Roadha Mihaaru
ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ނިއުޔޯކަށް

ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ނިއުޔޯކަށް ފުރާވަޑައިގެންފި

01 މެއި 2022

އެމެރިކާގެ ނިއުޔޯކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ފުރާވަޑައިގެންފި އެވެ.

އަހުމަދު ޝަބީން އަހުމަދު ޝަބީން

އެމެރިކާގެ ނިއުޔޯކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ފުރާވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި "ފުޓިން ސަސްޓެއިނަބުލް އެންޑް ރިޒިލިއަންޓް ޓޫރިޒަމް އެޓް ދަ ހާޓް އޮފް އޭން އިންކްލޫސިވް ރިކަވަރީ" މި މައުލޫ އަށް އދ ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބާއްވަވާ މަތީ ފެންވަރުގެ ތީމެޓިކް ޑިބޭޓްގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިއީ ދުނިޔޭގެ ޓޫރިޒަމްގެ ޖަމިއްޔާ (ޔޫއެންޑަބްލިއުޓީއޯ) އާއި ޔޫއެންޑީޕީ އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރުމެންޓް ޕްރޮގްރާމް (ޔުނެޕް) އާއި ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (ޔޫއެންސީޓީއޭޑީ) ގުޅިގެން ބާއްވާ ބަހުސެކެވެ.

މި ހަރަކާތާއި ގުޅިގެން މެމްބަރު ގައުމުތަކަށާއި ކަމާބެހޭ އެހެނިހެން ފަރާތްތަކަށް ހައިލެވެލް ތީމެޓިކް ރައުންޑްޓޭބަލް ތިން ބައްދަލުވުމެއްގައި ސްޓްރެޓެޖީތަކާ މެދު މަޝްވަރާކޮށް, އެންމެ ރަނގަޅު ގޮތްތަކާއި ތަޖުރިބާތައް ހިއްސާ ކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި އަނބިކަނބަލުން އާއިޝަތު ޝަމްސަދާ އާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.