Roadha Mihaaru
މި ރޯދަމަހު މާލޭގައި 151 އެކްސިޑެންޓް

ރޯދަމަހުގެ ފުރަތަމަ 15: މާލޭގައި 151 އެކްސިޑެންޓް!

13 އެޕްރީލް 2023

މި ރޯދަމަހުގެ ފުރަތަމަ 15 އިގައި މާލެ ސަރަހައްދުގައި 151 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި ރޯދަމަހުގެ ފުރަތަމަ 15 އިގައި މާލެ ސަރަހައްދުގައި 151 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުން މިއަދު ހާމަކުރި ރޯދަ މަހުގެ ފުރަތަމަ 15 ދުވަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، މާލޭގައި އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. މާލެ، ހުޅުމާލެ، ހުޅުލެ އަދި ވިލިމާލެ އިން މުޅި ޖުމްލަ 151 އެކްސިޑެންޓް ފުލުހުންނަށް މިހާތަނަށް ރިޕޯޓްކޮށްފައިވެ އެވެ.

ރޯދަމަހު އެކްސިޑެންޓުތައް ގިނަވިއިރު، މި މަހުގެ ތިނެއްގައި ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 59 އަހަރުގެ ފިރިހެނަކު މަރުވި އެވެ. އޭނާ މަރުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގަ އެވެ.

އެ އެކްސިޑެންޓުތަކުގައި ޒަހަމްވެގެން ގިނަ ބަޔަކަށް ހޮސްޕިޓަލުގައި ފަރުވާ ވެސް ދޭން ޖެހުނެވެ. ބައެއް މީހުންނަށް އައިސީޔޫގައި ވެސް ފަރުވާދިނެވެ.

މާލެ ސަރަހައްދުން ދެން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެއީ 66 މައްސަލަ އެވެ.

މާލެ އިން އެންމެ ގިނައިން ހުށަހެޅި މައްސަލަތައް

• މީހުންނަށް އަނިޔާކޮށްގެން 31 މައްސަލަ

• މީހުންނަށް އެކި ކަހަލަ އިންޒާރު ދީގެން 22 މައްސަލަ

• ވައްކަންކޮށްގެން 15 މައްސަލަ

• ގެވެށި އަނިޔާގެ 9 މައްސަލަ

• ސައްހަ ނޫން ލިޔެކިޔުން ބޭނުންކުރުމުގެ 9 މައްސަލަ

މި ރޯދަމަހު ދުވާލުގެ ވަގުތުގައި ކެއުންބުއިމުގެ ހަތަރު މައްސަލަ ވެސް ފުލުހުންނަށް ރިޕޯޓް ކޮށްފައި ވެ އެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، އަތޮޅު ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. މަސްތުވާތަކެއްޗާ ގުޅޭ 100 މައްސަލަ އެކި ރަށްރަށުން ފުލުހުންނަށް މި ރޯދަމަހު ރިޕޯޓްކޮށްފައިވެ އެވެ.