Roadha Mihaaru
ފަތިސް 05:05
އިރުއަރާ 06:19
މެންދުރު 12:23
އަސްރު 15:42
މަގްރިބް 18:19
ޢިޝާ 19:34
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ސުންނަތުން ހުކުމް ނެގުމުގައި އިލްމުވެރިންގެ އުސޫލުތައް

ސުންނަތުން ހުކުމް ނެގުމުގައި އިލްމުވެރިން ތަބާވާ އުސޫލުތައް

21 އެޕްރީލް 2022

ނަބަވީ ސުންނަތަކީ ޝަރުއީ ހުކުމެއް ބަޔާން ކޮށްދެއްވުމުގެ ގޮތުން ކީރިތި ނަބިއްޔާ ﷺ ހަދީސްފުޅު ކުރެއްވެވި ބަސްފުޅުތަކާއި އެކަލޭގެފާނު އަމަލު ކުރެއްވެވި ގޮތްތަކާއި އެކަލޭގެފާނުގެ ކުރިފުޅުމަތީ ހިނގަނިކޮށް އެކަމެއް މަނާ ނުކުރައްވައި ދޫކޮށްލެއްވެވި ކަންކަމެވެ. މި ތިން ގިންތި އަށް ނުފެތޭ ގޮތުގައި އެކަލޭގެފާނު ނުކޮށް ދޫކޮށްލެއްވި ކަންކަމަކީ ތަބާވާން ޖެހޭ ސުންނަތެއް ނޫނެވެ.

ޑރ. ސަޢުދުﷲ ޢަލީ ޑރ. ސަޢުދުﷲ ޢަލީ

ނަބަވީ ސުންނަތަކީ ޝަރުއީ ހުކުމެއް ބަޔާން ކޮށްދެއްވުމުގެ ގޮތުން ކީރިތި ނަބިއްޔާ ﷺ ހަދީސްފުޅު ކުރެއްވެވި ބަސްފުޅުތަކާއި އެކަލޭގެފާނު އަމަލު ކުރެއްވެވި ގޮތްތަކާއި އެކަލޭގެފާނުގެ ކުރިފުޅުމަތީ ހިނގަނިކޮށް އެކަމެއް މަނާ ނުކުރައްވައި ދޫކޮށްލެއްވެވި ކަންކަމެވެ. މި ތިން ގިންތި އަށް ނުފެތޭ ގޮތުގައި އެކަލޭގެފާނު ނުކޮށް ދޫކޮށްލެއްވި ކަންކަމަކީ ތަބާވާން ޖެހޭ ސުންނަތެއް ނޫނެވެ.

ނަބަވީ ސުންނަތަކީ އިސްލާމީ ޝަރީއަތުގެ ދެވަނަ އަސްލީ މަސްދަރެވެ. އެހެންކަމުން އިންސާނުންގެ އަމަލުތަކުން އަމަލަކާ މެދު ދީނީ ގޮތުން އޮތް ހުކުމް ކަނޑައެޅުމުގައި ކީރިތި ޤުރްއާނަށް ފަހު ދެން ރުޖޫއަވާން ޖެހޭނީ ސުންނަތަށެވެ. ނަމަވެސް މިއިން ކޮންމެ މަސްދަރަކުން ވެސް ހުކުމްތައް ނެގުމުގައި ވަކި އުސޫލުތަކަކަށް ތަބާވާން ޖެހޭތީ ސުންނަތުން ހުކުމް ނެގުމުގައި ވެސް ވަކި އުސޫލުތަކަކަށް ތަބާވާން ޖެހެ އެވެ. މީގެ ބޭނުމަކީ ހައްދު ފަހަނަޅައިފައިވާ ބައެއްގެ ބަދަލުކުރުންތަކަށް ނުވަތަ ބާތިލު ގޮތުގައި ތިބި ބައެއްގެ ދޮގު ދައުވާތަކަށް ނުވަތަ ޖާހިލު ބައެއްގެ ތައުވީލުތަކަށް ނޭނގި ތިބެ ރުޖޫއަ ވެވޭ ގޮތް ވެދާނެތީ އެކަމުން ސަލާމަތް ވުމެވެ.

އެހެންވެ މި ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ސުންނަތުން ހުކުމްތައް ނަގާއިރު އަންނަނިވި އުސޫލުތަކަށް އިސްލާމީ މުޖުތަހިދު އިލްމުވެރިން (ފިގުހު އިލްމުވެރިން) ތަބާވެ އެވެ.

ފުރަތަމަ އުސޫލު: ސުންނަތުގެ ސައްހަކަން ކަށަވަރު ކުރުން.

ހަދީސް އިލްމުވެރިން ކަނޑައަޅުއްވަވާފައިވާ މިންގަނޑުތަކުގެ އަލީގައި ކޮންމެ ހަދީސެއްގެ ސަނަދާއި (އެބަހީ، ރިވާވެގެން އައިސްފައިވާ ގޮތުގެ ސިލްސިލާ އާއި) އޭގެ މަތުނު (އޭގައިވާ ބަސް) އެއީ ސައްހަ އެއްޗެއްތޯ ނުވަތަ ނޫންތޯ އިލްމުވެރިން ބަލަ އެވެ. ސަނަދުގެ ސައްހަކަން ބަލަނީ ކީރިތި ރަސޫލާ ﷺ އާ ހަމައިން ފެށިގެން އެ ހަދީސެއް ރިވާ ކުރެވެމުން ދިއުމުގައި ކޮންމެ ޖީލެއްގައި ވެސް އަދުލުވެރި، ބަރާބަރަށް ނަގުލު ކުރައްވާ ރާވީންތަކެއް ތިއްބެވިކަން ކަށަވަރު ކޮށްގެންނެވެ. މިކަން ކަށަވަރުވާ މިންވަރެއްގެ މައްޗަށް ބަލައި ހަދީސްތައް ގިންތި ކުރެވެ އެވެ.

މަތުނުގެ ސައްހަކަން ބަލަނީ އޭގައިވާ ބަސް އެއީ ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވަފާނެ ފަދަ ބަސްފުޅެއްތޯ ނުވަތަ ކުރައްވަފާނެ ފަދަ ކަމެއްތޯ ދީނުގެ އެހެން ނައްސުތަކުގެ އަލީގައި އަޅައި ކިޔައި ކަށަވަރުކޮށްގެންނެވެ.

ދެވަނަ އުސޫލު: ސައްހަކަން ކަށަވަރުވި ނައްސު ރަނގަޅަށް ދޭހަވުން.

ނައްސު ދޭހަވުމަށްޓަކައި އަންނަނިވި ކަންކަން ލާޒިމުވެ އެވެ.

• ނައްސުގައިވާ ކަލިމަތަކުގެ ތަފާތު މާނަތައް އެނގުން.

• އެ ނައްސެއްގައި ބުނާ އެއްޗެއް ބުނަމުން އެ ގެންދެވޭ އޭގެ ސިޔާގު (ނުވަތަ ކޮންޓެކްސްޓް) ދޭހަވުން.

• އެ ނައްސެއް ރިވާކުރެވުނު ސަބަބު ނުވަތަ ސަބަބުތައް އެނގުން.

• ކީރިތި ޤުރުއާނުގައި އަދި ސުންނަތުގައިވާ އެހެން ނައްސުތަކާއި އެ ނައްސަކާ ގުޅުން އޮންނަ ވަރު އެނގުން.

• ދީނުގެ މައިގަނޑު ފަސް މަގްސަދާއި މައިގަނޑު އެހެން އުސޫލުތައް ނައްސާ ގުޅޭ ވަރު އެނގުން.

• ޝަރުއީ ހުކުމެއް ބަޔާން ކުރުމުގެ ގޮތުން އައިސްފައިވާ ނައްސެއްކަން ނުވަތަ ނޫންކަން ދެނެގަތުން.

• ނައްސުގައި ވަނީ އާންމު ކަމެއްތޯ ނުވަތަ ހާއްސަ ކަމެއްތޯ ދެނެގަތުން.

• ނައްސުގައި ވަނީ މަންސޫހު ވެފައިވާ ކަމެއްތޯ ނުވަތަ ނޫންތޯ ދެނެގަތުން.

މި ކަންކަމާއި މި ނޫނަސް މިފަދަ އެހެން ކަންކަމަށް ވިސްނައިގެން ނޫނީ ނައްސުގައި ބުނާ އެއްޗެއް އެންމެ ރަނގަޅަކަށް ދޭހައެއް ނުވާނެ އެވެ.

ތިންވަނަ އުސޫލު: ތައާރުޒުވާ އެހެން ނައްސެއް ނެތްކަން ކަށަވަރު ކުރުން.

ތައާރުޒު ވަނީ ކީރިތި ޤުރްއާނުގެ ނައްސެއް ނަމަ އެ ސަރީހަ ކަމުގައިވާ ނަމަ ތައާރުޒުވާކަން ކަށަވަރުވީ އެވެ. ސުންނަތުގެ ނައްސެއް ނަމަ ސަނަދާއި މަތުނުގެ ގޮތުން ސައްހަކަން ބޮޑު ނަމަ ނުވަތަ ރިވާޔަތްތަކުގެ އަދަދުގެ ގޮތުން ގިނަ ނަމަ ނުވަތަ އިސްލާމީ މައިގަނޑު އުސޫލުތަކާ މާބޮޑަށް ގުޅޭ ނަމަ ނުވަތަ ތަޝްރީއު ކުރުމުގެ ހިކުމަތާ ނުވަތަ އިސްލާމީ ޝަރީއަތުގެ މައިގަނޑު މަގްސަދުތަކާ މާ ގާތްކަން ބޮޑު ނަމަ ތައާރުޒުވާކަން ކަށަވަރުވީ އެވެ.

މި އުސޫލުތަކަށް ތަބާނުވެ ސުންނަތުން ހުކުމްތައް ނަގަން މަސައްކަތް ކޮށްފި ނަމަ ކުރިން ދެންނެވި ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެ އެވެ.

ދެން އޮތީ އެ ނުރައްކާތަކުން ސަލާމަތް ވިއަސް އިލްމުވެރިންގެ މެދުގައި އިހުތިލާފުތައް ހުރުމެވެ. ހަގީގަތުގައި މި އުސޫލުތަކަށް ތަބާވެގެން ހުކުމް ނެރެފައިވާ ނަމަ އިހުތިލާފު ކޮންމެ ރައުޔަކީ ވެސް ބަލައިގަނެވޭނެ ރައުޔެކެވެ. އެ ތަނުން ވަކި ރައުޔެއް އެކަނި އެއީ ސުންނަތް ކަމަށް ހަދަން މަސައްކަތް ކުރުމަކީ ހަގީގަތުގައި ވަކި ރައުޔަކަށް ބުރަވުމެވެ.