Roadha Mihaaru

ހިޔާ ފްލެޓެއްގެ ބެލްކަނީގައި ރޯވެ ގެއްލުންވެއްޖެ

ހުޅުމާލޭ ހިޔާ ފްލެޓެއްގައި ރޭ ފަތިހު އަލިފާނުގެ ހާދިސާއެއް ހިނގައި ބައެއް ތަކެއްޗަށް ގެއްލުންވެއްޖެ އެވެ.

ހިޔާ ފްލެޓެއްގެ ބެލްކަނީގައި ރޯވެ ގެއްލުންވެއްޖެ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

18 އެޕްރީލް 2022

ހުޅުމާލޭ ހިޔާ ފްލެޓެއްގައި ރޭ ފަތިހު އަލިފާނުގެ ހާދިސާއެއް ހިނގައި ބައެއް ތަކެއްޗަށް ގެއްލުންވެއްޖެ އެވެ.

އަލިފާން ރޯވީ 12 ވަނަ ޓަވަރުގެ 23 ވަނަ ފްލޯގެ އަށް ވަނަ އެޕާޓްމަންޓްގަ އެވެ.

އެތަނުގައި އަލިފާން ރޯވެފައިވާ ވީޑިއޯއެއް އާންމުވެފައިވާއިރު އޭގައި ފެންނަނީ އެތަނުގައި ހުރި ދޮންނަ މެޝިނުގައި ވަރަށް ބޮޑަށް ރޯވެ އަނދަނިކޮށެވެ. އަލިފާންގަނޑު ނިއްވާލި އިރު މެޝިން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.

ރޯވީ މަތިން ވައްޓާލި ސިނގިރެޓް ފިލްޓަރަކުން ކަމަށް ބުންޏަސް އެކަން ކަށަވަރެއް ނުވެ އެވެ.

ރޯވި ފްލެޓްގެ މަތީ ފްލޯގައި އުޅޭ މީހަކު ބުނީ އެ ފްލެޓްގައި ސިނގިރޭޓް ބޯ މީހަކު ނޫޅޭ ކަމަށާއި އަލިފާން ރޯވެގެން އުޅޭކަން އެންގީ ވެސް އެ މީހުން ތިރިއަށް ގޮސްގެން ކަމަށެވެ. އަލިފާން ނިއްވަން އުޅުނު އިރު މެޝިން މަތީގައި ސިނގިރެޓް ފޮއްޓެއް ވެސް އޮތް ކަމަށް އޭނާ ބުންޏެވެ.

ބެލްކަނީގައި ހުރި ކުނި ކޮތަޅު ވެސް ހުރީ އަލިފާން ރޯވެފަ އެވެ. އަލިފާން ނިއްވާލި އިރު މުޅި އެޕާޓްމަންޓް އޮތީ ދުމުން ފުރިފަ އެވެ.

ވެއްޓުނު ސިނގިރޭޓް ފިލްޓަރުން ބެލްކަނީގައި ރޯވެފައި.

ވެއްޓުނު ސިނގިރޭޓް ފިލްޓަރުން ބެލްކަނީގައި ރޯވެފައި.

އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ ރިޕޯޓް ލިބުނީ ފަތިހު 4:25 ގަ އެވެ. އެކަމަކު އެމްއެންޑީއެފުން ދިޔައިރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އެތަނުން ބުންޏެވެ.

އެ ހިސާބަށް އެމްއެންޑީއެފުން ދާން ހޭދަވީ ކިހާ ވަގުތެއް ކަމެއް ނޭނގެ އެވެ.

ހިޔާ ފްލެޓްތަކުގައި އާންމުކޮށް މީހުން އުޅެން ފެށުމުގެ ކުރިން، މަތިން ވައްޓާލި ފިލްޓަރަކުން އެހެން އެޕާޓްމަންޓެއްގެ ބެލްކަނީގައި ހުރި ކުނިތަކެއްގައި ރޯވިކަން އެނގިފައިވެ އެވެ. އެކަމަކު މިއީ މީހުން އުޅެން ފެށި ފަހުން ހިނގި މިފަދަ ފުރަތަމަ ހާދިސާ ކަމަށް ބެލެވެ އެވެ.

ފްލެޓްތަކުގައި އުޅޭ މީހުން އުކާ ސިނގިރޭޓް ފިލްޓަރުތައް ބެލްކަނިތަކަށް ވެއްޓޭތީ މީގެ ކުރިން ވެސް މީހުން ޝަކުވާކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ޓަވަރުތަކުގެ ތިރިއަށް އަޅާފައި ހުންނަ ކުނިތަކުގައި އަލިފާން ރޯވުން ވެސް އާންމުވެފައި ވާއިރު ސިނގިރޭޓް ފިލްޓަރުން އެތައް ފަހަރަކު މިފަދަ ހާދިސާތައް ހިނގާފައިވެ އެވެ.