Roadha Mihaaru
ފަތިސް 05:05
އިރުއަރާ 06:19
މެންދުރު 12:23
އަސްރު 15:42
މަގްރިބް 18:19
ޢިޝާ 19:34
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ހަ ރޯދަ: މުޅި އަހަރު ރޯދަހިފުން ފަދަ، ދޫނުކުރާތި!

ހަ ރޯދަ: މުޅި އަހަރު ރޯދަހިފުން ފަދަ، ދޫކޮށްލާކަށް ނުވާނެ!

03 މެއި 2022

ރަމަޟާން މަސް ނިމުމާ އެކު ޝައްވާލު މަހުން ހަ ރޯދަ ހިފުން އިސްލާމް ދީނުގައި ޝަރުއު ކުރެވިފައިވެ އެވެ. ހަނަފީ މަޒުހަބާއި މާލިކީ މަޒުހަބުގެ ބައެއް އިލްމުވެރިން ފިޔަވައި ހުރިހާ މަޒުހަބުތަކެއްގެ އިލްމުވެރިން ވެސް ވިދާޅުވާ ގޮތުގައި ޝައްވާލު މަހުގެހަ ރޯދަ ހިފުމަކީ މުސްތަހައްބު ވެގެންވާ ކަމެކެވެ.

ޑރ. ސަޢުދުﷲ ޢަލީ ޑރ. ސަޢުދުﷲ ޢަލީ

ރަމަޟާން މަސް ނިމުމާ އެކު ޝައްވާލު މަހުން ހަ ރޯދަ ހިފުން އިސްލާމް ދީނުގައި ޝަރުއު ކުރެވިފައިވެ އެވެ. ހަނަފީ މަޒުހަބާއި މާލިކީ މަޒުހަބުގެ ބައެއް އިލްމުވެރިން ފިޔަވައި ހުރިހާ މަޒުހަބުތަކެއްގެ އިލްމުވެރިން ވެސް ވިދާޅުވާ ގޮތުގައި ޝައްވާލު މަހުގެހަ ރޯދަ ހިފުމަކީ މުސްތަހައްބު ވެގެންވާ ކަމެކެވެ.

އަބޫއައްޔޫބުލް އަންސާރީގެ ކިބައިން ރިވާވެގެންވާ ގޮތުގައި ކީރިތި ރަސޫލާ ﷺ ހަދީސްފުޅު ކުރައްވަނީ "ރަމަޟާން މަހުގެ ރޯދަ ފުރިހަމަ ކުރުމަށް ފަހު އެއާ ވިދިގެން ޝައްވާލު މަހުން ހަރޯދަ ހިފައިފި މީހަކު މުޅި އަހަރު އެކީ ރޯދަ ހިފި މީހެކޭ އެއްފަދަ އެވެ." އަދި ސަވްބާންގެ ކިބައިން ރިވާވެގެންވާ ހަދީސެއްގައި، އަހަރު އެކީ ރޯދަ ހިފުމަކީ ކޮބައިކަން ބަޔާން ކޮށްފައި ވެ އެވެ. އެއީ ކޮންމެ ރޯދައަކީ އޭގެ 10 ގުނަ ކަމަށް ބަލައިގެންނެވެ.

ޝައްވާލުމަހުގެ ހަ ރޯދައިގެ މާތްކަން

ރަމަޟާން މަހުގެ ރޯދަ ހިފުމަށް ފަހު އެއާ ވިދިގެން ޝައްވާލުމަހުގައި ހަރޯދަ ހިފުމަކީ އޭގައި އަންނަނިވި މަންފާތައް ހިމެނޭ ކަމެކެވެ.

• މަތިވެރިވެގެންވާ ދަރުމަ ލިބިގެންދާ ކަމެއް ކަމުގައި ވެ އެވެ. ސަބަބަކީ ރަމަޟާން މަހުގެ ރޯދަ އަށް ފަހު ހަ ރޯދަ ހިފުމަކީ މުޅި އަހަރު އެއްކޮށް ރޯދަ ހިފުން ފަދަ ކަމެއް ކަމުގައި ވެގެން ވާތީ އެވެ. އަދި ރޯދައިގެ ސަވާބަކީ އޭގެ މިންވަރު ސިއްރެއްގެ ގޮތުގައި އޮންނަ ކަމަކަށް ވާތީ އެވެ.

• ފަރުލު ރޯދަ ހިފުމުގައި ހެދޭ ކުށްތަކުގެ ކައްފާރާއެއް ކަމުގައި ވެ އެވެ. ރަވާތިބު ސުންނަތްތަކުން ފަރުލު ނަމާދުގައި ކުރެވޭ ކުށްތަކަށް ކައްފާރާއަކަށް ވާ ފަދައިންނެވެ. އަނަސްބުނު ހަކީމްގެ ކިބައިން އަބޫދާއޫދު ރިވާ ކުރައްވާފައި ވެ އެވެ. ނަބިއްޔާ ﷺ ހަދީސް ކުރެއްވި އެވެ. "ގިޔާމަތް ދުވަހުން މީސްތަކުންގެ ހިސާބު ކުރާއިރު އެންމެ ފުރަތަމަ ބައްލަވާނީ އެ މީހުންގެ ނަމާދަށެވެ. ﷲ މަލާއިކަތުންނަށް ވަހީ ކުރައްވާނެ އެވެ. ތިމަން ﷲ ގެ އަޅާގެ ނަމާދު ފުރިހަމަތޯ ބައްލަވާށެވެ! ފުރިހަމަ ނަމަ ފުރިހަމަ ކަމަށް ލިޔުއްވާށެވެ! ފުރިހަމަ ނޫން ނަމަ އަޅާގެ އެއްވެސް ތަތައްވުއެއް (އެބަހީ ސުންނަތް ނަމާދެއް) އޮތްތޯ ބައްލަވާށެވެ! އޮތް ނަމަ އެ އިން އޭނާގެ ފަރުލު އަޅުކަން ފުރިހަމަ ކުރައްވާށެވެ! ދެން އެހެން އަމަލުތައް ވެސް މި ފަދައިން ހިސާބު ކުރައްވާށެވެ!"

• ރޯދައިގެ އަޅުކަން ގަބޫލު ކުރެވުނު ކަމުގެ ދަލީލެއްގެ ގޮތުގައި ވެ އެވެ. އެހެނީ މި ކަމުގައި ﷲ އިންސާނާ އަށް ތައުފީގު ދެއްވައިފި ނަމަ އެއީ އޭގެ ކުރީގެ އަޅުކަމުގައި ވެސް ﷲ ތައުފީގު ދެއްވި ކަމަށް ބެލެވޭނެތީ އެވެ. އަދި ނާކާމިޔާބު ވެއްޖެ ނަމަ އެއީ ކުރީގެ އަޅުކަން ކާމިޔާބުވި ކަމާ މެދު ޝައްކު އުފެދޭނެ ކަމަކަށް ވާތީ އެވެ.

• ﷲ އަށް ޝުކުރުވެރިވުމަށް އޮތް ވަރަށް މާތް ވަސީލަތަކަށް ވެ އެވެ. ރަމަޟާން މަހުގެ ރޯދައިގެ އަދަދު ފުރިހަމަ ކުރުމަށް ފަހު ﷲ އަށް ޝުކުރުވެރިވުން އެއީ ރޯދަ ފަރުލު ކުރެވުނު ހިކުމަތްތަކުގެ ތެރޭ ހިމެނޭ ކަމެކެވެ. (އަލްބަގަރާ 185). އެހެންކަމުން ﷲ އަށް ޝުކުރުވެރިވުމަށް އަނެއްކާވެސް ﷲ އަށް ކިޔަމަންތެރިކަން އަދާކުރެވޭ އަޅުކަމެއް ވެގެން ދިއުން އެއީ އަޅުވެތިވުމުގައި ދެމިހުރެވޭކަން ކަށަވަރު ވެސް ވެވޭ ކަމެކެވެ.

• ﷲ އާ ކުއްތަން ވުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމުގައި ވެދެ އެވެ. ގުދުސިއްޔަ ހަދީސެއްގައިވާ ގޮތުން ސުންނަތް އަޅުކަންތައް ކޮށްގެން އަޅާ ﷲ އާ ކުއްތަންވާ ނަމަ ﷲ އެ އަޅާ ދެކެ ލޯބިވެވޮޑިގަންނަވަ އެވެ. އަދި ﷲ އެ އަޅަކު ދެކެ ލޯބިވެ ވޮޑިގެންފި ނަމަ އެ އަޅެއްގެ އަޑު އެހުމާއި ފެނުމާއި އަތާއި ފައިގެ އެންމެހައި އަމަލުތައް ވެގެން ދަނީ ﷲ ގެ ބެއްލެވުމުގެ ދަށުންވާ ކަންކަން ކަމުގަ އެވެ. އެ އަޅާ ކަމަކު އެދެފި ނަމަ އެ ކަމެއް ﷲ ދެއްވަ އެވެ. އެ އަޅާ ކަމަކުން ރައްކާތެރިކަމަށް އެދެފި ނަމަ ރައްކާތެރިކޮށްދެއްވަ އެވެ. (އަބޫހުރައިރާ).

ހަ ރޯދަ ހިފަން ފަށާނީ އަދި ކުރިއަށް ގެންދާނީ ކިހިނެއް؟

• ޝައްވާލުމަހުގެ ހަ ރޯދަ ހިފަން ފަށަން އެންމެ އެދެވިގެން ވަނީ އީދަށް ފަހު އެއާ ވިދިގެންނެވެ. އެއީ ހަ ރޯދައިގެ މާތްކަން ބަޔާންކުރާ ހަދީސްފުޅުގައި "އެއާ ވިދިގެން" މިހެން އޮންނާތީ އެވެ. ނަމަވެސް ހަ ރޯދަ ހިފަން ފަށަން ސީދާ ވަކި ދުވަހެއް ސުންނަތުގައި ބަޔާންކުރެވިފައި ނުވާތީ ޝައްވާލު މަހުން ހަ ދުވަސް ހަމަކުރެވޭނެ ހަމަ ކޮންމެ ދުވަހެއްގައި ވެސް ފެށިދާނެ އެވެ.

• ހަ ރޯދަ ހިފުން ޖެހިޖެހިގެން ގެންދިއުމަކީ ކޮންމެހެން ލާޒިމު ކަމެއް ނޫނެވެ. އެކަމަކު ވެސް ކޮންމެ ހެޔޮކަމެއް ވެސް ވީ އެންމެ އަވަހަކަށް ކުރުން މޮޅު އިތުރުވެގެން ވާތީ ޝާފިއީ މަޒުހަބުގައި ވަނީ ޖެހިޖެހިގެން ހިފުން އައުލާ ކަމުގަ އެވެ. ހަނަފީން ވިދާޅުވަނީ ރަނގަޅީ ކޮންމެ ހަފުތާއަކު ދެ ދުވަހު ހިފަމުން ގޮސް ހައެއް ހަމަ ކުރުމެވެ. ވީމާ މިއީ ވެސް އިހުތިޔާރު އޮތް ކަމެކެވެ.

• ގަޟާ ކުރަން ޖެހޭ ރޯދަ ހުރި މީހަކަށް ގަޟާ ރޯދައިގެ ކުރިން ފުރަތަމަ ހަ ރޯދަ ހިފިދާނެ ކަމަށް ބައެއް އިލްމުވެރިން ވިދާޅުވެ އެވެ. ނަމަވެސް ގަޟާ ރޯދަ އަވަސްކުރުން އެދެވިގެން ވާތީ އާއި އުޒުރުވެރިއެއް ނަމަ ޝައްވާލު މަސް ނިމުމަށް ފަހު ވެސް ހަ ރޯދަ ހިފުން ހުއްދަވާނެތީ އެންމެ މޮޅު ގޮތަކީ ގަޟާ ރޯދަ ކުރިން ހިފުމެވެ. ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި ޝައްވާލުމަހު ރޯދަ ގަޟާ ކުރުމުން ހަ ރޯދަ ހިފުމުގެ ސަވާބު ލިބުމުގެ އުންމީދު ބޮޑެވެ.

• ހަ ރޯދަ ހިފުން ޝައްވާލުމަހާ ގުޅުވައި ހަދީސްފުޅުގައި ވާތީ، ޝައްވާލު މަހަށް ފަހު ހަ ރޯދަ ހިފުން ހުއްދަ ނުވާނެ ކަމަށް ގިނަ އިލްމުވެރިން ވިދާޅުވެ އެވެ. ނަމަވެސް މާލިކީ މަޒުހަބުގެ އިލްމުވެރިން ވިދާޅުވަނީ އަހަރުގެ ކޮންމެ އިރެއްގައި ވެސް ހަ ރޯދަ ހިފިދާނެ ކަމަށެވެ.

• އުޒުރުވެރިއަކަށް ޝައްވާލުމަހުގެ ފަހުން ވެސް ހަ ރޯދަ ހިފިދާނެ އެވެ. މިސާލަކަށް ބަލި މީހަކަށް ނުވަތަ ގަޟާކުރަން ޖެހޭ ގިނަ ރޯދަތަކެއް ހުރި މީހަކަށް އެ ރޯދަތައް ގަޟާ ކޮށްފައި ޝައްވާލުމަހު ހަ ރޯދަ ހިފަން އެއްގޮތަކަށް ވެސް ނުވަތަ އެއިން ބައެއް ވިއަސް ހިފަން ފުރުސަތު ނުލިބޭ މީހާ އެވެ.