Roadha Mihaaru
މަސް ހިފަން ސައީދު ބޭނުންކުރި އެއްޗެއް ފެނިއްޖެ

މަސް ހިފަން ސައީދު ބޭނުންކުރި ކަމަށް ބެލެވޭ އެއްޗެއް ފެނިއްޖެ

03 މެއި 2022

ފުވައްމުލަކުގައި ޑައިވިން އަށް ގޮސް އުޅެނިކޮށް އިއްޔެ ހަވީރު ގެއްލުނު މުހައްމަދު ސައީދު މަސް ހިފަން ގެންގުޅުނު ކަމަށް ބެލެވޭ އާލާތެއް ފެނިއްޖެ ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފުވައްމުލަކުގައި ޑައިވިން އަށް ގޮސް އުޅެނިކޮށް އިއްޔެ ހަވީރު ގެއްލުނު މުހައްމަދު ސައީދު މަސް ހިފަން ގެންގުޅުނު ކަމަށް ބެލެވޭ އާލާތެއް ފެނިއްޖެ ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.

އެއީ ސީދާ ކޮން އެއްޗެއް ކަމެއް ނުބުންޏަސް، އެމްއެންޑީއެފުން ބުނީ އެ އާލާތް ފެނުނީ ކޯސްޓްގާޑްގެ ޑައިވަރުން ފުވައްމުލަކު ނީމޯ، ސައީދު ގެއްލުނު ސަރަހައްދަށް ޑައިވް ކުރުމުގެ ތެރޭގައި 59 މީޓަރު އަޑިން ކަމަށެވެ. ކައްޗަކަށް ވާ ގޮތަށް ހެދިފައި އޮތް ފަރުގެ ސަރަހައްދުގެ ފުންމިނުގައި، އެ އާލާތް ފެނުނު ޕޮއިންޓުން ފެށިގެން 70 އާއި 100 މީޓަރާ ދެމެދު ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ހުއްޓުމެއް ނެތި އަދިވެސް ސައީދު 44، ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

ޑައިވިން އަށް ގޮސް އުޅެނިކޮށް ސައީދު ގެއްލުނު ފުވައްމުލަކުގެ ސަރަހައްދު.

ޑައިވިން އަށް ގޮސް އުޅެނިކޮށް ސައީދު ގެއްލުނު ފުވައްމުލަކުގެ ސަރަހައްދު.

ސިފައިން އާންމުކުރި ވީޑިއޯގައި ފެންނަނީ ސިފައިންގެ ޑައިވަރުން ބޮޑު ފަރެއް ކައިރީގައި ފީނާ ތަނެވެ. ފެންނަ ފެނުމަށް އެއީ ވަރަށް ފުން ހިސާބެކެވެ.

އޭނާ ހޯދުމަށް ކޯސްޓްގާޑްގެ ޑައިވަރުން ކަނޑުއަޑިން ހޯދަމުންދާއިރު، ކޯސްޓްގާޑް ހާބާ ޕެޓްރޯލް އުޅަނދުން އަންނަނީ ކަނޑުގެ ސަރަހައްދު ވެސް ބަލަމުންނެވެ. އަދި އެ އޮޕަރޭޝަން އިތުރަށް ފުޅާކޮށް، އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާބޯޓާއި ހެލިކޮޕްޓަރު ވެސް އެ ސަރަހައްދުގައި އަންނަނީ ބޭނުންކުރަމުންނެވެ.

ސައީދު ގެއްލުނީ ފުވައްމުލަކުގެ "ޓައިގާ ޝާކް" ޑައިވިން ޕޮއިންޓަށް އިތުރު މީހަކާ އެކު ޑައިވިން އަށް ގޮސް އުޅެނިކޮށެވެ. އޭނާއާ އެކު ދިޔަ މީހާ ފެނިފައިވާއިރު، އޭނާގެ ހާލު އަދިވެސް ވަރަށް ގޯހެވެ. އޭނާ އަށް ދ. އަތޮޅުގައި އޮންނަ ކަނޑިންމަ މޯލްޑިވްސް ރިސޯޓްގައި ހުންނަ އޮކްސިޖަން ޗެންބަރުގައި އަންނަނީ ފަރުވާދެމުންނެވެ.

އެމްއެންޑީއެފުން ބުނީ ސައީދު ޑައިވިން އަށް ފޭބިއިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިން ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެއް ކަމަށެވެ. އޭނާގެ އަތުގައި ރީނދުލާއި އޮރެންޖް ކުލައިގެ ބެލޫނެއް އޮންނާނެ ކަމަށް ވެސް ބުންޏެވެ.

އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ސައީދުއާ ބެހޭ އެއްވެސް ޚަބަރެއް ވެއްޖެ ނަމަ އެމްއެންޑީއެފުން އަންގަން އެދިފައިވެ އެވެ.