Roadha Mihaaru
"ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރެވެން ޖެހޭނެ"

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރެވެން ޖެހޭނެ: ދައުލަތް

31 އޯގަސްޓް 2023

މަރުގެ މައްސަލަތަކުގައި އިސްލާމީ ޝަރީއަތުގެ ދަށުން އިއްވާ މަރުގެ އަދަބުތައް ރާއްޖޭގައި ތަންފީޒު ކުރެވެން ޖެހޭނެ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަރުގެ މައްސަލަތަކުގައި އިސްލާމީ ޝަރީއަތުގެ ދަށުން އިއްވާ މަރުގެ އަދަބުތައް ރާއްޖޭގައި ތަންފީޒު ކުރެވެން ޖެހޭނެ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

ރާއްޖޭގައި މަރަން ހުކުމް ކޮށްފައިވާ އެތައް ބަޔަކު ތިއްބަސް، ރާއްޖޭގައި ފަހުގެ ތާރީހެއްގައި މަރުގެ އަދަބެއް ތަންފީޒެއް ނުކުރެ އެވެ.

ކ. ކާށިދޫގައި 2012 ވަނަ އަހަރު ފުލުހަކު މަރާލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ މުހައްމަދު ސަމާހުގެ މައްސަލާގައި ދައުލަތުން ސުޕްރީމް ކޯޓުގައި އެގޮތަށް ބުނީ އާދަމް ހަލީމްގެ ވާރިސުންގެ ތެރެއިން ބާލިއުނުވާ ކުޑަކުއްޖާ ބޮޑުވަންދެން މަރުގެ އަދަބު ފަސްކުރަން ޖެހޭނެތޯ ބެންޗުން ކުރެއްވި ސުވާލުގަ އެވެ.

ދައުލަތުން ބުނީ ވާރިސުންގެ ގޮތުގައި ތިބި ކުޑަކުދިން ބޮޑުވަންދެން މަރުގެ އަދަބު ފަސްކުރަން ޖެހޭނެ ކަމަށް އިސްލާމީ ބައެއް އިލްމުވެރިން ވިދާޅުވެފައި ވިޔަސް، އެގޮތަށް މަޑުކުރަން ނުޖެހޭ ސުންނަތް ޖަމާއަތުގެ އެހެން ބައެއް އިލްމުވެރިންގެ ވިދާޅުވާ ކަމަށެވެ. އަދި ރާއްޖޭގައި އަމަލުކުރަނީ އެގޮތަށް ކަމަށް ދައުލަތުން ބުންޏެވެ.

އެގޮތަށް ދައުލަތުން ބުނުމުން، ރާއްޖޭގައި މަރަން ހުކުމް ކުރިޔަސް މަރުގެ އަދަބު ތަންފީޒު ނުކުރާކަން ބެންޗުން ފާހަގަ ކުރެއްވި އެވެ. އެހެންވީއިރު މަރުވި މީހާގެ ވާރިސުންގެ ގޮތުގައި ތިބި ކުޑަކުދިން ބޮޑުވަންދެން މަޑު ނުކުރަންވީ ކީއްވެގެންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ ރާއްޖޭގެ ގާނޫނުތަކާއި އުސޫލުތައް ލިޔެވިފައި ހުރީ މަރުގެ އަދަބު ދެވޭ ގޮތަށް ކަމަށެވެ. އަދި މަރަން ހުކުމް ކޮށްފައިވާ ބައެއް މީހުން ތިބިކަން ފާހަގަކޮށް، ކޯޓުން ހުކުމް ކުރުމުން މަރުގެ އަދަބަކީ ތަންފީޒު ކުރެވެން ޖެހޭނެ އަދަބެއް ކަމަށް ދައުލަތުން ބުންޏެވެ.

"ހުކުމް ތަންފީޒު ކުރުމަށްޓަކައި ކަނޑައަޅަންޖެހޭ އުސޫލުތައް ގާނޫނުތަކުގެ ދަށުން ވެސް ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ވަނީ ހެދިފައި. އެހެންވީމަ ގާނޫނީ ގޮތުން އެކަން އޮތްގޮތަށް ބަލާނަމަ ކޯޓަކުން ހުކުމް ކޮށްފައި ވީމަ އެ ހުކުމްތަކަކީ ތަންފީޒު ކުރެވެން ޖެހޭނެ ހުކުމެއް،" ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި އިސްލާމީ ޝަރީއަތުގައި މަރުގެ އަދަބަކީ މަރުވި މީހާގެ ވާރިސުންގެ ހައްގެއް ކަމަށް ވާތީ އެފަދަ މައްސަލަތަކުގައި އަވަހަށް އިންސާފު ލިބެން ޖެހޭނެ އެވެ. އެހެންވުމުން ވާރިސުންގެ ގޮތުގައި ތިބި ކުޑަކުދިން ބޮޑުވަންދެން މަޑުނުކޮށް، މަރުގެ އަދަބު ތަންފީޒު ކުރެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން ބައްލަވާ އެ މައްސަލާގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފަ އެވެ. އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒުކުރީ ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި 1953 ވަނަ އަހަރު އެވެ.