Roadha Mihaaru
ރައީސަށް ނިއު ޔޯކުން މަރުހަބާ ދެންނެވީ ޝާހިދު

ރައީސަށް ނިއު ޔޯކުން މަރުހަބާ ދެންނެވީ ޝާހިދު

19 ސެޕްޓެމްބަރ 2021

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާގެ ނިއު ޔޯކަށް މިއަދު ވަޑައިގެންފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާގެ ނިއު ޔޯކަށް މިއަދު ވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ، ނިއު ޔޯކްގެ ޖޭ އެފް ކެނެޑީ އެއާޕޯޓުން ރައީސަށް މަރުހަބާ ދެންނެވީ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން އެމެރިކާގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން ކަމަށެވެ.

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ އަށް ގައުމުތަކުގެ އެންމެ އިސްވެރިން ނިއު ޔޯކަށް ވަޑައިގަންނަވަން ފައްޓަވާފައިވާއިރު، އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު އެހެން ބޭފުޅުން ރިސީވް ކުރައްވަން ސީދާ އެއާޕޯޓަށް ވަޑައެއް ނުގަންނަވާނެ އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި، މި ދަތުރުފަތުރުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ވެސް ބައިވެރިވެ އެވެ.

އދ. ގެ އާންމު މަޖިލީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަގުރީރު ކުރައްވާނީ އަންނަ އަންގާރަ ދުވަހު އެވެ. މި ފަހަރުގެ ސެޝަންގެ ރިޔާސަތު ބަލަހައްޓާ ގައުމުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އެ މަނިކުފާނު ތަގުރީރު ކުރައްވާނީ ތިންވަނަ އަށެވެ. އެ ޖަލްސާގައި ތަގުރީރު ކުރެއްވުމުގެ އިތުރުން މި ދަތުރުފުޅުގައި އެކި ގައުމުތަކުގެ އިސްވެރިންނާ ވެސް ރައީސް ބައްދަލު ކުރައްވާނެ އެވެ.

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ މަގާމާ ރާއްޖޭގެ ހާރިޖީ ވަޒީރު ޝާހިދު ހަވާލުވެވަޑައިގަތީ މި މަހުގެ 14 ގަ އެވެ. މިއީ އދ. ގެ އެންމެ އިސް މަގާމަކަށް ދިވެއްސަކަށް ދަތުރު ކުރެއްވުނު ފުރަތަމަ ފަހަރު ކަމަށް ވާއިރު، މި ފަހަރުގެ ސެޝަން ރާއްޖެ އަށް މުހިންމެވެ.

ރައީސްގެ މި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.

ރައީސް ވަނީ ސެޕްޓެމްބަރު 2019 ގައި ބޭއްވި އދ. ގެ އާއްމު މަޖިލީހުގެ 74 ވަނަ ޖަލްސާގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.