Roadha Mihaaru

ބަހުގެ ހަމަލާތަކާއި ނަފްސާނީ އަނިޔާ އިތުރުވެއްޖެ

ގެވެށި އަނިޔާގެ ގާނޫނާ އެކު ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ޖިސްމާނީ އަނިޔާގެ ގިނަ މައްސަލަތައް ހުށަހަޅާފައި ވިޔަސް ބަހުގެ ހަމަލާތައް ދިނުމާއި އެކި ގޮތްގޮތުން ނަފްސާނީ އަނިޔާ ލިބޭ ކަމުގެ މައްސަލަތައް މި ފަހުން ގިނަވެއްޖެ ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އިން އާއްމުކުރި ހިސާބުތަކުން ދައްކައިފި އެވެ.

ބަހުގެ ހަމަލާތަކާއި ނަފްސާނީ އަނިޔާ އިތުރުވެއްޖެ
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

24 އެޕްރީލް 2022

ގެވެށި އަނިޔާގެ ގާނޫނާ އެކު ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ޖިސްމާނީ އަނިޔާގެ ގިނަ މައްސަލަތައް ހުށަހަޅާފައި ވިޔަސް ބަހުގެ ހަމަލާތައް ދިނުމާއި އެކި ގޮތްގޮތުން ނަފްސާނީ އަނިޔާ ލިބޭ ކަމުގެ މައްސަލަތައް މި ފަހުން ގިނަވެއްޖެ ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އިން އާއްމުކުރި ހިސާބުތަކުން ދައްކައިފި އެވެ.

އެ އޮތޯރިޓީން އާއްމުކުރި މައުލޫމާތުތަކުގައި ބުނީ މިދިޔަ އަހަރު ވެސް އެންމެ ގިނައިން ރިޕޯޓްކުރީ ނަފްސާނީ އަނިޔާގެ މައްސަލަތައް ކަމަށެވެ. އެ ބާވަތުގެ 498 މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ.

ޖިސްމާނީ އަނިޔާއަށް ފަހު ނަފްސާނީ އަނިޔާގެ މައްސަލަތައް އިތުރުވަމުން ދިއުމަކީ އެ އޮތޯރިޓީން ވެސް ކަންބޮޑުވާ ކަމެކެވެ.

އެފްޕީއޭ އިން ބުނި ގޮތުގައި ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓްކުރާ ވަރު ވޭތުވެދިޔަ އަހަރުތަކުގައި ދަނީ އިތުރުވަމުންނެވެ. މިދިޔަ އަހަރު 577 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި އަންހެން ކުދިންނަށް އަނިޔާކުރާ ކަމުގެ މައްސަލަތަކެވެ.

"މިދިޔަ އަހަރު އޮތޯރިޓީ އަށް ރިޕޯޓްކޮށްފައިވާ ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ގިނައީ ގެވެށި އަނިޔާގެ އެއް ބާވަތަށް ވުރެ ގިނަ ބާވަތުގެ އަމަލު ހިމެނޭ މައްސަލަތެކެވެ. މިގޮތުން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީ ގޮތުން އަނިޔާކުރުމުގެ މައްސަލަތަކެވެ،" އެފްޕީއޭ އިން ބުންޏެވެ.

ވޭތުވެދިޔަ އަހަރުގެ ތަފާސްހިސާބު

- އަނިޔާގެ 577 މައްސަލަ ހުށަހެޅި

- މައްސަލަތަކުގައި 146 އަންހެން ކުދިންނާއި 408 އަންހެނުން ހިމެނޭ

- 92 ފިރިހެން ކުދިންނާއި 77 ފިރިހެނުންނަށް އަނިޔާކުރި ކަމަަށް ރިޕޯޓްކުރި.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ބުނި ގޮތުގައި ގާނޫނަށް 10 އަހަރު އިއްޔެ ފުރުނު ނަމަވެސް ތަންފީޒުކުރަން އަދިވެސް ބޮޑެތި ގޮންޖެހުންތައް އެބަހުއްޓެވެ. ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ދުޅަހެޔޮ އަދި އުފެއްދުންތެރި ބައަކަށް ހެދުމަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް، ހާއްސަކޮށް އިޖުތިމާއީ އަދި ނަފްސާނީ ހިދުމަތް، ވިކްޓިމް ސަޕޯޓުގެ ހިދުމަތް އަދި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދޭނެ ވަސީލަތްތައް މާލެ އާއި އަތޮޅުތަކުގައި މަދު ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

"ގެވެށި އަނިޔާކުރާ މީހުން އިސްލާހުކޮށްގެން އަނބުރާ މުޖުތަމައަށް ގެނައުމަށް ބޭނުންވާ ކައުންސިލިން ފޯރުކޮށްދޭނެ ވަސީލަތްތައް ރާއްޖޭގައި މަދުކަމީ އެ ހިދުމަތް ފޯރުކޮށްދިނުމަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ،" އެފްޕީއޭ އިން ބުންޏެވެ.

"ހަމަ އެހެންމެ ގާނޫނީ ގޮތުން މުއައްސަސާތަކަށް ލިބިދޭ ބާރުތަކުގައި ފުށުއެރުންތަކެއް ހުރުމަކީ ވެސް މި ގާނޫނު އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް އޮތް ގޮންޖެހުމެކެވެ."

ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް މަޖިލީހާ ހިސާބުގައި އޮތުމަކީ އެކަމުގެ ހައްލަށް އެޅުނު ފިޔަވަޅެއް ކަމުގައި އެ އޮތޯރިޓީން ދެކެ އެވެ.