Roadha Mihaaru
ހިޔާ ފްލެޓުތައް ކައިރީ މިހާތަނަށް ފަސް ފަހަރު ރޯވެއްޖެ

ހިޔާ ފްލެޓުތައް ސަރަހައްދުގައި ފަސް ފަހަރު ރޯވެއްޖެ، ބެލެވެނީ ގަސްތުގައި ކަމަށް

06 އޮކްޓޯބަރ 2021

ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތައް ހުންނަ ސަރަހައްދަށް ޖަމާކޮށްފައި ހުންނަ ކުނިތަކުގައި މިހާތަނަށް ފަސް ފަހަރު އަލިފާން ރޯވެފައިވާ ކަމަށާއި މިއީ ބަޔަކު ގަސްތުގައި ކުރާ ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށް ހިޔާ ޔޫނިއަން އިން ބުނެފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތައް ހުންނަ ސަރަހައްދަށް ޖަމާކޮށްފައި ހުންނަ ކުނިތަކުގައި މިހާތަނަށް ފަސް ފަހަރު އަލިފާން ރޯވެފައިވާ ކަމަށާއި މިއީ ބަޔަކު ގަސްތުގައި ކުރާ ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށް ހިޔާ ޔޫނިއަން އިން ބުނެފި އެވެ.

އިއްޔެ އިރުއޮއްސުނު ވަގުތުވެސް ހިޔާ ފްލެޓުތަކުގެ އެޗް 3 އަދި އެޗް 4 އާ ދެމެދުގައި ހުރި ކުނިތަކެއްގައި ރޯވެގެން، ފަޔާ އެންޑް ރެސްކިއު އިން ގޮސް އަލިފާން ނިއްވާލާފައިވެ އެވެ.

ހިޔާ ޔޫނިއަން އިން ބުނީ މީގެ ކުރިން ގިނައިން ރޯކުރީ އެޗް10 ގެ ކުރިމަތީގައި ކަމަށެވެ.

ބައެއް އާއިލާތަކުން މިހާރު ފްލެޓްތަކުގައި ދިރިއުޅެން ވެސް ފަށާފައި ވާއިރު، ފިނިޝިންގެ މަސައްކަތް ކުރަމުން އަންނަ ފްލެޓްތަކުން އުފެދޭ ކުނި އެއްކުރަނީ ދެ ފުލެޓު ދޭތެރޭ ހުންނަ ޖާގައަށެވެ. ހިޔާ ޔޫނިއަން އިން ބުނީ އެ ސަރަހައްދަށް ކުނި ގިނަވެ މިހާރު ބައެއް ޓަވަރުތަކަށް ވަންނަން އުނދަގޫވާ ވަރަށް ކުނި ޖަމާވެފައިވާ ކަމަށެވެ.

"ރޯކޮށްލަނީ ޓަވަރުތަކުން ކުނި ނެރެފަ ދެ ޓަވަރު ދޭތެރޭގައި ބަހައްޓާފަ ހުންނަ ކުނި ފުނިތަކުގަ. އެ ކުނިތައް އެޗްޑީސީން އޭރު ހުރީ ނުނަގާ. ފަހުން ދެން އެޗްޑީސީން ކުނި ނުނެގީއޭ ކިޔާފަ އެތަންތަނުގައި ބަޔަކު ނުކުމެ ރޯކުރުން އެއީ ހަމަޖެހޭ އުސޫލެއް ނޫން،" ހިޔާ ޔޫނިއަން އިން ބުންޏެވެ.

ޔޫނިއަން އިން ބުނީ މިއީ އެންމެންގެ ސަލާމަތާއި މުދަލަށް ހުރި ނުރައްކަލެއް ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށެވެ.

"ކޮންމެ ފަހަރަކު ވެސް ސިނގިރެޓު ފިލްޓަރު ވެއްޓިގެން ނޫނީ ކޮންމެވެސް އެކަހަލަ ކަމެއް ވެގެން ކަމަށް ބުނަނީ. އެކަމަކު މިހާރު ކޮންމެ ފަހަރަކު އެހެން ވާތީ ގަބޫލުކުރަން ދަތި."

ފުލެޓުތައް ދޭތެރެއަށް ޖަމާވާ ކުނި އެޗްޑީސީން ނުގަނާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރުމުން، ފުލެޓުތަކާ ތަންކޮޅެއް ދުރަށް ކުނި އެޅުމަށް އެޗްޑީސީން އަންގާފައިވާ ކަމަށް ހިޔާ ޔޫނިއަން އިން ބުންޏެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލް އަލީ މަޝާރު ވިދާޅުވީ ތަކުރާރުކޮށް ކުނިތަކުގައި ރޯކުރާ ކަމުގެ ޝަކުވާ ލިބިފައި ނުވިޔަސް އިއްޔެގެ ހާދިސާއަށް އެޗްޑީސީން އެޓެންުޑުވެ އަލިފާން ނިއްވާލާފައިިވާ ކަމަށެވެ.

ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ޖާގަތަކުން ހުއްޓާނުލައި އެޗްޑީސީން ކުނި ނަގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް 6،000 އެއްހާ ޔުނިޓުން ނެރޭ ކުނި އެހާ އަވަހަށް ހުސް ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ ތިން މަސްތެރޭ އެކަން ހައްލުކުރުން، ކުލި ނަގަން ވާއިރަށް،" މަޝާރު ވިދާޅުވި އެވެ.