Roadha Mihaaru
އިންޑިއާއާ ދެކޮޅު ކެމްޕޭންގައި ޑްރަގު ބޮޑުން އުޅޭ:ސީޕީ

"އިންޑިއާ އައުޓް" ކެމްޕޭނަށް މިލިއަނުން ފަންޑުކޮށް ޑްރަގްގެ ބޮޑުން ހަރަކާތްތެރިވޭ: ސީޕީ

09 ފެބުރުއަރީ 2022

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިންގައި ނުރައްކާތެރި ކުށްވެރިންގެ ބައިވެރިވުން އޮންނަ ކަމަށާއި އެކަމަށް މިލިއަނުން ފަންޑު ކުރާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިންގައި ނުރައްކާތެރި ކުށްވެރިންގެ ބައިވެރިވުން އޮންނަ ކަމަށާއި އެކަމަށް މިލިއަނުން ފަންޑު ކުރާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އައުޓް ކެމްޕެއިނާ ގުޅިގެން ރާއްޖެއަށް ލިބޭ ގެއްލުން ދިރާސާ ކުރުމަށް 241 ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ހަމީދު ވިދާޅުވީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުށް ކޮށްގެން މުއްސަނދިވެ އެކައުންޓުތަކުގައި މިލިއަނުން ފައިސާ ރޯލް ކުރާ މީހުން ނިސްބަތްވާ 10 ގޭންގެއް އުޅޭ ކަމަށެވެ. އެ ހުރިހާ ގްރޫޕެއްގެ ވެރިން ވެސް އިންޑިއާ އައުޓް ކެމްޕެއިންގައި ބައިވެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަރުދީ ލެވަލް އެއްގައި ވެސް އިންޑިއާ އައުޓް ހަރަކާތުގެ ތެރެއަށް ވެއްދުމަށް ކުރާ މަސައްކަތުގެ ފޮޓޯ ވެސް މަންޒަރު ވެސް ރެކޯޑު ކުރެވިފައި އެބަހުރި. އެންމެ އިސްކޮށް ހަރަކާތްތެރިވާ އަދި ހަރަކާތް ހިންގުމަށްޓަކައި މަޝްވަރާކުރާ ކަން ވެސް އެނގޭ،" ހަމީދު ވިދާޅުވި އެވެ.

ދެ މިލިއަނުން، ތިން މިލިއަނުން ފަންޑު ހޯދައިގެން ހިންގާ މިފަދަ މައްސަލަތަކަކީ އޯގަނައިޒްކޮށްގެން ހިންގާ ހަރަކާތްތަކެއް ކަމަށާއި އެކަން ކުރުމުގެ ފަހަތުގައި ހުރި އަސްލު މަގްސަދުތަކާ ބެހޭ އިންޓަލިޖެންސް އެސެސްމަންޓެއް މިހާރު ހަދާފައިވާ ކަމަށް ހަމީދު ވިދާޅުވި އެވެ.

ސީޕީ ވިދާޅުވި ގޮތުގައި މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާއި އެއީ ހަމައެކަނި ދިވެހި ފުލުހުންގެ މަސައްކަތުން ހޯދާ ތަކެއްޗެއް ނޫނެވެ. އެކަން ކުރުމުގައި އަވަށްޓެރި ގައުމުތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި ނަމަވެސް އިންޑިއާ އައުޓް ހަރަކާތުގައި ގޭންގުތަކުން ބައިވެރިވަނީ އެކަން ހުއްޓުވުމުގެ ބޭނުމުގައި ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ދާހިލީ ސަލާމަތަށް ނުރަނގަޅު އަސަރު ކުރެ އެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކުން ފާހަގަކުރާ ގޮތަށް ރާއްޖޭގައި އިންޑިއާ ސިފައިން ތިބެގެން ނުރައްކަލެއް އޮތް ކަމަކަށް ފާހަގަ ނުކުރެވޭ ކަމަށް ސީޕީ ވިދާޅުވި އެވެ.

"ކޮންޓެމްޕަރަރީ ނުވަތަ ސްޓްރެޓަޖިކް ސެކިއުރިޓީ އަކަށް ކޮމްޕޯނަންޓް ހަރަކާތްތެރިވޭ. އެއީ ރާއްޖޭގެ ސިފައިން ވެސް އެބަތިބޭ ސައުދީގައި ވެސް ޔުނިފޯމް ވެސް އަޅައިގެން ތިބެނީ. މިއަދުގެ ދުނިޔޭގައި ދައުލަތުގެ ކަންކަމަށް ބަލާއިރު ހުރިހާ ދައުލަތެއްގެ ވެސް އެހީތެރިކަން ހޯދަން،" ސީޕީ ވިދާޅުވި އެވެ.

"އިންޑިއާގެ ސިފައިން ދާހިލީ ކަމަކަށް ބުރޫ އަރާފާނެ އަމަލުތަކެއް ހިންގާ ކަމެއް ފެނިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އިންޑިއާ އައުޓް ހަރަކާތާ ގުޅިގެން މިހާތަނަށް ބަލަމުންދާ ބައެއް މައްސަލަތައް ފާހަގަ ކުރައްވަމުން ސީޕީ ވިދާޅުވީ ފޮނަދޫ ސްކޫލާ ދިމާލުގައި އޮތް ބެނާއެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި އައްޑޫ ސިޓީގައި މަގުމަތިން ދިޔަ އިންޑިޔާ ނިސްބަތްވާ ނަރުހަކަށް ކެމްޕެއިން ތެރެއިން ފަރުދީ ލެވަލްގައި ހިނގި އަމަލެއްގެ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށެވެ.

އެ ކެމްޕެއިން ހުއްޓުވުމަށް އޮތީ ގާނޫނީ ހުރަސްތަކެއް ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ. އަދި އެކަމާ ގުޅޭ ގޮތުން މިހާރު ވެސް ޕްރޮސެކިއުޓާ ޖެނަރަލް އާ މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހަރަކާތަކީ، ސިޔާސީ ޕާޓީތަކުން ކުރާ ކަމަކަށް ވާތީ، އޭނާ ވިދާޅުވި ގޮތުގައި، ޕާޓީތަކުގެ ރެގިއުލޭޓަރީ ބޮޑީތަކުން ވެސް މިކަމާ މެދު ފިޔަވަޅު އަޅަން ޖެހެ އެވެ.