Roadha Mihaaru
ތިމަރަފުށީ އެއާޕޯޓް މަރާމާތުކޮށްދޭނެ ބަޔަކު ހޯދަނީ

ތިމަރަފުށީ އެއާޕޯޓް މަރާމާތުކޮށްދޭނެ ބަޔަކު ހޯދަނީ

30 އެޕްރީލް 2022

އައިލެންޑް އޭވިއޭޝަނުން ހިންގާ، ތ. ތިމަރަފުށީ އެއާޕޯޓް މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އައިލެންޑް އޭވިއޭޝަނުން ހިންގާ، ތ. ތިމަރަފުށީ އެއާޕޯޓް މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

މަރާމާތުގެ މަސައްކަތްތައް ކުރަން ޖެހެނީ އެއާޕޯޓްގެ ފަޔާ އެންޑް ރެސްކިއު އިމާރާތާއި އެކޮމޮޑޭޝަން ބްލޮކާއި ޕަސެންޖާ ޓާމިނަލްގެ އޮފީސް އޭރިއާ އާއި ބޯޑިން ގޭޓް ޗެކިން އޭރިއާގެ އިތުރުން ޕަވާހައުސާއި ސެކިއުރިޓީ ގޭޓާއި ސެކިއުރީޓީ ފެންސް އެވެ.

ތ. އަތޮޅުގައި މިވަގުތު އޮޕަރޭޓް ކުރަމުން އަންނަ ހަމައެކަނި އެއާޕޯޓުގެ މަރާމާތުގެ މަސައްކަތަށް ޝައުގުވެެރިވާ ނަމަ، މެއި މަހުގެ އަށް ވަނަ ދުވަހުގެ ހެނދުނު 11 ގެ ކުރިން މައުލޫމާތު ފޯމު ފުރައި [email protected] އަށް ފޮނުވަން ޖެހެ އެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ އެ ވަގުތުގެ ކުރިން މައުލޫމާތު ފޯމު ހުށަނާޅާ ފަރާތްތަކާއި މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ނުދާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ.

ތިމަރަފުށީގެ އެއާޕޯޓަކީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި 2013 ވަނަ އަހަރު ހުޅުވި އެއާޕޯޓެކެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްގީ ކުރި ތިމަރަފުށީ އެއާޕޯޓަކީ 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ އެއާޕޯޓެކެވެ. އެ މަސައްކަތަށް 32 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.