Roadha Mihaaru
ރޮނާލްޑޯގެ ހެޓްރިކުން މޮޅުވެ ޔުނައިޓެޑް ފަސްވަނަ އަށް

ރޮނާލްޑޯގެ ހެޓްރިކުން ޔުނައިޓެޑް މޮޅުވެއްޖެ، އާސެނަލް އާއި ޓޮޓެންހަމަށް ނާކާމިޔާބު

16 އެޕްރީލް 2022

މެންޗެސްޓާ (އޭޕްރީލް 16) - އިނގިރޭސި ޕްރިމިއާ ލީގުގެ ފުލުގައި އޮތް ނޯރިޗް ސިޓީ ކޮޅަށް ކްރިސްޓިއާނޯ ރޮނާލްޑޯ ހެދި ހެޓްރިކުން މެންޗެސްޓާ ޔުނައިޓެޑް 3-2 އިން މޮޅުވެ ފަސްވަނައަށް ޖެހިލިއިރު، ޔުނައިޓެޑާ އެކު ލީގުގެ ގަދަ ހަތަރަކަށް ވާދަކުރާ ޓޮޓެންހަމް ހޮޓްސްޕާ އާއި އާސެނަލް މިރޭ ކުޅުނު މެޗުން ބަލިވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (އޭޕްރީލް 16) - އިނގިރޭސި ޕްރިމިއާ ލީގުގެ ފުލުގައި އޮތް ނޯރިޗް ސިޓީ ކޮޅަށް ކްރިސްޓިއާނޯ ރޮނާލްޑޯ ހެދި ހެޓްރިކުން މެންޗެސްޓާ ޔުނައިޓެޑް 3-2 އިން މޮޅުވެ ފަސްވަނައަށް ޖެހިލިއިރު، ޔުނައިޓެޑާ އެކު ލީގުގެ ގަދަ ހަތަރަކަށް ވާދަކުރާ ޓޮޓެންހަމް ހޮޓްސްޕާ އާއި އާސެނަލް މިރޭ ކުޅުނު މެޗުން ބަލިވެއްޖެ އެވެ.

ރޮނާލްޑޯ ވަނީ މެޗުގެ ފުރަތަމަ 32 މިނިޓު ތެރޭ ޔުނައިޓެޑަށް ދެ ލަނޑު ޖަހައިދީ ކޮންޓްރޯލް ހޯދައިދީފަ އެވެ. ފުރަތަމަ ލަނޑު އެންތޮނީ އެލަންގާ ދިން ޕާހަކުން ހަތްވަނަ މިނިޓުގައި ޖެހިއިރު ދެވަނަ ލަނޑު ޖެހީ އެލެކްސް ޓެލޭސް ނަގައިދިން ބޯޅައެއް ބޮލުން ފޮނުވާލައިގެންނެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޓީމޫ ޕޫކީ ނަގައިދިން ހުރަހަކުން ކީރަން ޑޯވެލް ވަނީ ނޯރިޗަށް ލަނޑު ޖަހައިދީފަ އެވެ.

ނޯރިޗުން އެއްވަރު ކުރީ ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނިޓުގައި ޑޯވެލް ދިން ބޯޅައެއް ހިފައިގެން ކީޕަރު ޑޭވިޑް ޑެހެއާ ކައިރިން ނައްޓާފައި ޕޫކީ ޖެހި ލަނޑުންނެވެ. ނަމަވެސް މެޗު ނިމެން 14 މިނިޓަށް ވެފައި ވަނިކޮށް ރޮނާލްޑޯ އޭނާގެ ހެޓްރިކް ފުރިހަމަކޮށް ޔުނައިޓެޑް މޮޅު ކޮށްދިނީ ލިބުނު ހިލޭޖެހުމެއް ގޯލަށް ފޮނުވާލައިގެންނެވެ.

ހެޓްރިކާ އެކު އުމުރުން 37 އަހަރުގެ ރޮނާލްޑޯ ވަނީ މި ސީޒަނުގައި ޕްރިމިއާ ލީގުގައި 15 ލަނޑު ހަމަކޮށްފަ އެވެ. ލިވަޕޫލްގެ ޑިއޯގޯ ޖޮޓާ ވެސް ވަނީ ރޮނާލްޑޯއާ އެއްވަރަށް މި ސީޒަނުގައި ލީގުގައި ލަނޑު ޖަހައިފަ އެވެ. ރޮނާލްޑޯ އަށް ވުރެ ކުރީގައި އުޅެނީ 17 ލަނޑު ޖަހާފައިވާ ޓޮޓެންހަމްގެ ސޮން ހެއުން މިން އާއި 20 ލަނޑު ޖަހާފައިވާ ލިވަޕޫލްގެ މުހައްމަދު ސަލާހެވެ.

ޓޮޓެންހަމާއި ބްރައިޓަން ބައްދަލުކުރި މެޗުގައި ޓޮޓެންހަމްގެ ސޮން އަށް ހުރަސް އަޅަން ބްރައިޓަންގެ ތާރިގް ލަމްޓީ މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޓޮޓެންހަމާއި ބްރައިޓަން ބައްދަލުކުރި މެޗުގައި ޓޮޓެންހަމްގެ ސޮން އަށް ހުރަސް އަޅަން ބްރައިޓަންގެ ތާރިގް ލަމްޓީ މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މި މޮޅާ އެކު ޔުނައިޓެޑް ފަސްވަނައިގައި އޮތީ 32 މެޗު ކުޅެގެން 54 ޕޮއިންޓް ހޯދައިގެންނެވެ. ހަވަނައިގައި އޮތް އާސެނަލް 31 މެޗު ކުޅެގެން ވަނީ ޔުނައިޓެޑާ އެއްވަރަށް 54 ޕޮއިންޓް ހޯދައިފަ އެވެ. އަދި 32 މެޗުން 57 ޕޮއިންޓް ހޯދައިގެން ހަތަރު ވަނައިގައި އޮތީ ޓޮޓެންހަމް އެވެ. އާސެނަލް އާއި ޓޮޓެންހަމް ވެސް މިރޭ ލީގުގައި ކުޅުނު މެޗުތަކުން ވަނީ ބަލިވެފަ އެވެ.

ޓޮޓެންހަމް އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ބަލިވީ 1-0 އިންނެވެ. ބްރައިޓަންގެ ހަމައެކަނި ލަނޑު 90 ވަނަ މިނިޓުގައި ޖަހައިދިނީ ލިއަންޑްރޯ ޓޮރޮސާޑް އެވެ. ރަށުން ބޭރުގައި އާސެނަލް ވެސް މިރޭ ބަލިވީ ހަމަ މި ނަތީޖާއިންނެވެ. ސައުތެމްޓަންއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގެ 44 ވަނަ މިނިޓުގައި ސައުތެމްޓަންގެ ލަނޑު ޖަހައިދިނީ ޔާން ބެނަރެކް އެވެ.

މެޗުން މޮޅުވެގެން ސައުތެމްޓަން، ލީގުގެ 12 ވަނައަށް ޖެހިލިއިރު، 11 ވަނައިގައި އޮތީ މިރޭ 2-1 އިން ވަޓްފޯޑް ބަލިކުރި ބްރެންޓްފޯޑެވެ. ބްރެންޓްފޯޑާއި ސައުތެމްޓަނަށް ވެސް ވަނީ 39 ޕޮއިންޓް ލިބިފަ އެވެ. އަދި ޓޮޓެންހަމް ބަލިކުރި ބްރައިޓަން ވަނީ ނުވަވަނައިގައި އޮތް ލެސްޓާ ސިޓީއާ އެއްވަރަށް، 40 ޕޮއިންޓް ހަމަކޮށްގެން 10 ވަނައަށް ޖެހިލައިފަ އެވެ.