Roadha Mihaaru
ގިނަމީހުން ބޭނުމީ ވޯލްޑް ކަޕުގައި މެސީ ކުޅޭތަން ބަލަން

ގިނަ މީހުން ބޭނުމީ ގަތަރު ވޯލްޑް ކަޕުގައި މެސީ ކުޅޭތަން ބަލަން

30 އެޕްރީލް 2022

ނިޔޯން (އޭޕްރީލް 30) - މިއަހަރުގެ ފަހުކޮޅު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ މެޗްތައް ބަލަން ދަނޑަށް ވަންނަން އެންމެ ގިނަ ހުށަހެޅުން ލިބިފައި ވަނީ އާޖެންޓީނާގެ ގުރޫޕް ސްޓޭޖުގެ މެޗުތަކަށް ކަން ހާމަ ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ނިޔޯން (އޭޕްރީލް 30) - މިއަހަރުގެ ފަހުކޮޅު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ މެޗްތައް ބަލަން ދަނޑަށް ވަންނަން އެންމެ ގިނަ ހުށަހެޅުން ލިބިފައި ވަނީ އާޖެންޓީނާގެ ގުރޫޕް ސްޓޭޖުގެ މެޗުތަކަށް ކަން ހާމަ ކޮށްފި އެވެ.

މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމެއް އަދި ކަށަވަރު ނުވާ ނަމަވެސް، ފީފާ އިން އިއްޔެ ހާމަ ކުރި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 23.5 މިލިއަން ފަރާތަކުން ޓިކެޓް ގަންނަން ހުށަހަޅާފައި ވެއެވެ. އަދި އެންމެ ގިނަ ޓިކެޓަށް އެދިފައިވާ މެޗުތަކުގެ ތެރޭގައި އާޖެންޓީނާ ކުޅޭ ގުރޫޕް ސްޓޭޖުގެ ތިން މެޗު ވެސް ހިމެނޭ ކަން ފީފާއިން ބުނެ އެވެ.

"ފައިނަލް މެޗަށް ޝައުގުވެރިކަން ފާޅު ކޮށްފައިވާ ފަރާތްތަކުގެ އިތުރުން ދެން އެންމެ މަގުބޫލު މެޗުތަކުގެ ތެރޭގައި ހިމެނެނީ، އާޖެންޓީނާ އާއި މެކްސިކޯ، އާޖެންޓީނާ އާއި ސައުދީ އަރަބިއްޔާ، އިންގްލެންޑާއި އެމެރިކާ އަދި ޕޮލެންޑާއި އާޖެންޓީނާ ބައްދަލުކުރާ މެޗަށް،" ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ ބަޔާނުގައި ވެއެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް ފަހު އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމުގެ އިޝާރާތެއް ދީފައި ވާއިރު، ވޯލްޑް ކަޕްގެ ތަށްޓަކީ މެސީ އަށް މިހާތަނަށް އުފުލާ ނުލެވި އޮތް ހަމައެކަނި ބޮޑު މުބާރާތެވެ. ސްޕެއިންގެ ބާސެލޯނާގައި މެސީ ހޭދަކުރި 17 ސީޒަނުގައި އޭނާ ވަނީ ކާމިޔާބު ކުރެވެން ހުރި ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްފަ އެވެ. އަދި މި ސީޒަނުގައި ޕީއެސްޖީ އަށް ބަދަލުވެ، އޭނާ ވަނީ ފްރާންސްގެ ލީގު ވެސް ޔަގީން ކޮށްފަ އެވެ.

މެސީ އާޖެންޓީނާ އާއެކު 2021 ވަނަ އަހަރު ބޭއްވި ކޮޕާ އެމެރިކާ މުބާރާތުގެ ތަށި އުފުލާލަނީ: ފައިލް ފޮޓޯ: އޭއެފްޕީ

މެސީ އާޖެންޓީނާ އާއެކު 2021 ވަނަ އަހަރު ބޭއްވި ކޮޕާ އެމެރިކާ މުބާރާތުގެ ތަށި އުފުލާލަނީ: ފައިލް ފޮޓޯ: އޭއެފްޕީ

ކުލަބް ލެވެލްގައި ކިތަންމެ ކާމިޔާބަސް ގައުމީ ޓީމުގައި ކާމިޔާބު ހޯދަން އޭނާ އަށް ވަނީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތި ލާން ޖެހިފަ އެވެ. އާޖެންޓީނާ އާއެކު ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕުގެ ފައިނަލަށް ދަތުރު ކުރި ނަމަވެސް ފައިނަލުގައި ބަލިވީ އޮތުރު ވަގުތު ކުޅެގެންނެވެ.

ދެކުނު އެމެރިކާ ބައްރުގެ ފުޓުބޯޅަ މުބާރާތް، ކޮޕާ އެމެރިކާގެ ފައިނަލުގައި ތިން ފަހަރު ނާކާމިޔާބީއާ ކުރިމަތިލައި، އޭނާ ވަނީ މީގެ ކުރިން ގައުމީ ޓީމުން އަމިއްލަ އަށް ރިޓަޔާ ވެސް ވެފަ އެވެ. ނަމަވެސް އެނބުރި އައިސް އޭނާ ވަނީ މިދިޔަ އަހަރުގެ ކޮޕާ އެމެރިކާ މުބާރާތް ކާމިޔާބު ކޮށް އެންމެ ފަހުން ސީނިއާ ގައުމީ ޓީމުގައި ކެޕްޓަން ބޭންޑް އަޅައިގެން ތަށްޓެއް އުފުލާލައިފަ އެވެ.

ޓިކެޓްގެ އަގު ރަޝިއާ މުބާރާތަށް ވުރެ އެތައް ގުނައެއް ބޮޑު

މިފަހަރުގެ މުބާރާތުގެ ޓިކެޓުގެ އަގުތައް އުޅެނީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕަށް ވުރެ އެވްރެޖްކޮށް 30 ޕަސެންޓް މަތީގަ އެވެ. އެންމެ އަގުހެޔޮ ޓިކެޓުތައް ލިބެނީ ގަތަރުގެ ރައްޔިތުންނަށާއި އެ ގައުމަށް ހިގުރަ ކޮށްފައިވާ މަސައްކަތްތެރިންނަށެވެ. އެމީހުނަށް ގުރޫޕް ސްޓޭޖުގެ ކޮންމެ މެޗަކަށް ވެސް 10 ޑޮލަރަށް ޓިކެޓް ގަންނަން ލިބޭނެ އެވެ.

2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް މެޗު ފެށުމުގެ ކުރިން. އެ މެޗުގެ އެންމެ އަގު ބޮޑު ޓިކެޓްގެ އަގު އުޅުނީ 1،100 ޑޮލަރަށް.--

2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް މެޗު ފެށުމުގެ ކުރިން. އެ މެޗުގެ އެންމެ އަގު ބޮޑު ޓިކެޓްގެ އަގު އުޅުނީ 1،100 ޑޮލަރަށް.--

މި އަހަރުގެ ފުރަތަމަ ދެ މަހު ސޭލްސްގެ ފުރަތަމަ ބުރުގައި 800،000 އަށް ވުރެ ގިނަ ޓިކެޓް ސްޕޮންސާ ކޮށްފައި ވާ ކަމަށް ފީފާ އިން ހާމަ ކުރެ އެވެ. ގުރޫޕް ސްޓޭޖުގެ ޓިކެޓްތައް ގާތްގަނޑަކަށް 250 ޑޮލަރުގައި އުޅޭ އިރު ފައިނަލް މެޗުގެ ޓިކެޓްތައް އުޅެނީ 1،600 ޑޮލަރަށް ވުރެ މަތީގަ އެވެ. މިއީ 2018 ވަނަ އަހަރުގެ މުބާރާތަށް ވުރެ 45 ޕަސެންޓް މަތީ އަދަދެކެވެ.

ފީފާއިން ދެން ކުރިޔަށް ގެންދާނީ ޓިކެޓް ގަންނަން ހުށަހެޅި ފަރާތްތަކުން ގަވާއިދުތަކާ އެއްގޮތަށް ކަންކަން ކޮށްފައި ވޭތޯ ބަލައި ޔަގީން ކުރުމުގެ ކަންކަމެވެ. އެއަށް ފަހު އަންނަ މެއި މަހުގެ 31 އިން ފެށިގެން ޓިކެޓަށް ފައިސާ ދައްކަންވީ މުއްދަތު އެ ފަރާތްތަކަށް ދެވޭނެ އެވެ. އަދި މުބާރާތް ކުރިޔަށް ދާއިރު ގަތަރުގައި ހުރުމުގެ ކަންކަން ހަމަޖެއްސުމުގެ ފުރުސަތު ލިބޭނީ ވެސް ޓިކެޓަށް ފައިސާ ދައްކާ ނިންމުމަށް ފަހު އެވެ.

މުބާރާތުގެ މެޗުތަކަށް ޓިކެޓް ރިޒާވް ކުރުމުގެ މުއްދަތު ވަނީ ހަމަވެފަ އެވެ. ބާކީ ހުރި ޓިކެޓްތައް ތަރުތީބުން ވިއްކުމުގެ ކަންކަން ފަށާނެ ދުވަހެއް ފީފާއިން އަދި ހަމަ ކޮށްފައެއް ނުވެ އެވެ. މި އަހަރުގެ ވޯލްޑް ކަޕް ކުރިޔަށް ދާނީ ނޮވެމްބަރު 21 އިން ޑިސެމްބަރު 18 އަށެވެ.