Roadha Mihaaru
"ފޯމު ހުށަހަޅަނީ އިޖުރާއަތުތައް ފުރިހަމަކޮށްގެން"

މެމްބަރުން އިތުރުކުރަން ފޯމު ހުށަހަޅަނީ އިޖުރާއަތުތައް ފުރިހަމަކޮށްގެން: އަދާލަތު ޕާޓީ

29 އެޕްރީލް 2022

ޕާޓީގެ ދަފްތަރަށް މެމްބަރުން އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅަނީ ހުރިހާ އިޖުރާއަތެއް ފުރިހަމަ ކުރުމަށް ފަހު ކަމަށް އަދާލަތު ޕާޓީން ރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕާޓީގެ ދަފްތަރަށް މެމްބަރުން އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅަނީ ހުރިހާ އިޖުރާއަތެއް ފުރިހަމަ ކުރުމަށް ފަހު ކަމަށް އަދާލަތު ޕާޓީން ރޭ ބުނެފި އެވެ.

އިދިކޮޅު ޕީޕީއެމަށް ސޮއިކޮށްފައިވާ އާއިލާއެއްގެ ނަމުގައި "ވަގަށް" ފޯމު ހުށަހަޅައިގެން އަދާލަތު ޕާޓީއަށް ވައްދާފައިވާ ކަމަށް ޕީޕީއެމުން ކުރާ ތުހުމަތަށް ޖަވާބު ދެމުން އަދާލަތުން ބުނީ ޕާޓީގެ ދަފްތަރުގައި ނަން ހިމެނުމަށް ހުށަހަޅާ ހުރިހާ ފޯމެއް އީސީ އަށް ހުށަހަޅަމުން އަންނަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ފުރިހަމަކުރަންޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.

އެ ޕާޓީ އަށް ލިބެނީ ސައްހަ ނޫން ފޯމެއްކަން އެނގިއްޖެ ނަމަ ނުވަތަ އެއްވެސް މީހަކު ޕާޓީން ވަކިކޮށްދިނުމަށް ހުށަހަޅައިފި ނަމަ އެ ނަމެއް ޕާޓީގެ ދަފްތަރުން އުނިކުރާ ކަމަށް ވެސް މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ޓްވީޓުގައި ބުންޏެވެ.

ޕީޕީއެމްގެ ފޭސްބުކް ޕޭޖުގައި އިއްޔެ ބުނެފައިވާ ގޮތުގައި އާއިލާއެއްގެ ހަތަރު މީހަކު އަދާލަތު ޕާޓީ އަށް ވައްދާފައިވާ މައްސަލަ އެ އާއިލާ އިން ވަނީ ޕާޓީ އަށް ހުށަޅައިފަ އެވެ. އަދި ވަގަށް ފޯމު ހުށަހަޅައިގެން ޕާޓީއަށް ވައްދާފައިވާތީ އަދާލަތާ ދެކޮޅަށް ދައުވާ ކުރާނެ ކަމުގެ އިންޒާރު ވެސް ޕީޕީއެމުން ދިނެވެ.

އީސީ އަށް ހުށަހެޅި ފޯމުގައި ޖަހާފައިވާ ގޭގެ ނަމްބަރަކީ ރަޖިސްޓަރީ ކޮށްފައިވާ ނަމްބަރެއް ނޫން ކަމަށާއި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ މީހުންގެ ނަމްބަރަށް ގުޅުމުން އެއީ ވެސް އޮޅުވާލައިގެން ލިޔެފައިވާ ނަމްބަރުތަކެއްކަން އެނގިފައިވާ ކަމަށް ޕީޕީއެމުން ބުނެ އެވެ.

އެ ވީޑިއޯގައި އަންހެން މީހާ ބުނީ އެ އާއިލާގެ 13 މީހުން ޕީޕީއެމަށް ސޮއިކޮށްފައިވާ ކަމަށެވެ. އެކަމަކު މި ފަހުން ބެލިއިރު އޭނާގެ ނަން އޮތީ އަދާލަތު ޕާޓީގައި ކަމަށާއި އެއީ މައްސަލައެއް ކަމަށް ބުންޏެވެ. "އަހަރެން ވެސް، އަހަރެންގެ ފިރިމީހާ ވެސް އަދި އަހަރެމެންގެ ދަރިފުޅުމެން ވެސް އަދާލަތު ޕާޓީގައި. ދެން އަހަރެންނަށް ކިހިނެއް ވެގެން ވީ ކަމެއްތޯ ބަލަން އަހަރެން އިލެކްޝަނަށް ސިޓީ ލީ. ލާފައި އެ މީހުން ބުނީ ކަލޭމެން ގަބޫލުނުވާ ކަމަށް ވަންޏާ ވަކިވާން ފޯމު ލާށޭ،" އޭނާ ބުންޏެވެ.

"އަހަރެން ބުނީ އެ އެއް ނޫނޭ އަހަރެން ބޭނުންވަނީ. އަހަރެން ބޭނުންވަނީ އަހަރެން ނަމުގައި އެ ތަނަށް އީސީ އަށް] ވައްދާފައި އިން ފޯމު ހޯދާށޭ."