Roadha Mihaaru
މެކްރޯން ރިޔާސީ ދެވަނަ ދައުރެއް ކަށަވަރު ކުރައްވައިފި

މެކްރޯން ރިޔާސީ ދެވަނަ ދައުރެއް ކަށަވަރު ކުރައްވައިފި

25 އެޕްރީލް 2022

ފަރަންސޭސި ވިލާތުގެ މިހާރުގެ ރައީސް އިމަނުއެލް މެކްރޯން ރިޔާސީ ދެ ވަނަ ދައުރަކަށް އިއްޔެ އިންތިޚާބުވެވަޑައިގެންފި އެވެ.

ފަރަންސޭސި ވިލާތުގެ މިހާރުގެ ރައީސް އިމަނުއެލް މެކްރޯން ރިޔާސީ ދެ ވަނަ ދައުރަކަށް އިއްޔެ އިންތިޚާބުވެވަޑައިގެންފި އެވެ.

ރިއާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އިދިކޮޅު ކެންޑިޑޭޓް މަރީން ލު ޕޭންއާ ވާދަކުރައްވައި، މެކްރޯން އިންތިޚާބު ކާމިޔާބު ކުރެއްވީ 58.55 ޕަސެންޓްގެ ވޯޓު ހޯއްދަވައިގެންނެވެ. މަރީން ލު ޕޭން އަށް ލިބިވަޑައިގަތީ، ވޯޓު ލުމުގައި ބައިވެރިވި މީހުންގެ 41.45 ޕަސެންޓް ވޯޓެވެ.

ފަރަންސޭސި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮތީ މި މަހުގެ 10 ވަނަ ދުވަހު އެވެ. ވޯޓު ލުމުގެ ދެ ވަނަ ބުރެއް އިއްޔެ ބޭއްވީ، ފުރަތަމަ ބުރުގެ ވޯޓުލުމުގައި ވާދަކުރެއްވި ހަ ކެންޑިޑޭޓުން ކުރެ އެއްވެސް ކެންޑިޑޭޓަކަށް، ވޯޓު ލީ މީހުންގެ 50 ޕަސެންޓަށް ވުރެ އިތުރަށް ވޯޓު ލިބިވަޑައިނުގަތުމުންނެވެ.

އިދިކޮޅު ކެންޑިޑޭޓް މަރީން ލު ޕޭން

އިދިކޮޅު ކެންޑިޑޭޓް މަރީން ލު ޕޭން

އިއްޔެގެ އިންތިހާބު ކާމިޔާބު ކުރެއްވުމާ އެކު މެކްރޯން ވެވަޑައިގެންފައިވަނީ، ވޭތުވެ ދިޔަ 20 އަހަރުގެ ތެރޭގައި، މަގާމުގައި ހުންނަވައި ދެ ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި ފުރަތަމަ ރައީސަށެވެ. އިއްޔެގެ ވޯޓުލުމުގެ ނަތީޖާ ސާފުކުރަމުން ދިޔައިރު، ރޭގައި ގައުމާ މުޚާތަބުކުރައްވައި، މެކްރޯން ވިދާޅުވި ގޮތުގައި ރިއާސީ ދެ ވަނަ ދައުރުގައި އޭނާ ވެވަޑައިގަންނަވާނީ، ގައުމު އެއްބައިވަންތަކުރާ، ގައުމުގެ އެންމެންގެ ރައީސަކަށެވެ.

އެންމެންގެ ރައީސަކަށް ވެވަޑައިގަންނަވާނެ ކަމަށް މެކްރޯން މި ވިދާޅުވީ، އޭނާއަކީ ވަރަށް ކިބުރުވެރި ބޮޑާ އަދި މުއްސަނދިންނާއި މަހުޖަނުންގެ ރައީސެއް ކަމަށް، ފާޑުކިޔާ މީހުން ބުނަމުންދާ ދުވަސްވަރެއްގަ އެވެ.

އިއްޔެގެ ވޯޓުލުމުގައި ބައިވެރިވީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ 72 ޕަސެންޓަށް ވުރެ ވެސް މަދު އަދަދެއްގެ މީހުންނެވެ. މިއީ 1969 ވަނަ އަހަރަށް ފަހު، ފަރަންސޭސި ވިލާތުގެ ރިޔާސީ އިންތިހާބެއްގައި މިހާ މަދު އަދަދެއްގެ ބަޔަކު ވޯޓުލީ ފުރަތަމަ ފަހަރެވެ. އަދި އިއްޔެގެ ވޯޓުލުމުގައި ބައިވެރިވި ކޮންމެ ތިން މީހަކުން އެކަކު، ދެ ކެންޑިޑޭޓުން ކުރެ ވަކި ކެންޑިޑޭޓަކަށް ވޯޓެއް ނުދެ އެވެ.

އިމަނުއެލް މެކްރޯން، ރިޔާސީ ދެ ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، ވިލާތުގެ ގައުމުތަކުން ވަނީ އޭނާ އަށް ތަހުނިޔާ ކިޔައިފަ އެވެ. އިދިކޮޅު މަރީން ލު ޕޭން އަކީ، ރަޝިޔާއާ ގާތް ގުޅުމެއް ބާއްވާ ބޭފުޅެއް ކަމުގެ ތުހުމަތު ކުރެވޭއިރު، މެކްރޯން، އިންތިޚާބު ކާމިޔާބު ކުރެއްވުމަކީ ވިލާތުގެ އިއްތިހާދަށް ވެސް ލިބުނު ކާމިޔާބެކެވެ.

ޖަރުމަންގެ މުސްތަޝާރު އޮލާފް ޝޯލްޒް އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް ވަނީ، ރައީސް މެކްރޯން އަށް ތަހުނިޔާ ދަންނަވައިފަ އެވެ. ބައިޑެން ވިދާޅުވީ ޔޫކްރޭންގެ މައްސަލައިގައި ވެސް ފަރަންސޭސި ވިލާތާ އެކުގައި ގާތް ގުޅުމެއް ބޭއްވުމަށް އުންމީދު ކުރައްވާ ކަމަށެވެ.

މެކްރޯން އަށް ލިބިވަޑައިގެންނެވި ކާމިޔާބީ އެންމެ ބޮޑަށް ފާހަގަކުރެއްވި ބޭފުޅުންގެ ތެރޭގައި، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ހިމެނިވަޑައިގަންނަވަ އެވެ.

ރައީސް މެކްރޯންގެ ރިޔާސީ ފުރަތަމަ ދައުރުގެ ފަސް އަހަރު ހޭދަކުރައްވަން ޖެހިވަޑައިގަތީ، އިދިކޮޅު މުޒާހަރާތަކާއި ކޮވިޑް-19ގެ ބަލިމަޑުކަމުން ކުރިމަތިވި އިގްތިސާދީ އަދި ސިޔާސީ ފިއްތުންތަކުގެ ތެރޭގަ އެވެ. ދެ ވަނަ ދައުރެއް ކާމިޔާބު ކުރެއްވިއިރު، އާންމު ރައްޔިތުންގެ ފަރާތުން ކުރިމަތިވަމުން އަންނަނީ، ދިރިއުޅުމުގެ ހަރަދުތައް މައްޗަށް ދާކަމުގެ ޝަކުވާތަކެވެ.