Roadha Mihaaru
ގިނަ ދުވަސްތަކެއް ފަހުން 8 ސަފީރުންނަށް ރުހުން ދީފި

ގިނަ ދުވަސްތަކެއް ފަހުން 8 ސަފީރުންނަށް މަޖިލީހުން ރުހުން ދީފި

29 އެޕްރީލް 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު، އަށް ގައުމަކަށް އައްޔަންކުރެއްވި ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައީސް ޑރ. މުހައްމަދު މުއިއްޒު، އަށް ގައުމަކަށް އައްޔަންކުރެއްވި ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ސަފީރު ކަމަށް އައްޔަންކުރަން މިހާތަނަށް ފޮނުއްވާފައިވާ ހުރިހާ ބޭފުޅުން ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ މަރުހަލާގައި ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށް ފަހު، ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވީ މިދިޔަ މި މަހުގެ 23 ގަ އެވެ.

ކޮމިޓީން ރުހުން ދިން 8 ބޭފުޅުން

1. ޔޫއޭއީ - މުހައްމަދު ހުސެއިން ޝަރީފް (މުންދު)

2. އިނގިރޭސި ވިލާތް - އިރުތިޝާމް އާދަމް

3. އދ. - އަލީ ނަސީރު މުހައްމަދު (އަލިނީ)

4. ސްރީ ލަންކާ - މަސްއޫދު އިމާދު

5. މެލޭޝިއާ - މަރިޔަމް ޝަބީނާ އަހުމަދު

6. ބެލްޖިއަމް އާއި އީޔޫ - ގީލާ އަލީ

7. ސިންގަޕޫރު - މުހައްމަދު ލުވެއިޒު

8. ޖެނީވާ - ޑރ. ސަލްމާ ރަޝީދު

ޔޫއޭއީގެ ސަފީރުުކަމަށް އައްޔަންކުރަން ނިންމަވާފައިވާ މުންދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ އިތުރުން ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރުކަން ވެސް ކުރައްވައިފަ އެވެ.

އިނގިރޭސި ވިލާތުގައި ހުންނަވާ ދިވެހި ސަފީރަކަށް އައްޔަނުކުރައްވަން ނިންމަވާފައިވާ އިރުތިޝާމް އާދަމަކީ ކުރީގެ ޔޫތު މިނިސްޓަރެވެ. އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބަކަށް އައްޔަން ކުރައްވަނީ ކުރީގެ ފޮރިން ސެކްރެޓަރީ އަލީ ނަސީރު މުހައްމަދު (އަލިނީ) އެވެ. އެ ތިން ބޭފުޅުން ވެސް ވަނީ ރާއްޖޭގެ ހާރިޖީ ދާއިރާއާ ގުޅޭ ކަންކަމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ.

ސިންގަޕޫރަށް އައްޔަން ކުރެއްވި ލުވެއިޒު އަދި ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބަކަށް ރުހުން ދެއްވި ޑރ. ސަލްމާ

ސިންގަޕޫރަށް އައްޔަން ކުރެއްވި ލުވެއިޒު އަދި ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބަކަށް ރުހުން ދެއްވި ޑރ. ސަލްމާ

ލަންކާ ސަފީރު ކަމަށް އައްޔަން ކުރަން ފޮނުވި މަސްއޫދަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގެ ޕްރެސް ސެކެޓްރީގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. ހެލްތު މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ފުރުއްވި ގީލާ ވަނީ ކުރިން ވެސް ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވައިފަ އެވެ.

ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބަކަށް އައްޔަނުކުރައްވާ ޑރ. ސަލްމާއަކީ ނިމުނު މަޖިލިސް އިންތިހާބުގައި މާފަންނު މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަސްމާ ރަޝީދުގެ އެއްބަނޑުއެއްބަފާ ކޮއްކޮ އެވެ. އަދި ޑރ. ސަލްމާއަކީ ޔޫއޭއީގެ ސަފީރުކަމަށް އައްޔަން ކުރައްވާ މުންދުގެ ބޮޑުދައިތަ އެވެ.

ސިންގަޕޫރު ސަފީރު ކަމަށް އައްޔަން ކުރަން ފޮނުވި ލުވެއިޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ރިލޭޝަންސްގެ މަގާމުގެ އިތުރުން އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ކައުންސިލްގެ މެމްބަރުކަން ވެސް ލުވެއިޒު ކުރެއްވި އެވެ.

މި އަށް ބޭފުޅުންގެ އިތުރުން، ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ޑރ. ފަޒީލް ނަޖީބު އަދި ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރަކަށް ޝިއުނީން ރަޝީދު އައްޔަނުކުރުމަށް ރުހުން ދިނުން ވެސް ކޮމިޓީން އަންނަނީ ދިރާސާކުރަމުންނެވެ.