Roadha Mihaaru
އިންޑިއާއާ ދެކޮޅު ހަރަކާތަކީ ނޭއްގާނީ ކަމެއް: އަދާލަތު

"އިންޑިއާ އައުޓް" ކެމްޕޭނަކީ ސިޔާސީ މަގްސަދެއްގައި ހިންގާ ނޭއްގާލީ އަމަލެއް: އަދާލަތު

25 ޑިސެމްބަރ 2021

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ސިޔާސީ މަގުސަދެއްގައި ރައްޔިތުންގެ ޝުއޫރުތަކާ ކުޅެން ހިންގާ ނޭއްގާލީ އަމަލުތަކެއް ކަމަށް، އަދާލަތު ޕާޓީން ރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ސިޔާސީ މަގުސަދެއްގައި ރައްޔިތުންގެ ޝުއޫރުތަކާ ކުޅެން ހިންގާ ނޭއްގާލީ އަމަލުތަކެއް ކަމަށް، އަދާލަތު ޕާޓީން ރޭ ބުނެފި އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ޕާޓީ، އަދާލަތުން ނެރުނު ބަޔާނެއްގައި ބުނީ މުޅި ދުނިޔެ ގުޅިލާމެހިފައިވާ ޒަމާނެއްގައި ބައިނަލްއަގްވާމީ މަސްރަހުގައި ވަކިވެގަތުން އިސްކުރުމަކީ ދިވެހިންނަށް އެންމެ މަސްލަހަތު ހުރި ގޮތް ނޫން ކަމަށެވެ.

ތަރައްގީގެ ކަންކަން އަދި އެ ނޫން ވެސް ދިވެހިން އެދޭ ދިރިއުޅުން ހާސިލް ކުރުމަށް އަވަށްޓެރި ގައުމުތަކުގެ އިތުރުން ހެޔޮއެދޭ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަކީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށް ބަޔާނުގައި ބުންޏެވެ.

އިންޑިއާ ކަނޑުގައި އޮންނަ ރާއްޖޭގެ ކުރިއެރުމާއި ދިވެހިންގެ ސަލާމަތާއި ހުރިހާ މަސްލަހަތެއް ހިމާޔަތް ކުރުމުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ވަރަށް މަތީ ދައުރެއް އަދާކުރާ ކަމަށާއި ބައިނަލްއަގްވާމީ ވިޔަފާރީގައި އިންޑިއާ ކަނޑުގެ އަހައްމިއްޔަތުކަން އިތުރުވަމުން އަންނައިރު، ކަނޑުގެ މަސްލަހަތު ހިމާޔަތް ކުރުމަކީ ވެސް ހާރިޖީ ސިޔާސަތު ރިއާޔަތް ކުރަންވާ ކަމެއް ކަމަށް އަދާލަތުން ބުނެ އެވެ.

ވަކިން ހާއްސަކޮށް އަވަށްޓެރި އިންޑިއާއާ މެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ކުރައްވަމުން ގެންދަވާ ޒިންމާދާރުކަން ކުޑަ ކަންކަމާ މެދު މި ޕާޓީން ކަންބޮޑުވަމެވެ."--- އަދާލަތު ޕާޓީ

ނަމަވެސް ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ސިޔާސީ ބަޔަކު ކުރަމުންދާ މަސައްކަތް އެ ޕާޓީން ވަނީ ކުށްވެރިކޮށްފަ އެވެ.

އަދާލަތު ޕާޓީން ބުނީ "އިންޑިއާ އައުޓް" ކެމްޕޭނަކީ ސިޔާސީ މަގުސަދެއްގައި ރައްޔިތުންގެ ޝުއޫރުތަކާ ކުޅެގެން ހިންގާ ނޭއްގާނީ އަމަލުތަކެއް ކަމަށެވެ. އެކަމުގެ ނަތީޖާއަކަށް ވާނީ، ބަޔާނުގައި ބުނިގޮތުގައި، ބައިނަލްއަގްވާމީ މަސްރަހުގައި ދިވެހިން އެކަހެރިވެ، ގައުމާއި ރައްޔިތުންނަށް ފޫނުބެއްދޭ ގެއްލުން ލިބުމެވެ.

"ރާއްޖޭގެ އަވަށްޓެރިންނާއި ދިވެހިންގެ ކުރިއެރުމާއި ތަރައްގީ އަށް އެހީތެރިވެދޭ ބައިވެރިންނާ މެދު އާއްމު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް ސިޔާސޯ ބަޔަކު ކުރަމުންދާ މަސައްކަތް އަދާލަތު ޕާޓީން ކުށްވެރި ކުރަމެވެ،" އަދާލަތުން ބުންޏެވެ.

ވަކިން ހާއްސަކޮށް އަވަށްޓެރި އިންޑިއާއާ މެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ކުރައްވަމުން ގެންދަވާ ޒިންމާދާރުކަން ކުޑަ ކަންކަމާ މެދު މި ޕާޓީން ކަންބޮޑުވަމެވެ."

މި ސަރުކާރު ވެރިކަމަށް ގެނައުމަށް އިސް ދައުރެއް އަދާކުރި އަދާލަތު ޕާޓީން ބުނީ، އެ ޕާޓީން ބައިވެރިވާ ސަރުކާރެއްގައި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލަށް ލޮޅުމެއް އަތުވެދާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

މަނީލޯންޑަރިންގެ ފަސް އަހަރުގެ ހުކުމުން މިދިޔަ މަހު ސަލާމަތްވުމާއެކު، އިދިކޮޅު ލީޑަރު ޔާމީން ގެންދަވަނީ އިންޑިއާއާ ދެކޮޅަށް ހިންގާ ހަރަކާތްތައް ފުޅާކޮށްފަ އެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޓީމުތައް ރަށްރަށަށް ގޮސް، އިންޑިއާއާ ދެކޮޅަށް ޖަލްސާތައް ބޭއްވުމާއި ރެލީތައް ދަނީ ބާއްވަމުންނެވެ. އެ ހަރަކާތްތައް ސަރުކާރުން ވަނީ ކުށްވެރިކޮށްފަ އެވެ.