Roadha Mihaaru
މެސީ ނެތިވެސް ސްކަލޯނީގެ އާޖެންޓީނާ ވަރުގަދަ

މެސީ ނެތި ވެސް ސްކަލޯނީގެ އާޖެންޓީނާ ވަރުގަދަ

30 ޖޫން 2024

ފްލޮރިޑާ (ޖޫން 29) – ކޮޕާ އެމެރިކާގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި 2-0 އިން ޕެރޫ ބަލިކޮށް، ކެޕްޓަން ލިއޮނެލް މެސީ ނުލައި ވެސް އާޖެންޓީނާ އަށް މޮޅު ވެވިދާނެކަން ދައްކާލައިފި އެވެ.

ފްލޮރިޑާ (ޖޫން 29) – ކޮޕާ އެމެރިކާގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި 2-0 އިން ޕެރޫ ބަލިކޮށް، ކެޕްޓަން ލިއޮނެލް މެސީ ނުލައި ވެސް އާޖެންޓީނާ އަށް މޮޅު ވެވިދާނެކަން ދައްކާލައިފި އެވެ.

އެންމެ ފަހުން ގުރޫޕް ސްޓޭޖުގައި ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީގެ ފަޔަށް ކޮންމެވެސް ވަރަކަށް ހާނިއްކަ ވެގެން އޭނާ މިއަދުގެ މެޗުގައި އިނީ ބެންޗުގަ އެވެ. ޓީމު ލީޑު ކުރީ އެންހެލް ޑި މާރިއާ އެވެ.

މެސީ ވަނީ 2010 ވަނަ އަހަރު ގައުމީ ޓީމުގެ ކެޕްޓަނަކަށް ހަމަޖެއްސި ފަހުން ބައިނަލްއަގުވާމީ ކޮންމެ މުބާރާތެއްގައި ވެސް ޓީމު ލީޑު ކޮށްފަ އެވެ. އޭނާ އަށް އަނިޔާ ވެއްޖެ ނަމަ އެއީ މުޅި ޓީމާއި ސަޕޯޓަރުންނަށް ވެސް އޮތް ކަންބޮޑުވުމަކަށް ވަނީ ވެފަ އެވެ.

ނަމަވެސް 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާ އަށް ތައްޔާރުވާން ހަމަޖެއްސި ކޯޗު ލިއޮނެލް ސްކަލޯނީ މަގާމާ ހަވާލު ވުމަށް ފަހު ވަނީ މެސީ ޓީމުގައި ހުއްޓަސް، އޭނާ އަށް ބަރޯސާވުން ހުއްޓުމަކަށް ގެނެސް، އިދިކޮޅު ޓީމުތަކަށް ބަލިކުރަން އުދަގޫ ޓީމެއް ބިނާކުރަން ސަޕޯޓަރުންނަށް ވައުދު ވެފަ އެވެ.

ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި އާޖެންޓީނާގެ ކުޅުންތެރިން ދަނޑަށް ނެރުން ލަސްވުމާ ގުޅިގެން ކެންމޮބެލް އިން ވަނީ ޕެރޫ ބެޗަށް ކޯޗު ސްކަލޯނީ ސަސްޕެންޑް ކޮށްފަ އެވެ. އެ މައްސަލައާ ގުޅިގެން މިއަދުގެ މެޗުގައި އެ ޓީމަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު ވޮލްޓާ ސެމިއުލް އެވެ. ނަމަވެސް އާޖެންޓީނާ މެޗު ކާމިޔާބުކުރީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މިއަދުގެ މެޗުގައި ދެ ގޯލު ވެސް ޖެހީ ލައުޓާރޯ މާޓިނޭޒް އެވެ. ދެ ވަނަ ހާފު ފެށުނު ތަނާ ޑިމާރިއާގެ ޕާހަކުން ފުރަތަމަ ލަނޑު ޖަހައިދިން އިރު، ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ލީޑު ފުޅާ ކުރީ އެންޒޯ ފެނާންޑޭޒްގެ ޕާހަކުންނެވެ. އޭގެ ކުރިން ދެ ވަނަ ހާފުގައި ލިއަންޑްރޯ ޕަރޭޑޭސް ފޮނުވާލި ޕެނަލްޓީއެއް ވަނީ ނާކާމިޔާބު ވެފަ އެވެ.

މި ގުރޫޕްގައި ދެން ކުޅުނު ޗިލީ އާއި ކެނެޑާގެ މެޗު ނިމުނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.

މިއާ އެކު، އާޖެންޓީނާ އިން ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްގެން ގުރޫޕްގެ އެއްވަނަ ހޯދިއިރު، ދެ ވަނައިގައި ނިންމާލީ ހަތަރު ޕޮއިންޓް ހޯދި ކެނެޑާ އެވެ. ދެ ޕޮއިންޓާ އެކު ނިންމާލި ޗިލީ އާއި އެއް ޕޮއިންޓް ހޯދި ޕެރޫ ވަނީ މުބާރާތުން ކަޓައިފަ އެވެ.

ކުއާޓާ ފައިނަލްގައި އާޖެންޓީނާ ވާދަކުރާނީ ގުރޫޕް ބީގެ ދެވަނަ ހޯދާ ޓީމަކާ ދެކޮޅަށެވެ. ގުރޫޕް ބީގައި ހިމެނޭ ޖަމައިކާ ދެ މެޗުން ބަލިވެގެން މުބާރާތުން ވަނީ ކަޓައިފަ އެވެ. ވެނިޒުއޭލާ މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްގެން އެއްވަނައިގައި އޮތްއިރު، އިކުއެޑޯ އާއި މެކްސިކޯ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.