Roadha Mihaaru
މެސީގެ ރެކޯޑާއެކު އާޖެންޓީނާ ކުއާޓާ ފައިނަލަށް

މެސީގެ ރެކޯޑާ އެކު އާޖެންޓީނާ ކުއާޓާ ފައިނަލަށް

22 ޖޫން 2021

ބްރެޒިލިއާ (ޖޫން 22) - ކެޕްޓަން ލިއޮނެލް މެސީ، ރެކޯޑް ހެދި މެޗުގައި ޕެރަގުއޭގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި އާޖެންޓީނާ ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބްރެޒިލިއާ (ޖޫން 22) - ކެޕްޓަން ލިއޮނެލް މެސީ، ރެކޯޑް ހެދި މެޗުގައި ޕެރަގުއޭގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި އާޖެންޓީނާ ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މެސީ އަށް ރެސްޓް ދޭން ވިސްނާ ކަމަށް ކުރިން ބުނި ނަމަވެސް، އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ މެޗަށް ނުކުތީ މެސީ ހިމަނައިގެންނެވެ. ރޭ ގެ މެޗާއެކު މެސީ ވެފައި ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ އަށެވެ. ޖުމުލަ 147 މެޗު ކުޅެ މެސީ ވަނީ ހާވިއޭ މެޝަރާނޯގެ ރެކޯޑް މުގުރައިލައިފަ އެވެ.

"ހަގީގަތަކީ މެސީ ވަނީ އަހަރެމެންގެ ހުރިހާ މެޗެއް ކަހަލަ ގޮތަކަށް ކުޅެފައި. އެހެންވީމަ އޭނާ އަށް ބަރޯސާ ނުވެ ކުޅެން އުޅުމަކީ ފަސޭހަ ކަމެއް ނޫން،" މެޗަށް ފަހު ވާހަކަ ދައްކަމުން ސްކަލޯނީ ބުންޏެވެ. "އަހަރެން ކަންބޮޑުވާ ކަމަކީ ކުޅުންތެރިންގެ ފިޒިކަލް ކޮންޑިޝަން. މިކަހަލަ ހާލަތެއްގެ ތެރެއިން ކުޅެން ޖެހޭއިރު ކުޅުންތެރިންގެ ފިޒިކަލް ކޮންޑިޝަނަށް އެހާ ރަނގަޅެއް ނޫން."

ލަނޑު ޖެހުމަށް ފަހު އާޖެންޓީނާގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު އާޖެންޓީނާގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

ބްރެޒިލްގެ ފެޑްރަލް ކެޕިޓަލް ބްރަޒިލިއާގައި ހުންނަ ބްރެޒިލްގެ ގައުމީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، އާޖެންޓީނާގެ ހަމައެކަނި ލަނޑު މެޗުގެ 10 ވަނަ މިނެޓްގައި އަލްހެންޑްރޯ ޑަރިއޯ ގޯމޭޒް ކާމިޔާބު ކުރީ އެންހަލް ޑީ މާރިއާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

އާޖެންޓީނާގެ ފަހަތުން ގްރޫޕް ބީ ގެ ފޭވަރިޓަކަށް ވާނެ ކަމަށް ބެލެވުނު އުރުގުއޭ އަށް މުބާރާތުގައި އަދި ރަނގަޅު ނަތީޖާއެއް ނުނެރެވެ އެވެ. ރޭ އެ ޓީމު ޗިލީ އާ އެއްވަރުވީ 1-1 އިންނެވެ. އެއީ ކޮޕާ އެމެރިކާގެ އެންމެ ކާމިޔާބު ޓީމު އުރުގުއޭ އިން މި ފަހަރު ހޯދި ހަމައެކަނި ޕޮއިންޓެވެ. މެޗުން ޕޮއިންޓް ހޯދައި މިހާތަނަށް ޖުމުލަ ފަސް ޕޮއިންޓް ހޯދައި ޗިލީ ވަނީ ކުއާޓާ އަށް ދަތުރުކޮށްފަ އެވެ. ގްރޫޕް އޭ ގެ އެއް ވަނައިގައި އާޖެންޓީނާ އޮތީ ހަތް ޕޮއިންޓާ އެކު އެވެ.

ގްރޫޕް ބީ އިން، ބްރެޒިލް ވެސް ވަނީ ކުއާޓާ އަށް ދަތުރުކޮށްފަ އެވެ. ކޮންމެ ގުރޫޕަކުން ވެސް ކްއާޓާ އަށް ދާނީ ގަދަ ހަތަރު ޓީމެވެ.