Roadha Mihaaru
އަލިފާނުގެ ހާދިސާގައި ޒަހަމްވި އެކެއްގެ ހާލު ސީރިއަސް

އަލިފާނުގެ ހާދިސާގައި ޒަހަމްވި އެކެއްގެ ހާލު ސީރިއަސް

12 ޑިސެމްބަރ 2020

ދޯންޏެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ޒަހަމްވި ތިން މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް މ. މުލީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ދޯންޏެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ޒަހަމްވި ތިން މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް މ. މުލީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އެ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ނާފިޒް "މިހާރު" އަށް ވިދާޅުވީ "ޖިހާދު-1" ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި ސީރިއަސް ހާލަތުގައި އޮތީ ދިވެއްސެއް ކަމަށެވެ. އަނެއް ދެ މީހުންނަކީ ބިދޭސީންނެވެ.

"އެ މީހާގެ ހާލު ކުޑަކޮށް ސީރިއަސް ކަމަށް ޑޮކްޓަރު ވިދާޅުވީ. އެކަމަކު ސްޓޭބަލް ކުރެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވިދާޅުވި،" ނާފިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމީހުންގެ ހަށިގަނޑުގެ ބައެއް ހިސާބުތައް ވަރަށް ބޮޑަށް ފިހިފައިވާ ކަމަށެވެ.

"ލައިގެން ހުރި ހެދުން ފަދަ ތަކެތި ވިރުމުން އެކަހަލަ ކަމެއް ކުރިމަތިވުން އެކަށީގެންވޭ،" ނާފިޒް ވިދާޅުވި އެވެ.

ޖިހާދު-1 ދޯނީގައި އަލިފާނުގެ ހާދިސާ ހިނގީ، އެމްއެންޑީއެފުން ބުނި ގޮތުގައި، ޕެޓްރޯލް ހަމެއްގައި ރޯވެގެންނެވެ. އެންމެ އަވަހަށް އެހީތެރިކަމެއް ފޯރުކޮށްދިނީ އެ ހިސާބުން ދަތުރުކުރި "ވިލާ ވާލި-13" ދޯނިން ކަމަށް ވެސް، އެމްއެންޑީއެފުން ބުންޏެވެ.

ގދ. ތިނަދޫ ފަޅުގައި އޮތް މަސް ދޯންޏެއްގައި މިދިއަ މަހު ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެ މީހަކު ވަނީ މަރުވެފަ އެވެ. ގޭސް ލީކްވެފައި ހުރި ވަގުތެއްގައި އުނދުން ރޯކުރަން އުޅުމުން ހިނގި އެ ހާދިސާގައި ހަތަރު މީހަކު ފިހި، އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދޭން ޖެހުނެވެ. އެންމެ ބޮޑަށް ފިހުނު ދެ މީހުން މަރުވީ، އައިސީޔޫގައި ފަަރުވާ ދެމުން ދަނިކޮށެވެ.