Roadha Mihaaru
ސަރުކާރަށް ދޫކުރާ ބިންކޮޅު ހަވާލުކުރަން މުއްދަތެއް ދީފި

ވެށިފަހިން ފްލެޓް ލިބުނު މީހުން ބިންކޮޅު ހަވާލުކުރުމަށް މުއްދަތެއް ދީފި

25 ޑިސެމްބަރ 2016

ވެށިފަހި މާލެ، އޭ ކެޓަގަރީން ފްލެޓާއި ހުޅުމާލެ އިން ގޯއްޗަށް އެދުނު މީހުން ދޫކޮށްލަން އެއްބަސްވި ބިންކޮޅު ހުސްކުރުމަށް ފަހު ސަރުކާރާ ހަވާލުކުރުމަށް ހައުސިން މިނިސްޓްރީން މިއަދު މުއްދަތެއް ދީފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވެށިފަހި މާލެ، އޭ ކެޓަގަރީން ފްލެޓާއި ހުޅުމާލެ އިން ގޯއްޗަށް އެދުނު މީހުން ދޫކޮށްލަން އެއްބަސްވި ބިންކޮޅު ހުސްކުރުމަށް ފަހު ސަރުކާރާ ހަވާލުކުރުމަށް ހައުސިން މިނިސްޓްރީން މިއަދު މުއްދަތެއް ދީފި އެވެ.

އެ މަޝްރޫއުގެ އޭ ކެޓަގަރީގައި މާލެ އިން 250 ފްލެޓާއި ހުޅުމާލެ އިން ގޯއްޗަށް އެދުނީ މާލެ އިން އެ މީހަކަށް ލިބިފައި އޮތް ބިންކޮޅު ނުވަތަ ގޯތި ސަރުކާރަށް ދޫކޮށްލަން އެއްބަސްވެގެންނެވެ.

ހައުސިން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ވެށިފަހި މާލެ މަޝްރޫއުގެ ދަށުން ފްލެޓާއި ގޯތި ލިބުނު ބައެއް މީހުން މިހާތަނަށް ވެސް ގޯތި ނުވަތަ ބިންކޮޅު ދޫކޮށްލާފައި ނުވާ ކަމަށެވެ. ޝަރުއީ މަރުހަލާގައި ގޯތި ހަވާލުކުރުމުގެ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާ މީހުން މިއަދުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ގޯތި ނުވަތަ ބިންކޮޅު ހަވާލުކުރުމަށް ހައުސިން މިނިސްޓްރީން ވަނީ އެދިފަ އެވެ.

ޝަރުއީ މަރުހަލާ އިން އިޖުރާއަތުތައް ފުރިހަމަކޮށްފައި ނުވާ މީހުން އެއް މަސް ދުވަހުގެ ތެރޭގައި އެކަން ނިންމައި، ބިންކޮޅު ހަވާލުކުރުމަށް ވެސް ތިން މަސް ދުވަސް ވަނީ ދީފަ އެވެ.

ކަނޑައަޅާފައިވާ މުއްދަތުގައި ބިންކޮޅު ހަވާލުނުކޮށްފިނަމަ ގާނޫނީ ގޮތުން ފިޔަވަޅު އަޅައި ބިންކޮޅު ހުސްކުރަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ވެށިފަހި މާލެ މަޝްރޫއުގައި ހުޅުވާލި ތިން ކެޓަގަރީން ފްލެޓް ލިބުނު މީހުން ކަނޑައަޅާފައިވީ ނަމަވެސް ބައެއް މީހުންނާ އަދި ފްލެޓް ހަވާލެއް ނުކުރެ އެވެ.