Roadha Mihaaru
ހައި ކޯޓުން ވެސް މިފަހަރު އައްމަޓީ ބަންދެއް ނުކުރި

ހައި ކޯޓުން ވެސް މިފަހަރު އައްމަޓީ ބަންދެއް ނުކުރި

15 މެއި 2022

ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ދަށު ކޯޓުން ބަންދުން ދޫކޮށްލިޔަސް، އޭނާ އަލުން ބަންދުކުރެވެން ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ދަށު ކޯޓުން ބަންދުން ދޫކޮށްލިޔަސް، އޭނާ އަލުން ބަންދުކުރެވެން ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އެއަށް ޚިޔާނާތްތެރިވި ކަމަށް ބުނެ އައްމަޓީގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން ބަންދުކުރި އައްމަޓީ މީގެކުރިން ދެ ފަހަރަށް ދޫކޮށްލުމުން ވެސް އޭނާ އަލުން ބަންދުކުރީ ހައި ކޯޓުގެ އަމުރަށެވެ.

އެކަމަކު މިދިޔަ މާޗް މަހު ކްރިމިނަލް ކޯޓުން ތިން ވަނަ ފަހަރަށް އައްމަޓީ ދޫކޮށްލި އެވެ. އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ މިއަދު އިއްތިފާގުން ނިންމެވީ ދަށު ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ.

އައްމަޓީ އަލުން ބަންދުކުރަން ދައުލަތުން އެދުނީ އޭނާ ފިލާފާނެ ކަމަށް ބުނެ އެވެ. އެއީ އޭނާ ރާއްޖެ ނައިސް ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅެފައިވާތީ އެވެ. އެކަމަކު ހައި ކޯޓުގެ ހުކުމުގައިވަނީ އޭނާގެ ޕާސްޕޯޓްގެ މުއްދަތު ހަމަވެފައި އޮތުމުންނާއި އޭނާ ފުރުން މަނާކުރުމުގެ އަމުރެއް އޮތުމުން އޭނާ އެ ފުރުސަތު މިހާރު ނެތް ކަމަށެވެ.

މީގެ އިތުރުން އޭނާ އާ ޕާސްޕޯޓެއް ހައްދަން އިމިގްރޭޝަނަށް ހުށަހަޅައިފި ނަމަ، އެކަން ކްރިމިނަލް ކޯޓަށް އަންގަން އެ ކޯޓުން އަމުރު ކޮށްފައި އޮތުމުންންނާއި ކޮންމެ ދުވަހަކު ކަރެކްޝަނަލް ސާވިސްއަށް ހާޒިރުވާން ޖެހޭ ގޮތަށް ޝަރުތު ކޮށްފައި އޮތުމުން ފިލުމުގެ ފުރުސަތު ނެތިކޮށްލެވޭ ފަދަ ފިޔަވަޅުތަކެއް ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުގައި އަޅާފައިވާ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

އައްމަޓީގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަކީ ވެސް ކަފާލާތުގެ ދަށުން ނުވަތަ ޝަރުތުތަކާ އެކު ބަންދުން ދޫނުކުރެވޭނެ ފަދަ ކުށެއް ނޫން ކަން ވެސް ހައި ކޯޓުން ފާހަގަ ކޮށްފައިވެ އެވެ. އަދި ބަންދުކުރަން ޖެހޭ ސަބަބެއް އޮތަސް، ކޯޓަށް ހާޒިރުވާނެ ކަން ނުވަތަ ނުފިލާނެ ކަން ކަށަވަރު ކުރުމަށްފަހު ބަންދުން ދޫކުރެވިދާނެ ކަމަށް އެ ހުކުމުގައިވެ އެވެ.

ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލެވެ.

އައްމަޓީ މިފަހަރު ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން ފުރަތަމަ ނިންމީ އިސްތިއުނާފް މުއްދަތު ހަމަވެފައިވާ ކަމަށް ބުނެ މައްސަލަ ބޭރުކޮށްލުމަށެވެ. އަލުން އެ މައްސަލަ ބެލީ ސުޕްރީމް ކޯޓުގެެ އެންގުމަށެވެ.