Roadha Mihaaru
ލަމްހާ ދޫކޮށްލި މައްސަލަ: ވަކީލަކު ހޯދަން އެއް ދުވަސް

ލަމްހާ ދޫކޮށްލި މައްސަލަ: ވަކީލަކު ހޯދަން ލަމްހާއަށް އެއް ދުވަސް

10 ޑިސެމްބަރ 2023

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުން ބަލައިގަނެ، އެ މައްސަލައިގެ ޝަރީއަތް މިއަދު ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުން ބަލައިގަނެ، އެ މައްސަލައިގެ ޝަރީއަތް މިއަދު ފަށައިފި އެވެ.

އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެ ކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ މައްސަލައިގައި ލަމްހާ ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު މިދިޔަ މަހު ކްރިމިނަލް ކޯޓުން ވަނީ ލަމްހާ ދޫކޮށްލައިފަ އެވެ.

އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލައިގެ ޝަރީއަތް ފެށުމަށް ފަހު މިއަދު ބޭއްވި އަޑުއެހުމުގައި ލަމްހާ އެދުނީ ވަކީލަކު ހަމަޖައްސަން ތިން ދުވަހުގެ މުއްދަތެއް ދިނުމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެކަމަށް ދެވޭނީ އެއް ދުވަހުގެ މުއްދަތެއް ކަމަށެވެ.

އެހެންވެ، އެ މުއްދަތަށް ފަހު އަޑުއެހުން ތާވަލް ކުރާނެ ކަމަށް ބެންޗުން ވިދާޅުވި އެވެ.

އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި އިސް ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ޝަނީޒެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.

އެ މައްސަލާގައި ޝަރުތުތަކާ އެކު ލަމްހާ ބަންދުން ދޫކޮށްލަން ކޯޓުން ނިންމިޔަސް، މާވިންގެ ބަންދަށް ލުޔެއް ނުދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ.