Roadha Mihaaru
މޭރީގެ މަރު: ހަމަލާދޭނެ ގޮތެއް ހޯދަން މާވިން ސާޗްކުރި

މޭރީގެ މަރު: މީހަކަށް ހަަމަލާދޭނެ ގޮތެއް ހޯދަން މާވިން ފޯނުން ސާޗްކުރި

26 އެޕްރީލް 2022

ރާއްޖޭގައި އުޅެނިކޮށް، ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި މަރުގެ ދައުވާލިބޭ އޭނާގެ ފިރިމީހާ މާވިން ވާގަސް، މީހަކަށް ހަމަލާދޭން ގޮތެއް ހޯދަން އިންޓަނެޓްގައި އޭނާގެ ފޯނުން ސާޗްކުރި ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި އުޅެނިކޮށް، ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި މަރުގެ ދައުވާލިބޭ އޭނާގެ ފިރިމީހާ މާވިން ވާގަސް، މީހަކަށް ހަމަލާދޭން ގޮތެއް ހޯދަން އިންޓަނެޓްގައި އޭނާގެ ފޯނުން ސާޗްކުރި ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ މޭރީއަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އޭނާ ދިރިއުޅުނު ގޭގެ ތެރޭގައި ހަމަލާދީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިންއަށް ދައުވާ ކުރާއިރު، މާވިންއާ ލޯބީގެ ގޮތުން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ހަލީމަތު ލަމްހާގެ މައްޗަށް އެކަމުގައި ބައިވެރިވުމުގައި ދައުވާ ކުރެ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި އިއްވި ދައުވާގައިި، މޭރީގެ ބޮލާއި ކަރަށް ހަމަލާދީ މަރާލީ ކަމަށް ބުނެފައި އޮތުމުން އެހެން ބުނަނީ ކޮން ހެއްކަކަށް ބިނާކޮށްތޯ މާވިންގެ ވަކީލް އިސްމާއިލް މުހައްމަދު ސުވާލު އުފެއްދެވި އެވެ. އަދި ބޭނުންކުރި ހަތިޔާރަކީ ކޮބައިތޯ އާއި އެކަމުގެ ހެއްކަކީ ކޮބައިކަން ބުނެދޭން އޭނާ އެދިވަޑައިގަތެވެ.

ދައުލަތުން ބުނީ މީހަކަށް ހަމަލާދޭނެ ގޮތެއް ހޯދަން މާވިން އިންޓަނެޓްގައި ސާޗްކުރިކަން އޭނާގެ ފޯނުގެ މޮބައިލް ފޮރެންސިކް ރިޕޯޓުން އެނގޭ ކަމަށެވެ. އެގޮތުން "ހައު ޓު ނޮކް ސަމްވަން އައުޓް" މިހެން ލިޔެފައި އޭނާ ސާޗްކުރި ކަމަށް ދައުލަތުން ބުންޏެވެ.

އޯލް އިންކްލޫސިވްކޮށް، ދައުވާގައި ހިމެނޭ ހުރިހާ ކަމަކަށް މާވިންގެ ފަރާތުން އިންކާރު ކުރަން: ވަކީލް

މީގެ އިތުރުން މޭރީ މަރާލި ރޭ އޭނާއާ އެކު ގޭގައި ހުރީ މާވިން އެކަނި ކަން މާވިންގެ އަމިއްލަ ބަހުން އެނގޭ ކަމަށާއި އަދި މޭރީގެ ޕޯސްޓްމޯޓަމް ރިޕޯޓުގައި ވެސް، އޭނާ މަރުވީ ބޮލާއި ކަރަށް ހަމަލާދިނުމުން ކަމަށް ބުނެފައި އެބަ އޮތް ކަމަށް ދައުލަތުން ބުންޏެވެ. އެކަމަކު ބޭނުންކުރި ހަތިޔާރެއް އެނގެން ނެތް ކަމަށް ދައުލަތުން ބުންޏެވެ.

ވަކީލް އިސްމާއިލް ވިދާޅުވީ ދައުލަތުން ތުހުމަތެއް މީހެއްގެ މައްޗަށް ކުރަން ޖެހޭނީ އެކަށީގެންވާ ހެކި ހުރެގެން ކަމަށެވެ، އަދި އިންޓަނެޓްގައި ސާޗްކުރުމަކީ ތުހުމަތު ކުރެވޭނެ ހެއްކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މޭރީ މަރާލިކަމުގެ ދައުވާއަށް މާވިން އިންކާރު ކުރާ ކަމަށް ވިދާޅުވެ، ވަކީލް އިސްމާއިލް ވިދާޅުވީ ދައުވާގައި ހިމެނޭ ހުރިހާ ކަމަކަށް ވެސް މާވިން އިންކާރުކުރާ ކަމަށެވެ. އަދި އޭނާ މޭރީ މަރާލާފައި ނުވާނެ ކަމަށާއި އަދި އެއްވެސް އިރަކު މާވިންގެ ފަރާތުން މޭރީއަށް އަނިޔާއެއް ނުކުރާ ކަމަށް ވަކީލް ވިދާޅުވި އެވެ.

"އޯލް އިންކްލޫސިވްކޮށް، ދައުވާގައި ހިމެނޭ ހުރިހާ ކަމަކަށް މާވިންގެ ފަރާތުން އިންކާރު ކުރަން،" އޭނާ ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމަށް މާވިން ކޯޓަށް ހާޒިރުކޮށްފައި އިން އިރު އޭނާގެ މޫނުމަތިން އެއްވެސް ހާސްކަމެއް ނުފެނެ އެވެ. ޝަރީއަތުގައި އިނދެ، ވަކީލާ އެކު ދޭތެރެ ދޭތެރެއިން އޭނާ ވާހަކަ ދައްކަ އެވެ. އަދި އަޑުއެހުމުގައި ދެކެވުނު ވާހަކަތައް ތަރުޖަމާނު ތަރުޖަމާކޮށްދިނީ ރަނގަޅަށް ކަމަށް ބުނެ، އެކަމަށް ކޯޓުގައި ޝުކުރު އަދާކުރި އެވެ.

މީގެކުރިން ގެނައި ތަރުޖަމާނު ވާހަކަތައް ތަރުޖަމާ ކުރުމުގައި މައްސަލަ ދިމާވާތީ މިއަދު ގެނައީ އާ ތަރުޖަމާނެކެވެ.

އެ މައްސަލާގެ ދައުލަތުން ހުށަހެޅި ބައެއް ހެކިތައް ނުލިބޭތީ އެކަމުގެ ޝަކުވާ ވަކީލް އިސްމާއިލް މިއަދު ކުރެއްވި އެވެ. އަދި ބޭނުން އިރަކު ދައުލަތުން ހެކި ހުށަހަޅަން ކޯޓުން ފުރުސަތު ދީފައި އޮވެގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

Mary's murder

Mary's murder

The most trusted news source in the Maldives

Mihaaru

މޭރީގެ މަރާ ގުޅޭ ޚަބަރުތައް

ދައުލަތުން ބުނީ މިވަގުތު ނުލިބި އޮތީ މާވިން އާއި މޭރީގެ ދަރިފުޅުގެ އެސެސްމަންޓް ރިޕޯޓް ކަމަށެވެ. ލަމްހާގެ މައްސަލާގައި ވެސް، އިބްތިދާއީ މަރުހަލާ ނިމުމާ ހަމައަށް އެ ރިޕޯޓް ހުށަހެޅުމުގެ ފުރުސަތު ދީފައި އޮތުމުން މާވިންގެ މައްސަލާގައި ވެސް އެ ފުރުސަތު ދޭން ދައުލަތުން އެދުނެވެ.

އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވެސް ނިންމެވީ އިބްތިދާއީ މަރުހަލާ ނިމުމާ ހަމައަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.

މާވިންގެ ބަންދު މުރާޖާކުރަން ދައުލަތުން އެދުނެވެ. ދިފާއީ ވަކީލް އިސްމާއިލް ވިދާޅުވީ މާވިންގެ ބަންދަށް ލުޔެއް ދޭންޖެހޭ ސަބަބެއް ނެތުމުން ބަންދު ދަމަހައްޓަން އެދިވަޑައިގަންނަވާ ކަމަށެވެ. ގާޒީ ނިންމެވީ ދެން އޮންނަ އަޑުއެހުމެއްގައި އެ ބައި ކުރިއަށް ގެންދިއުމަށެވެ.

މާވިން އާއި ލަމްހާގެ ބައި ވަކިން ކުރިއަށް ގެންދާތީ އެކަމާ ބެހޭގޮތުން ވަކީލް ސުވާލު ކުރެއްވި އެވެ.

ގާޒީ ފާއިޒް ވިދާޅުވީ އިބްތިދާއީ މަރުހަލާގައި ދެ މީހުންގެ ބައި ވަކިން ކުރިއަށް ގެންދަނީ އެ މަރުހަލާ އަވަސް ކުރުމަށް ކަމަށެވެ. އެކަމަކު ޝަރީއަތުގެ މަރުހަލާގައި ފެށުމަށްފަހު ކުރިއަށް ގެންދާނީ ދެ މީހުންގެ ބައި އެއްކޮށް ކަމަށް ގާޒީ ވިދާޅުވި އެވެ.

މާވިންގެ އެދުމުގެ މަތިން އެ މައްސަލާގެ އަޑުއެހުންތައް ދެން އޮންނާނީ އޮންލައިންކޮށް ކަމަށް ގާޒީ އިއުލާން ކުރެއްވި އެވެ. އެ މައްސަލާގައި އަންނަ މަހު ބާއްވާ އަޑުއެހުމުގައި އޮންނާނީ ހެކި ހާމަކުރުމެވެ.