Roadha Mihaaru
ޔޫކްރޭންގެ ރައީސް އެމެރިކާ އަށް

ޔޫކްރޭންގެ ރައީސް އެމެރިކާ އަށް

21 ޑިސެމްބަރ 2022

މިއަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ މިއަދު އެމެރިކާ އަށް ވަޑައިގަންނަވާނެ އެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ މިއަދު އެމެރިކާ އަށް ވަޑައިގަންނަވާނެ އެވެ.

ޒެލެންސްކީގެ މިދަތުރާ ބެހޭ މައުލޫމާތު އެނގޭ ބައެއް މަސްދަރުތަކާ ހަވާލާދީ ހުޅަނގުގެ ނޫސްތަކުން ބުނާ ގޮތުގައި ޒެލެންސްކީ މިއަދު އެމެރިކާގެ ވެރިރަށް ވޮޝިންޓަނަށް ވަޑައިގެން އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސްގައި، އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ ބައްދަލުކުރައްވާނެ އެވެ. އޭގެ އިތުރުން، އޭނާގެ މިދަތުރުގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ގޭގެ ގުޅިފައިވާ ބައްދަލުވުމެއްގައި ވެސް ތަގުރީރު ކުރައްވާނެ އެވެ.

ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުގައި ޒެލެންސްކީ އެމެރިކާ އަށް މިވަޑައިގަންނަވަނީ، ރަޝިޔާގެ ހަމަލާތަކުން ދިފާއުވުމަށް އެމެރިކާ އިން ދޭ އަސްކަރީ އެހީތައް އިތުރުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އަދި އެމެރިކާގައި އުފައްދާފައިވާ، މިސައިލުން ދިފާއުވާ ޕެޓްރިއޮޓް މިސައިލް ނިޒާމުތައް ޔޫކްރޭނަށް ފޮނުވާނެ ކަން، ޒެލެންސްކީއާ އެކުގައި ބާއްވާ ބައްދަލުކުރެއްވުމުގައި، ރައީސް ޖޯ ބައިޑެން މިއަދު ރަސްމީކޮށް އިއުލާން ކުރައްވާނެ ކަމަށްވެ އެވެ.

ރައީސް ބައިޑެން މިއަދު އިއުލާން ކުރައްވާ އަސްކަރީ އެހީގެ ތެރޭގައި، އަގުގެ ގޮތުން ބަލާއިރު 1.8 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ހިމެނޭނެ އެވެ. އޭގެ ތެރޭގައި ޕެޓްރިއޮޓް މިސައިލް ނިޒާމުތަކާއި އަސްކަރީ އެހެން ސާމާނުތަކާއި މިސައިލާއި ރޮކެޓް ހިމެނޭނެ އެވެ.

މިއަދު އިއުލާންކުރާ އަސްކަރީ އެހީގެ ތަކެއްޗާ އެކު، މި ހަނގުރާމަ ފެށުނު ފަހުން އެމެރިކާ އިން ޔޫކްރޭނަށް ފޮނުވާ އަސްކަރީ އެހީގެ އަގު ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރަށް އަރާނެ އެވެ.

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިން ދިފާއުވުމަށް ނޭޓޯ އިން ޔޫކްރޭނަށް ފޮނުވާ އަސްކަރީ އެހީގެ ސާމާނުތައް ނުފޮނުވުމަށް ރަޝިޔާ އިން ދަނީ ތަކުރާރުކޮށް އިންޒާރު ކުރަމުންނެވެ. ނަމަވެސް އެ އިންޒާރުތަކަށް ބެލުމެއް ނެތި ނޭޓޯގެ ގައުމުތަކުން ޔޫކްރޭނަށް ހަތިޔާރު ފޮނުވަމުން ދާތީ، ރަޝިޔާ އިން އެންމެ ފަހުން ބުނެފައިވަނީ، މިހާރު ނޭޓޯއަކީ ވެސް ހަނގުރާމައިގެ ތެރެއަށް ވަދެފައިވާ ހަނގުރާމައިގެ ބައިވެރިއެއް ކަމަށެވެ.

ނޭޓޯ އިން ޔޫކްރޭނަށް ހަތިޔާރު ފޮނުވުމަކީ އަނދަމުންދާ އަލިފާންގަނޑަކަށް ދަރު އެޅުން ކަމަށް ރަޝިޔާ އިން ބުނަމުން ދަނިކޮށް، އެމެރިކާގެ ރިއާސީ ގަނޑުވަރުގައި، ޔޫކްރޭންގެ ރައީސް ޒެލެންސްކީ އަށް މެހުމާންދާރީ އަދާކުރުމަކީ، ރަޝިޔާގެ އިންޒާރުތަކާ މެދު ނޭޓޯ އާއި އެމެރިކާ ފަރުވާލެއް ނުބަހައްޓާ ކަމުގެ ހެއްކެކެވެ.

ރައީސް ޒެލެންސްކީގެ މި ދަތުރުގައި ވައިޓް ހައުސް އަށާއި ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް ކެޕިޓޮލް އަށް ވަޑައިގަންނަވާނެ ކަމަށް ނޫސްތަކުން ބުނި ނަމަވެސް، އެމެރިކާގެ ރަސްމީ އެއްވެސް އިދާރާއަކުން އެކަން ކަށަވަރުކޮށެއްނުދެ އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނެންސީ ޕެލޯސީ ވިދާޅުވީ ޒެލެންސްކީ، ކެޕިޓޮލް އަށް ވަޑައިގަންނަވާކަން އެނގިފައި ނެތް ކަމަށެވެ.

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު، ގައުމުން ބޭރަށް ވަޑައިގެން ހިމާޔަތް ހޯއްދެވުމަށް، އަވައްޓެރި ބައެއް ގައުމުތަކުން ރައީސް ޒެލެންސްކީ އަށް ދައުވަތު ދެއްވި އެވެ. ނަމަވެސް ޒެލެންސްކީ ވަނީ އެކަން އިންކާރު ކުރައްވައި، ވެރިރަށް ކިޔޭވްގައި ހުންނަވައިގެން ޔޫކްރޭންގެ ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ހަނގުރާމައިގެ އިރުޝާދުތައް ދެއްވުމުގައި ދެމިހުންނެވުމަށް ނިންމަވައިފަ އެވެ.