Roadha Mihaaru
އޮފިޝަލުންނަށް ތުހުމަތާ އެކު ފޯކައިދޫގައި ހަމަނުޖެހުން

އީސީގެ އޮފިޝަލުންނާ އެމްޑީޕީން ބައްދަލުކުރީ ކަމަށް ބުނެ ފޯކައިދޫގައި ހަމަނުޖެހުން

04 ފެބުރުއަރީ 2022

ކޮމަންޑޫ ދާއިރާގެ އިންތިހާބު ކުރިއަށް ގެންދަން ށ. ފޯކައިދު އަށް ގޮސް ތިބި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންނާ އެމްޑީޕީގެ އިސް ފަރާތްތަކަކުން ބައްދަލުކޮށް ވޯޓު އޮޅުވައިލަން އުޅޭ ކަމުގެ ތުހުމަތާ އެކު އެ ރަށުގައި މިރޭ ހަމަނުޖެހުން ހިންގައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮމަންޑޫ ދާއިރާގެ އިންތިހާބު ކުރިއަށް ގެންދަން ށ. ފޯކައިދު އަށް ގޮސް ތިބި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންނާ އެމްޑީޕީގެ އިސް ފަރާތްތަކަކުން ބައްދަލުކޮށް ވޯޓު އޮޅުވައިލަން އުޅޭ ކަމުގެ ތުހުމަތާ އެކު އެ ރަށުގައި މިރޭ ހަމަނުޖެހުން ހިންގައިފި އެވެ.

އެ ހަމަނުޖެހުން ހިންގީ އޮފިޝަލުން ތިބި ތަނުގެ ތެރެއަށް ޕީޕީއެމްގެ ސަޕޯޓަރުންތަކެއް ވަދެ އެވެ. އެތަނަށް ވަން މީހުން ތުހުމަތުކުރާ ގޮތުގައި، އީސީގެ އޮފިޝަލުން ތިބީ ކެމްޕޭންގައި އެމްޑީޕީގެ ޖަގައެއްގެ ގޮތުގައި ބޭނުންކުރާ ގެސްޓް ހައުސްއެއްގަ އެވެ.

ޕީޕީއެމުން ތުހުމަތުކުރާ ގޮތުގައި އީސީގެ އޮފިޝަލުންނާ ބައްދަލުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް އެ ރަށަށް ވަޑައިގެން ހުންނެވި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) އެވެ.

ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، ފޯކައިދޫގައި ތިބި އީސީގެ އޮފިޝަލުންނާ އެމްޑީޕީގެ ބައެއް މެމްބަރުން ބައްދަލުކުރާ ކަމުގެ މައުލޫމާތު ލިބިގެން ޕީޕީއެމްގެ ޓީމުތައް އެ ތަނަށް ވަނީ ކަމަށެވެ. ފޯކައިދޫގެ ސަން ސެޓް ގެސްޓް ހައުސްއަކީ އެމްޑީޕީގެ ޖަގަހައެއްގެ ގޮތުގައި ބޭނުންކުރާ ތަނެއް ކަމަށާއި އީސީގެ އޮފިޝަލުން ބައިތިއްބާފައި ތިބީ އެ ތަނުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވި ގޮތުގައި އެ މައްސަލަ މިހާރު ވަނީ އިލެކްޝަންސް ކޮމިޝަނަށް ރިޕޯޓްކޮށްފަ އެވެ.

އީސީގެ އޮފިޝަލުން ތިބި ގެސްޓް ހައުސްގައި ޕީޕީއެމްގެ ސަޕޯޓަރުން.

އީސީގެ އޮފިޝަލުން ތިބި ގެސްޓް ހައުސްގައި ޕީޕީއެމްގެ ސަޕޯޓަރުން.

އާއްމުވެފައިވާ ވީޑިއޯތަކުގައި، އީސީގެ އޮފިޝަލުން ތިބި ތަނަށް ވަން ޕީޕީއެމްގެ ސަޕޯޓަރުން ބުނާ ގޮތުގައި އެމްޑީޕީއާ އެކު މި ވޯޓުގައި އެ ކޮމިޝަނަކަށް "ޖަރީމާ ހިންގަން ލާހިކެއް ނޫނެ"ވެ. އީސީގެ އޮފިޝަލުންނަށް އެ ގެސްޓް ހައުސްގައި ތިބިގެން ނުވާނެ ކަމަށް ވެސް ޕީޕީއެމްގެ ސަޕޯޓަރުން ބުންޏެވެ.

އީސީގެ އޮފިޝަލުން ތިބި ގެސްޓް ހައުސް އަށް ވަން މީހުންގެ ތެރޭގައި ކެމްޕޭނަށް އެ ރަށަށް ދިޔަ އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރަކު ވެސް ހިމެނެ އެވެ. ވޯޓުގެ މަސްލަހަތު ގެއްލުވާލައިފި ކަމަށް ބުނެ އެމްޑީޕީގެ ސަޕޯޓަރުން ދަނީ އޭނާ އެ ރަށުން ބޭލުމަށް އެދި ނުރުހުންފާޅުކުރަމުންނެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ހަމަނުޖެހުން ހިންގީ ރަށު ތެރޭގައި ފެތުރި އަޑުތަކަކާ ގުޅިގެން ކަމަށެވެ. ގެސްޓް ހައުސްގައި މެމްބަރު ބިގޭ ހުންނަވައި އީސީގެ އޮފިޝަލުންނާ ބައްދަލުކުރީ ކަމަށް ތުހުމަތުކުރީ ގެސްޓް ހައުސްގެ ތިރީގައި ހުރި ކެފޭއެއްގައި އެމްޑީޕީގެ މެމްބަރުންތަކެއް ތިބި ތަން ފެނިގެން ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި އެކަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޕީޕީއެމްގެ މީހުން ވަން އިރު އެތަނުގައި ބިގޭ ނޫޅުއްވަ އެވެ.

ފޯކައިދޫގައި މިރޭ ހަމަނުޖެހުން ހިންގިއިރު، މިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވައިލި ކަމުގެ ތުހުމަތާ އެކު ޕީޕީއެމުން އަންނަނީ އީސީ އަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި، ކޮމަންޑު އާއި ފޯކައިދޫގެ އިތުރުން މަރޮށީގައި މާދަމާ ވޯޓުލާން ވަނީ ތައްޔާރުވެފަ އެވެ. އެ ދާއިރާގައި ބައި އިލެކްޝަނެއް ބާއްވަން ޖެހުނީ އެ ގޮނޑި ފުރުއްވި ހުސެއިން ވަހީދު ކެންސަރު ބަލީގައި އަވަހާރަވުމުންނެވެ.

ބައި އިލެކްޝަނުގައި އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދުގެ އިތުރުން ވާދަކުރައްވަނީ ޕީޕީއެމްގެ މޫސާ ފަތުހީ އާއި އެމްއެންޕީގެ އަބްދުލް ހަންނާނެވެ.