Roadha Mihaaru
ތިމަރަފުށީ އެއާޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފަށައިފި

ރޭގަނޑުގެ ފްލައިޓްތަކާ އެކު ގެސްޓް ހައުސް ވިޔަފާރިއަށް ކުރިއެރުން ލިބޭނެ: ޒުހެއިރު

15 ޖެނުއަރީ 2019

ތިމަރަފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމުން ގެސްޓްހައުސްތަކަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ޓްރާންސްޕޯޓް އެންޑް އޭވިއޭޝަންގެ ސްޓޭޓް މިނިސްޓަ އަހުމަދު ޒުހެއިރު މިރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ތިމަރަފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމުން ގެސްޓްހައުސްތަކަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ޓްރާންސްޕޯޓް އެންޑް އޭވިއޭޝަންގެ ސްޓޭޓް މިނިސްޓަ އަހުމަދު ޒުހެއިރު މިރޭ ވިދާޅުވެއްޖެ އެވެ.

ތިމަރަފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒުހެއިރު ވިދާޅުވީ މި ސަރުކާރުން ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަށް ހާއްސަ ސަމާލުކަމެއްދީގެން މަސައްކަތް ފަށާފައިވާ އިރު މި ނިޒާމު ތަރައްގީކުރާނީ ޖަޒީރާވަންތަ ގޮތްތަކަށް ކަމަށެވެ.

"ގެސްޓްހައުސް މިރަށުގައި ފުޅާވެފައިވާ އިރު ރޭގަނޑުގެ ދަތުރުތައް ފެށުމުން ގެސްޓްހައުސް ވިޔަފާރި ހިންގާ ފަރާތްތަކަށް ބޮޑު ފައިދާއެއް ކުރާނެ. ރައްޔިތުންނަށް ލުއިފަސޭހަކަން ގެނައުމަށް ހަރުދަނާ ސިޔާސަތުތައް ތައާރަފް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަމާޒު،" ކުރިން އައިލެންޑް އޭވިއޭޝަންގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި ޒުހައިރު ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ޒުހައިރު ވަނީ އެ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ކުރުމުގެ ހުއްދަ އައިލެންޑް އޭވިއޭޝަނަށް ދީފަ އެވެ. އެ ހުއްދައާ ހަވާލުވެވަޑައިގަތީ މެނޭޖިން ޑިރެކްޓަ މުހައްމަދު ރިޒްވީ އެވެ.

މޯލްޑިވިއަންގެ މަތިންދާބޯޓު ތިމަރަފުށީ އެއާޕޯޓުގައި:

މޯލްޑިވިއަންގެ މަތިންދާބޯޓު ތިމަރަފުށީ އެއާޕޯޓުގައި:

ރިޒްވީ ވިދާޅުވީ ތިމަރަފުށީ އެއާޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފެށުމަކީ އެ ރަށުގެ ރައްޔިތުންނަށް ލިބޭނެ ލުއިފަސޭހައެއް ކަމަށެވެ. އަދި މި ސަރަހައްދުގެ ރިސޯޓުތަކާއި ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ވެސް އެކަމުން ފައިދާވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއާ އެކު މި އެއާޕޯޓުގައި އިތުރު ވަޒީފާތައް އުފެދި އިތުރު ބެނިފިޓްސްތައް ރައްޔިތުންނަށް ކުރާނެ،" ރިޒްވީ ވިދާޅުވި އެވެ.