Roadha Mihaaru
އެއް ކަމެއް، ދެ ނިންމުމެއް: އޮޅުން ބޮޅުމަކަށް

އެއް ކަމެއް، ދެ ނިންމުމެއް: ބޮޑު އޮޅުން ބޮޅުމަކަށް

30 ޖޫން 2021

މި އަހަރު ކުރީކޮޅެވެ. ޝަރީއަތް ނިމެންދެން ބަންދުގައި (ވާނުވާ) ތިބި ހަތަރު މީހެއްގެ ބަންދު ގާނޫނާ އެއްގޮތަށް ރިވިއު ނުކުރާ މައްސަލަތަކެއް ހައި ކޯޓަށް ހުށަހެޅި އެވެ. ހަތަރު މައްސަލައިގެ ހުކުމް ހައި ކޯޓުން ވަކިވަކިން އިއްވީ އެއް ދުވަހެއްގަ އެވެ. ތިން މައްސަލަ ނިމުނީ ދައުލަތާ އެއްކޮޅަށެވެ. އެއީ ބަންދު ރިވިއު ނުކުރިޔަސް، ބަންދުން ދޫކޮށްލަން ނުޖެހޭނެ ކަމަށެވެ. އަނެއް މައްސަލަ ނިމުނީ ބަންދުން ދޫކޮށްލަން ޖެހޭނެ ކަމަށެވެ. ދެ ނިންމުން ދެގޮތަށެވެ. އަމަލުކުރަންވީ އެއްޗެއް ނޭނގުނެވެ. "ވާނުވާ"ގެ މައްސަލަ އަށް ހައްލެއް ހޯދަން ހުށަހެޅި މައްސަލަ އެއަށް ވުރެ ބޮޑު "ވާނުވާއަކަށް" ދިޔައީ އެވެ. އެފަހަރު އެ މައްސަލަ ހައްލުވީ ސުޕްރީމް ކޯޓުން އެކަމަށް ގޮތެއް ނިންމައިގެންނެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މި އަހަރު ކުރީކޮޅެވެ. ޝަރީއަތް ނިމެންދެން ބަންދުގައި (ވާނުވާ) ތިބި ހަތަރު މީހެއްގެ ބަންދު ގާނޫނާ އެއްގޮތަށް ރިވިއު ނުކުރާ މައްސަލަތަކެއް ހައި ކޯޓަށް ހުށަހެޅި އެވެ. ހަތަރު މައްސަލައިގެ ހުކުމް ހައި ކޯޓުން ވަކިވަކިން އިއްވީ އެއް ދުވަހެއްގަ އެވެ. ތިން މައްސަލަ ނިމުނީ ދައުލަތާ އެއްކޮޅަށެވެ. އެއީ ބަންދު ރިވިއު ނުކުރިޔަސް، ބަންދުން ދޫކޮށްލަން ނުޖެހޭނެ ކަމަށެވެ. އަނެއް މައްސަލަ ނިމުނީ ބަންދުން ދޫކޮށްލަން ޖެހޭނެ ކަމަށެވެ. ދެ ނިންމުން ދެގޮތަށެވެ. އަމަލުކުރަންވީ އެއްޗެއް ނޭނގުނެވެ. "ވާނުވާ"ގެ މައްސަލަ އަށް ހައްލެއް ހޯދަން ހުށަހެޅި މައްސަލަ އެއަށް ވުރެ ބޮޑު "ވާނުވާއަކަށް" ދިޔައީ އެވެ. އެފަހަރު އެ މައްސަލަ ހައްލުވީ ސުޕްރީމް ކޯޓުން އެކަމަށް ގޮތެއް ނިންމައިގެންނެވެ.

ދާދިފަހުން އަނެއްކާވެސް އެފަދަ ކަމެކެވެ. ހައި ކޯޓުން މިދިޔަ އާދިއްތަ ދުވަހު ނިންމީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން ދައުވާ އުފުލިފައިވާ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ނުކުރެވޭނެ ކަމަށެވެ. ހަމަ އެދުވަހު އެފަދަ އެހެން މައްސަލަ ނިންމީ އޭގެ އިދިކޮޅަށެވެ. އެއީ އެފަދަ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރެވޭނެ ކަމަށެވެ. އަމަލު ކުރަންވީ މީގެ ތެރެއިން ކޮން ނިންމުމަކަށް ކަން ނޭނގި، ބޮޑު އޮޅުންބޮޅުން ގަނޑަކަށް ދިޔައީ އެވެ.

އެ ދެ މައްސަލައަކީ ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ދައުވާލިބޭ ދެ މީހެއްގެ މައްސަލާގަ އެވެ. ދައުވާލިބޭ ދެ މީހުން ތަފާތަސް، ދެ މައްސަލާގައި ވެސް އޮތީ އެންމެ ގާނޫނީ ސުވާލެކެވެ. އެއީ ކުޑަކުދިންނަށް ޖިިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން ދައުވާ އުފުލިފައިވާ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރެވޭތޯ ނުވަތަ ނޫންތޯ އެވެ. އެއް މައްސަލާގައި ނިންމީ އެގޮތަށް ބަންދު ނުކުރެވޭނެ ކަމަށެވެ. ދެވަނަ މައްސަލާގައި ނިންމީ އޭގެ އިދިކޮޅަށެވެ. އެއީ ޝަރީއަތް ނިމެންދެން ބަންދު ކުރެވޭނެ ކަމަށެވެ.

ދެ މައްސަލަ ވެސް ހައި ކޯޓުން ނިންމީ އެއް ދުވަހެއްގައި، ދާދި އެއްވަގުތެއްގަ އެވެ. ނިންމުން ތަފާތުވި ސަބަބަކީ ފަނޑިޔާރުންގެ ދެ ބެންޗަކުން އެ ދެ މައްސަލަ ބެލުމެވެ. ނަތީޖާއަކަށް ވެފައިި އޮތީ އޭގެ ތެރެއިން އަމަލު ކުރަންވީ ކޮން ނިންމުމަކަށް ކަން ނޭނގި، އިތުރު ގާނޫނީ މައްސަލަތަކެއް ނިކުތުމެވެ.

މައްސަލައެއްގައި ލިބިފައިވާ ހެއްކާއި ވަށައިގެންވާ ބެލުމަށްފަހު، އެއް ބާވަތެއްގެ މައްސަލައެއްގައި ކޯޓުގެ ނިންމުން ތަފާތުވެދާނެ އެވެ. މިސާލަކަށް މީހަކު މެރުމުގެ ދައުވާލިބޭ ދެ މީހަކު ތިބޭއިރު، އޭގެ ތެރެއިން އެކަކުގެ މައްޗަށް ކުށް ސާބިތުވެފައި، ދެވަނަ މީހާގެ މައްޗަށް ކުށް ސާބިތު ނުވެ ހިނގައިދާނެ އެވެ. އަދި އެއް ތުހުމަތެއްގައި ހައްޔަރު ކުރެވޭ ދެ މީހެއްގެ ތެރެއިން އެކަކު ދޫކޮށްލާފައި ދެވަނަ މީހާ ބަންދު ކުރަން ވެސް ކޯޓަކުން އަންގަފާނެ އެވެ. އެއީ ލިބިފައިވާ ހެއްކާއި އަދި ކަން ހިނގާފައިވާ ގޮތަށް ބެލުމަށްފަހު ބަދަލުވެދާނެ ކަންކަމެވެ. އެކަމުގައި ގާނޫނީ މައްސަލައެއް ނެތެވެ.

އެހެން ނަމަވެސް މަތީ މަރުހަލާގެ ކޯޓުތަކުން ގާނޫނީ ނުކުތާއަކާ މެދު ނިންމާ ނިންމުންތަކަކީ އެ ބާވަތެއްގެ ހުރިހާ މައްސަލަތަކަށް އަބަދުވެސް ހިނގާނެހެން އެއް ތަތްގަނޑެއްގައި ހުންނަ ނިންމުންތަކެކެވެ. ގާނޫނެއް މާނަ ކުރުމަށްފަހު ނުވަތަ ގާނޫނީ ނުކުތާއަކާ މެދު މަތީ ކޯޓަކުން ގޮތެއް ނިންމުމުން އެކަމާ ބެހޭ ގާނޫނީ އުސޫލެއް ގާއިމް ކުރެވުނީ އެވެ. އެ ނިންމުން އެ ކޯޓުން ނުވަތަ އެއަށް ވުރެ މަތީ ކޯޓަކުން ބަދަލު ނުކުރާހާ ހިނދަކު، ދަށު ކޯޓުތަކުން ތަބާވާން ޖެހޭ ނިންމުމެއްގެ ގޮތުގައި އެ އުސޫލު ދެމި އޮންނާނެ އެވެ.

ހައި ކޯޓު --- ފައިލް ފޮޓޯ/ މިހާރު

ހައި ކޯޓު --- ފައިލް ފޮޓޯ/ މިހާރު

ހައި ކޯޓުން ނިންމި މި ދެންނެވި ދެ މައްސަލައަކީ ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނު މާނަ ކުރުމަށްފަހު، ގާނޫނީ ނުކުތާއަކާ މެދު ނިންމި ދެ ނިންމުމެވެ. ގާނޫނު މާނަ ކުރުމުގައި އުފެދޭ ހިލާފުތައް ނައްތާލައި އަދި އެއް އުސޫލުތަކެއް ހިފަހައްޓައިދޭން އޮންނަ މަގަކީ މަތީ މަރުހަލާގެ ކޯޓުތަކެވެ. އެހެން ނަމަވެސް މި މައްސަލާގައި ދެ ނިންމުން ދެ ގޮތަށް އޮތުމުން ހައްލު ހޯދަން އުޅުނު މައްސަލަ ހައްލު ނުވެ، އިތުރު ގާނޫނީ މައްސަލަތަކެއް ނިކުތީ އެވެ.

މިގޮތަށް ހުކުމްތައް އައުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ އެއް ބާވަތެއްގެ ގާނޫނީ ނުކުތާތަކެއް ހިމެނޭ މައްސަލަތައް ފަނޑިޔާރުންގެ ތަފާތު ބެންޗްތަކުން ބެލުމެވެ. އެ މައްސަލަ ކުރިން ވެސް ދިމާވެފައި އޮތުމުން، ސުޕްރީމް ކޯޓުން ކުރިން ކަނޑައަޅާފައި ވަނީ އެފަދަ މަައްސަލަތައް ހައި ކޯޓުން ބަލާއިރު، ފަނޑިޔާރުންގެ އެއް ބެންޗަކުން އެ ހުރިހާ މައްސަލަތަކެއް ބެލުމަށެވެ. އެހެން ނަމަވެސް، މިފަދަ ދެވަނަ މައްސަލަ ފެންމަތިވެގެން ދިޔައީ އެ އުސޫލަށް ހައި ކޯޓުން އަމަލު ނުކޮށް އޮއްވަ އެވެ.

ދެން އޮތީ މިކަމުގައި ދެން ވާނެ ގޮތެކެވެ. ހައި ކޯޓަށް އެ ކޯޓުގެ ނިންމުމެއް ބަދަލު ކުރެވިދާނެ ނުވަތަ އެ ނިންމުމާ ދުރަށް ދާން އެހެން މައްސަލައެއްގައި ނިންމިދާނެ އެވެ. އެކަމަކު މި ދެ ނިންމުން ދެމި އޮތްހާ ހިނދަކު ހުރިހާ ބިރެއް އޮތީ ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށެވެ. ގާނޫނު އަސާސީގެ 143 ވަނަ މާއްދާ ބުނާގޮތުން މަތީ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ދަށު ކޯޓުތަކުން ތަބާވުން ލާޒިމެވެ. އެހެން ނަމަވެސް މި މައްސަލާގައި ތަބާވާނެ ގޮތެއް ނެތެވެ.

ގާނޫނީ އެއް ނުކުތާއެއްގައި ހައި ކޯޓުގެ ދެ ހުކުމެއް ދެ ގޮތަކަށް އޮއްވާ އޭގެ ތެރެއިން ވަކި ހުކުމަކަށް އަމަލު ނުކޮށް ދޫކޮށްލުމުގެ އިހްތިޔާރެއް ދަށު ކޯޓުތަކަކަށް ނޯންނާނެ އެވެ. އެއް ހުކުމަށް އަމަލު ކޮށްފިއްޔާ އަނެއް ހުކުމާ ހިލާފް ވެވުނީ އެވެ. އެހެންވެ، ހުކުމާ އެއްގޮތަށް އަމަލު ކުރެވޭކަށް ވެސް ނެތެވެ. އަދި އަމަލު ނުކޮށް ދޫކޮޮށްލައިފިއްޔާ އެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލަން ނުފަށާނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. ހުރިހާ ކޮޅަކުން ވެސް ބިރު އޮތީ ދަށު ކޯޓުގެ ފަނޑިޔާރުންނަށެވެ.

ދަށު ކޯޓުތަކުގައި ހަމަހަމަ ކަމެއް ނެތި އެކި މައްސަލަތަކުގައި އެކި އުސޫލުތަކުން އަމަލު ކުރިޔަސް، މަތީ ކޯޓުތަކުގެ ނިންމުންތައް އެއްގޮތް ނުކުރެވޭ ނަމަ ނިކުންނާނެ މައްސަލަތައް ބައިވަރެވެ. ގާނޫނީ ނުކުތާތަކުގައި ދަށު ކޯޓުތަކަށް ގޮތް ކިޔައިދޭން ތިބި މަތީ ކޯޓުތަކުން އެއް ކަމެއްގައި އެކިގޮތަށް ގާނޫނު މާނަކޮށްގެން އެއް ކަމެއްގައި އެކި ގޮތަށް ނިންމުންތައް ނިންމަން ފަށައިފި ނަމަ، އަދުލު އިންސާފަކީ ޖޯކެއްގެ ގޮތުގައި ސިފަވެގެންދާނެ އެވެ.