިމަތިވި އެވެ.

މި ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 60 ރަށަކަށް އެމްބިއުލާންސް ފޮނުވުމެވެ.

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެފައި ވަނީ ރަށްރަށަށް އެމްބިއުލާންސް ގެންދަނީ ތިން ގޮތަކުން ކަމަށެވެ. އެއީ އެ މިނިސްޓްރީގެ ބަޖެޓުންނާއި ޖަޕާނު ސަރުކާރުގެ އެހީގެ އިތުރުން އެހެން ޕްރޮގްރާމެއްގެ ތެރެއިންނެވެ.