Roadha Mihaaru
ބަދަލަށް 1.7 މިލިއަން މޯލްޑިވިއަން އިން ދޭންޖެހިއްޖެ

ތިމަރަފުށީ އެއާޕޯޓްގެ މައްސަލައެއްގައި 1.7 މިލިއަންގެ ބަދަލެއް މޯލްޑިވިއަން އިން ދައްކަން ޖެހިއްޖެ

23 ސެޕްޓެމްބަރ 2021

ތ. ތިމަރަފުށީ އެއާޕޯޓްގައި ކެފޭ ހިންގުމުގެ އެއްބަސްވުން ބާތިލުކުރި މައްސަލައިގައި 1.7 މިލިއަން ރުފިޔާގެ ބަދަލެއް އަމިއްލަ ކުންފުންޏަކަށް ދައްކަން މޯލްޑިވިއަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ތ. ތިމަރަފުށީ އެއާޕޯޓްގައި ކެފޭ ހިންގުމުގެ އެއްބަސްވުން ބާތިލުކުރި މައްސަލައިގައި 1.7 މިލިއަން ރުފިޔާގެ ބަދަލެއް އަމިއްލަ ކުންފުންޏަކަށް ދައްކަން މޯލްޑިވިއަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ކެފޭ ތަރައްގީ ކުރުމަށް، މޯލްޑިވިއަން އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އާއި ސެކިއާ ގްރީން ޕްރައިވެޓް ލިމިޓެޑާ އެކު 2017 ގައި ހެދި އެއްބަސްވުން އެ ކުންފުނިން އެދިގެން 2019 ވަނަ އަހަރު ވަނީ ބާތިލުކޮށްފަ އެވެ. ސެކިއާ ގްރީން ޕްރައިވެޓް ލިމިޓެޑުން ކެފޭ ހިންގަން ކުރި ޚަރަދުގެ ބަދަލު ދޭން ވެސް އެ ކުންފުނިން އެދުނަސް، އެ ފައިސާ މޯލްޑިވިއަން އިން ދީފައެއް ނުވެ އެވެ.

އެ ފައިސާ ހޯދަން ސެކިއާ ގްރީން ޕްރައިވެޓް ލިމިޓެޑުން ދައުވާ ކުރުމުން ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ކެފޭ ތަރައްގީކޮށް ހިންގުމުގެ އެއްބަސްވުން ނިމުމަކަށް ގެންނަ ހާލަތުގައި، އެ ތަނަށް ކޮށްފައިވާ ޚަރަދުތައް އަނބުރާ ދޭންޖެހޭނެ ކަން އެއްބަސްވުމަށް ބެލުމުން އެނގޭ ކަމަށެވެ. އަދި އެތަނުގައި ގެންގުޅުނު ސާމާނުތައް ހިމެނޭ ގޮތުން ބަދަލު ދޭންޖެހޭނެ ކަމަށާއި އެހެންވެ، އެތަނުގެ އިމާރާތާއި ގެންގުޅުނު ސާމާނުގެ ބަދަލުގެ ގޮތުގައި 1.7 މިލިއަން ރުފިޔާއަކީ އެކަށީގެންވާ އަދަދެއް ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ އެއްބަސްވުމުގެ ދަށުން ސެކިއާ ކުންފުނިން ދައްކަންޖެހޭ ކުލި ދައްކާފައިނުވާ ކަމަށް މޯލްޑިވިއަން އިން ބުންޏަސް، ނުލިބި އޮތީ ކިހާ މުއްދަތެއް ކުލި ކަން ބުނެދެވިފައި ނުވާ ކަމަށެވެ. އަދި އެ ފައިސާ ނަގައި ދިނުމަށް މޯލްޑިވިއަން އިން އެދިފައި ނުވާތީ އެކަމާ މެދު ގޮތެއް ނުނިންމޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، ހުކުމުގައި މޯލްޑިވިއަން އަށް އަންގާފައި ވަނީ ތިން މަސް ތެރޭގައި 1.7 މިލިއަން ރުފިޔާ ކޯޓަށް ދެއްކުމަށެވެ.