Roadha Mihaaru
މި ރޯދަ މަހު އެކްސިޑެންޓްތައް މާ ގިނަ!

މި ރޯދަ މަހު އެކްސިޑެންޓްތައް މާ ގިނަ!

24 އެޕްރީލް 2022

މިދިޔަ އަހަރުގެ ރޯދަ މަހާ އަޅާބަލާއިރު މި ރޯދަމަހުގެ ފުރަތަމަ ދެ ހަފުތާގައި ރާއްޖޭގައި ހިނގާފައިވާ މަގުމަތީގެ އެކްސިޑެންޓްތައް ގިނަވެއްޖެ އެވެ.

އަހުމަދު ޝަބީން އަހުމަދު ޝަބީން

މިދިޔަ އަހަރުގެ ރޯދަ މަހާ އަޅާބަލާއިރު މި ރޯދަމަހުގެ ފުރަތަމަ ދެ ހަފުތާގައި ރާއްޖޭގައި ހިނގާފައިވާ މަގުމަތީގެ އެކްސިޑެންޓްތައް ގިނަވެއްޖެ އެވެ.

މި ރޯދަ މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި މާލެ ސަރަހައްދުގައި އެކަނި ވެސް 134 އެކްސިޑެންޓް ވަނީ ހިނގައިފަ އެވެ. އެއީ މިދިޔަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދެ ހަފުތާ އަށް ބަލާއިރު 30 އެކްސިޑެންޓް އިތުރުވުމެވެ.

މިދިޔަ ރޯދަ މަހުގެ ފުރަތަމަ ދެ ހަފުތާގައި މާލޭ ސަރަހައްދުގައި 101 އެކްސިޑެންޓް ރިޕޯޓް ކޮށްފައި ވެ އެވެ. އެހެން ރަށްރަށުގައި 14 އެކްސިޑެންޓް ހިނގި އެވެ.

މި ރޯދަ މަހު ހިނގާފައިވާ އެކްސިޑެންޓްތަކުގައި ވެސް އެކި މީހުންނަށް އެކި އަނިޔާތައް ލިބި، އުޅަނދުފަހަރަށް ވެސް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ވެފަ އެވެ. އަދި، އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި މީހަކަށް އަދިވެސް އަންނަނީ ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ.

ފުލުހުން ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން މި ރޯދަމަހުގެ ފުރަތަމަ ދެ ހަފުތާގައި ވައްކަމުގެ 287 މައްސަލައެއް ހުށަހެޅި އެވެ. އަދި މަސްތުވާތަކެތީގެ 158 މައްސަލައަކާއި, ބިރުދެއްކުމުގެ 53 މައްސަލައެއް ވެސް ހުށަހެޅި އެވެ.

އޭގެތެރެއިން ވައްކަމުގެ 181 މައްސަލައަކީ މާލެ ސަރަހައްދުން ރިޕޯޓު ކުރެވުނު މައްސަލަތަކެވެ. އަދި ޑްރަގްގެ 61 މައްސަލަ އާއި, ބިރުދެއްކުމުގެ 22 މައްސަލައަކީ މާލެ ސަރަހައްދުން ރިޕޯޓު ކުރި މައްސަލަތަކެވެ. މިފަދަ މައްސަލަތަކުގައި ގިނައިން ހައްޔަރުކުރަނީ ކުށުގެ ރިކޯޑު ގިނަ އަދަދަކަށް އޮތް މީހުންކަން ފާހަގަކޮށްލެވެ އެވެ.

ފުލުހުން ބުނީ މި ރޯދަމަހުގައި އެކި ބާވަތްތަކުގެ މައްސަލަތައް ހިމެނޭ ގޮތަށް ޖުމްލަ 1324 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެތެރެއިން 784 މައްސަލައަކީ މާލެ ސަރަހައްދުން ހުށަހެޅިފައިވާ މައްސަލަ އެވެ.