Roadha Mihaaru
ކަނޑު އުޅަނދުތައް ވެސް އެމްއެންޑީއެފުން ފާސްކުރަނީ

"ހިރާސް ފާސް" އޮޕަރޭޝަން މުޅި ރާއްޖެ އަށް، ކަނޑު އުޅަނދުތައް ވެސް ފާސްކުރަނީ

25 ޑިސެމްބަރ 2016

އަލިފާނުގެ ހާދިސާތަކުން އާއްމުން ހޭލުންތެރިކުރުވުމަށް ހިންގާ "ހިރާސް ފާސް" އޮޕަރޭޝަން މުޅި ރާއްޖެ އަށް ފުޅާކޮށް، ކަނޑު އުޅަނދުތައް ވެސް ބަލައި ފާސްކުރަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަލިފާނުގެ ހާދިސާތަކުން އާއްމުން ހޭލުންތެރިކުރުވުމަށް ހިންގާ "ހިރާސް ފާސް" އޮޕަރޭޝަން މުޅި ރާއްޖެ އަށް ފުޅާކޮށް، ކަނޑު އުޅަނދުތައް ވެސް ބަލައި ފާސްކުރަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެެ.

މާލޭގެ ގުދަންތަކާއި ރެސްޓޯރެންޓް އަދި ބަދިގެތައް ފާސްކުރަން އެމްއެންޑީއެފުން ވަނީ އެއް މަސް ދުވަހުގެ އޮޕަރޭޝަނެއް ފަށައިފި އެވެ. އެކަމާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފަޔާ ރެސްކިއު ސާވިސްގެ ކޮމާންޑާ އަބްދުﷲ ޒުހުރީ ވިދާޅުވީ ހާއްސަ ސަމާލުކަމެއް ދީގެން ކަނޑު އުޅަނދުތައް ވެސް ފާސްކުރާނެ ކަމަށެވެ.

"މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން އޮޕަރޭޝަންގެ ދެ ވަނަ ބައިގެ ގޮތުގައި ކަނޑުއުޅަނދުތައް ފާސްކުރުން ހިމެނޭ. ކުދި އަދި ވަރަށް ބޮޑެތި އުޅަނދުތައް ވެސް ހިމެނޭ. އޭގެ ތެރޭގައި ވެސް ހާދިސާތައް ހިނގާފައި އެބަހުރި،" ޒުހުރީ ވިދާޅުވި އެވެ.

ލޯންޗެއްގައި އަލިފާން ރޯވެ އަނދަނީ.--ފޮޓޯ:ޕޮލިސް

ލޯންޗެއްގައި އަލިފާން ރޯވެ އަނދަނީ.--ފޮޓޯ:ޕޮލިސް

އެމްއެންޑީއެފްގެ ކެޕްޓަން އިބްރާހިމް އާޒިމް "މިހާރު" އަށް މިއަދު ވިދާޅުވީ މި އޮޕަރޭޝަންތައް ހިންގަން ނިންމާފައި ވަނީ ސިފައިންގެ މަރުކަޒުތައް ހުންނަ ތިން ސަރަހައްދު ބަހާލައިގެން ކަމަށެވެ.

އޭނާ ވިދާޅުވީ އުޅަނދެއްގައި އަލިފާން ރޯވެއްޖެ ނަމަ އަމަލުކުރާނެ ގޮތާއި އެ ނިއްވާނެ ގޮތްތައް ވެސް މި ފާސްކުރުމުގެ ތެރޭގައި އެ އުޅަނދުތަކުގެ ފަޅުވެރިންނަށް ކިޔައިދޭނެ ކަމަށެވެ. އަދި ދޯނީގެ ކުޑަބޮޑުމިނަށް ބެލުމަށް ފަހު، އެކަށީގެންވާ ސަލާމަތީ ވަސީލަތްތަކުގެ މައުލޫމާތުތައް ވެސް ދޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

ކ. ގާފަރު ކައިރީގައި މަސް ބާނަން އޮއްވައި އިއްޔެ ވެސް ވަނީ ދޯންޏެއްގައި އަލިފާން ރޯވެ ފަސް ލައްކައެއްހާ ރުފިޔާގެ ބޮޑު ގެއްލުމެއް ވެފަ އެވެ. އަދި އިހަވަންދޫ ބޯޓެއްގައި މިިދިޔަ މެއި މަހު ރޯވެ، 15 މިލިޔަން ރުފިޔާގެ ބޮޑު ގެއްލުމެއް ވަނީ ލިބިފަ އެވެ.