Roadha Mihaaru
ފަތިސް 05:05
އިރުއަރާ 06:19
މެންދުރު 12:23
އަސްރު 15:42
މަގްރިބް 18:19
ޢިޝާ 19:34
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ހާލު ދެރަވި މީހާއަށް އޮކްސިޖަން ޗެމްބަރުގައި ފަރުވާދެނީ

ގެއްލުނު މީހާ ނުފެނޭ، ހާލު ދެރަވި މީހާ އަށް އޮކްސިޖަން ޗެމްބަރުގައި ފަރުވާދެނީ

03 މެއި 2022

ފުވައްމުލަކުގައި ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ އަދިވެސް ނުފެންނައިރު، އޭނާއާ އެކު ޑައިވިން އަށް ފޭބި ދެވަނަ މީހާގެ ހާލު އަދިވެސް ވަރަށް ގޯސް ކަން އެނގިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފުވައްމުލަކުގައި ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ އަދިވެސް ނުފެންނައިރު، އޭނާއާ އެކު ޑައިވިން އަށް ފޭބި ދެވަނަ މީހާގެ ހާލު އަދިވެސް ވަރަށް ގޯސް ކަން އެނގިއްޖެ އެވެ.

ފުވައްމުލަކު ނެރު ކައިރިއަށް ޑައިވިން އަށް ގޮސް އުޅެނިކޮށް، ގެއްލިގެން ހޯދަނީ އެ ރަށުގެ ޑައިވިން އިންސްޓްރަކްޓަރެއް ކަމަށްވާ މުހައްމަދު ސައީދެވެ. އުމުރުން 44 އަހަރުގެ ސައީދަކީ ފުވައްމުލަކުގައި އަމިއްލަ ޑައިވިން ސެންޓަރެއް ހިންގާ މީހެކެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑުން އަދިވެސް އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެ ރަށުގެ އެހެން ޑައިވަރުން ވެސް އެ މަސައްކަތުގައި ބައިވެރިވެ އެވެ.

ފުވައްމުލަކުން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ ހާލު ދެރަވި މީހާ އަށް އިތުރު ފަރުވާދިނުމަށް ދ. އަތޮޅުގައި އޮންނަ ކަންޑިންމަ މޯލްޑިވްސް ރިސޯޓަށް ގެންގޮސްފައިވާ ކަމަށެވެ. ގެނބިގެން ފަރުވާ ބޭނުންވާ މީހުންނަށް ހާއްސަ އޮކްސިޖަން ތެރަޕީ ދޭ ޗެމްބަރެއް އެ ރިސޯޓްގައި ހުރެ އެވެ.

"އޭނާ ޗެމްބާ އަށް ލީމަ ވެސް އެއްވެސް ރެސްޕޮންސެއް ނެތް. މިއަދު ހަވީރު އަނެއްކާ ވެސް ޗެމްބާ އަށް ލާނެ".

ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި އެ ދެ މީހުން ޑައިވިން އަށް ފޭބީ އެއްކޮށެވެ. ހާލު ދެރަވި ޒުވާނާ މައްޗަށް އެރިޔަސް، ސައީދުގެ ޚަބަރެއް އޭގެ ފަހުން ނުވެ އެވެ. އަދި ހާލު ދެރަވި މީހާ ވެސް ހޭނެތުނީ ކަމަށް ބުންޏެވެ.

ސައީދު އެންމެ ފަހުން ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިން ސޫޓެކެވެ. އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް އޭނާގެ ޚަބަރެއް ވޭތޯ ބަލައިދޭން އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.