11 މެއި 2022
ބައިބަލާގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރު ބީޖީ ސްޕޯޓްސް ކްލަބް، ގިނަ ދުވަސްތަކެއް ވަންދެން ބައިބަލާގެ މައިދާނުން ގެއްލި އޮވެގައި އެޓީމުން އެނބުރި އައިސް ފުރަތަމަ މެޗު ފަސޭހަ ކަމާ އެކު ކާމިޔާބު ކޮށްފި އެވެ.
ބައިބަލާގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރު ބީޖީ ސްޕޯޓްސް ކްލަބް، ގިނަ ދުވަސްތަކެއް ވަންދެން ބައިބަލާގެ މައިދާނުން ގެއްލި އޮވެގައި އެޓީމުން އެނބުރި އައިސް ފުރަތަމަ މެޗު ފަސޭހަ ކަމާ އެކު ކާމިޔާބު ކޮށްފި އެވެ.
މިއަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި ބާއްވާ އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1443 ގައި ބީޖީން ވާދަކުރި ފުރަތަމަ މެޗުގައި ރޭ އެޓީމުން ކުޅުނީ ބްރަދަހުޑް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. ރެކޯޑް 10 ފަހަރު އީދު ބަައިބަލާ މުބާރާތް ކާމިޔާބު ކޮށްފައިވާ ބީޖީ އިން ފުރަތަމަ ބޭރުން ކުޅުނު ގޭމު ފަސޭހަ ކަމާ އެކު ގެންދިޔައީ އެއް މިނިޓާއި 25 ސިކުންތު ތެރޭ އެތެރޭގެ ހަ ކުޅުންތެރިން ނުބައި ކޮށްލައިގެންނެވެ.
މިހާތަނަށް އެންމެ ގިނަ ފަހަރަށް މިސްޓަ ބައިބަލާގެ މަގާމް ހާސިލް ކޮށްފައިވާ ކުރިން ގައުމީ ފުޓުބޯޅަ ޓީމުގެ ގޯލްކީޕަރަކަށް ވެސް ކުޅުނު މުހައްމަދު ޝިނާން (ނާނި) ވެސް ވަނީ ދިގު މެދުކެނޑުމަކަށް ފަހު އައިސް ބީޖީ ސްޕޯޓްސް ކުލަބު ޓީމުގައި ކުޅެފަ އެވެ. އޭނާ ބޭރުން އެރި ހަމައެކަނި ފަހަރު ވެސް ދިޔައީ އެތެރޭގެ ކުޅުންތެރިއެއް ގޮވައިގެންނެވެ.
މެޗު ފެށުމުގެ ކުރިން ބީޖީ ސްޕޯޓްސް ކުލަބުގެ ކުޅުންތެރިންނާއި އޮފިޝަލުން، ބީޖީ ސްޕޯޓްސް ކުލަބަކީ ބައިބަލާގައި އެންމެ މުއްސަނދި ތާރީހެއް އޮތް ކުލަބް-- ފޮޓޯ: ބައިބަލާ އެސޯސިއޭޝަން
އެތެރޭން ކުޅުނު ގޭމުގައި ވެސް ބީޖީން ވަނީ މޮޅަށް ކުޅެފަ އެވެ. ބައިބަލާ އެސޯސިއޭޝަނުން ލ. ގަމުގައި އެންމެ ފަހުން ބޭއްވި ހައްދުންމަތީ ބައިބަލާ މުބާރަތުގެ މިސްޓަ ބައިބަލާ މުހައްމަދު ލުފްޝާން (ޕަފް) ވެސް ހިމެނެނީ ބީޖީ ސްޕޯޓްސް ކުލަބުގަ އެވެ. އޭނާ އާއި ބީޖީގެ ސޮލާހު (ސަލަސް) ވަނީ އެތެރޭގެ ގޭމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލުފްޝާން އެވެ.
މި މެޗު ކާމިޔާބު ކޮށްގެން ބީޖީ ސްޕޯޓްސް ވަނީ ގަދަ 16 އަށް ދަތުރު ކޮށްފަ އެވެ. ބީޖީ ސްޕޯޓްސް ކުލަބާ ދެކޮޅަށް މު ބުރުގައި ނުކުންނާނީ ކްލަބް ބޮބް އެވެ.
ބީޖީ ސްޕޯޓްސް ކުލަބުން ވަނީ މުބާރާތުގައި އިތުރު ދެ ޓީމު ބައިވެރި ކޮށްފަ އެވެ. އެއީ ބީޖީ ޖޫނިއާސް އާއި ބީޖީ ނިއު ޖެނެރޭޝަން އެވެ. މި ދެޓީމު ވެސް ވަނީ ގަދަ 16 އަށް ހޮވިފަ އެވެ. ގަދަ 16 ގައި ބީޖީ ޖޫނިއާސް ބައްދަލުކުރާނީ 'މީޓް ދަ އީގަލްސް' އާއެވެ. އަދި ބީޖީ ނިއު ޖެނެރޭޝަން ވާދަކުރާނީ އެލްޓީ ސްޕޯޓްސްއާ ދެކޮޅަށެވެ.
އެލްޓީ ސްޕޯޓްސް ގަދަ 16 އަށް ދަތުރުކުރީ ރޭ ކުޅުނު މެޗުގައި ޓީނޭޖް ވެޓެރަންސް ޓީމު ސީދާ ދެ ގޭމުން ބަލި ކޮށްގެންނެވެ. ބީޖީ ނިއުޖެނެރޭޝަން ވަނީ ރޭ ސީދާ ދެ ގޭމުން ރޮކް ސްޓްރީޓް ޒީ ބަލިކޮށްފަ އެވެ. އަލަށް ބައިވެރިވެ ރޮކް ސްޓްރީޓް ޒީ އިން ވަނީ މުބާރާތުގެ ފުރަތަމަރޭ ތަޖުރިބާކާރު ޓީސީ ލަޔަންސްއާ ވާދަކޮށް ގަދަ ހިފުމަކަށް ގޮސްގެން ފުރަތަމަ މެޗު ކާމިޔާބު ކޮށްފަ އެވެ.
އެލްޓީ ސްޕޯޓްސް ކްލަބާއި ޓީނޭޖް ވެޓެރަންސް ބައްދަލުކުރި މެޗުގެ ތެރެއިން؛ ވެޓެރަންސް އެތެރޭގައި، އެލްޓީގެ ކުޅުންތެރިއަކު ހިފަހައްޓަނީ.-- ފޮޓޯ: ބައިބަލާ އެސޯސިއޭޝަން
ޓީސީ ލަޔަންސް އިން ފުރަތަމަ ގޭމުގައި ބޭރުން ކުޅުނު އިރު ކުރީކޮޅު ފަސޭހަ ކަމާ އެކު ދިޔައީ އެތެރޭގައި ތިބި ރޮކް ސްޓްރީޓް ޒީ ގެ ކުޅުންތެރިން ނުބައި ކުރަމުންނެވެ. އެތެރޭގައި ފަސް ކުޅުންތެރިންނަށް މަދުވުމުން އެޓީމުގެ ކޯޗު ޓައިމްއައުޓެއް ނަގައި، ފަހުން ޓީސީ ލަޔަންސް އިން އެރި ތިން ކުޅުންތެރިން ރިންގު އެތެރެއިން ހިފެހެއްޓި އެވެ. ނަމަވެސް ތަޖުރިބާގެ ބޭނުން ހިފައި 8-6 އިން ގޭމު ގެންދިޔައީ ލަޔަންސް އެވެ.
މި މެޗު ގަދަ ހިފުމަކަށް ދިޔައީ ރޮކް ސްޓްރީޓް ޒީ އިން ބޭރުން ކުޅުނު ގޭމު ކާމިޔާބު ކުރުމުންނެވެ. ޓީސީ ލަޔަންސް އަށް ބޭރުން އެރި އެއްވެސް ކުޅުންތެރިއެއް ނުހިފެހެއްޓުނު އިރު ރޮކް ސްޓްރީޓް ޒީ އިން ވަނީ ޓީސީގެ ހަ ކުޅުންތެރިން ނުބައި ކޮށްފަ އެވެ. ރޮކް ސްޓްރީޓް ޒީ އިން ގަދަ ހިފުން ކާމިޔާބު ކުރީ ތިން ހިފުމުގެ ތެރެއިން ދެ ހިފުން ގެންގޮސްގެންނެވެ.
ފުރަތަމަ ރޭ ފަސޭހަ ކަމާ އެކު ކްލަބް އެސްޑީޒީ ސީދާ ދެ ގޭމުން ބަލިކުރި މަސްއޮޑި ވޯވޯ ވެސް ވަނީ ރޭ ގަދަ ހިފުމަކަށް ގޮސް ލޮރެންޒޯ ހޭނާސް ބަލިކޮށް ގަދަ 16 އިން ޖާގަ ހޯދައިފަ އެވެ. މަސްއޮޑި ވޯވޯ އިން އެތެރޭން ކުޅުނު ފުރަތަމަ ގޭމުގެ ފަހު ސިކުންތުކޮޅުގައި ހެދި ގޯސްތަކުން އެޓީމަށް ފުރަތަމަ ގޭމު ގެއްލުނެވެ.
މަސްއޮޑި ވޯވޯ އާއި ލޮރެންޒޯ ހޭނާސް ވާދަކުރި މެޗުގެ ތެރެއިން، މަސްއޮޑި ވޯވޯ ރިންގު އެތެރޭގައި. އެތެރޭގެ ގޭމުން މަސްއޮޑި ވޯވޯ ބަލިވީ އެންމެ ފަހު ސިކުންތުކޮޅުގައި.-- ފޮޓޯ: ބައިބަލާ އެސޯސިއޭޝަން
ފުރަތަމަ ގޭމުގެ ފަހު 14 ސިކުންތުގައި ވެސް މަސްއޮޑި ވޯވޯ އޮތީ 9-7 އިން ކުރީގަ އެވެ. ނަމަވެސް ފަސް ސިކުންތު ބާކީ އޮއްވައި ލޮރެންޒޯ އިން ވަނީ ކުޅުންތެރިއަކު ނުބައިކޮށްލައި، 8-8 އިން އެއްވަރު ކޮށްފަ އެވެ. އަދި ދެން އރި ކުޅުންތެރިޔާ، ބާކީ ދެ ސިކުންތު އޮއްވާ ފޭބީ ކުޅުންތެރިއަކު ގޮވައިގެން، ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ.
ނަމަވެސް މަސްއޮޑި ވޯވޯ އިން ވަނީ ބޭރުން ކުޅެ ދެވަނަ ގޭމު ހޯދައި، ގަދަ ހިފުމުގައި ފުރަތަމަ ދެ ހިފުން ވެސް ކާމިޔާބު ކޮށް ގަދަ 16 އަށް ދަތުރު ކޮށްފަ އެވެ. މި ބުރުގައި މަސްއޮޑި ވޯވޯ ވާދަކުރާނީ ކްލަބް އޯވަންއޯ (ކްލަބް 010) އާ ދެކޮޅަށެވެ.
ކްލަބް 010 ވަނީ ރޭ އެޓީމުން ލޮރެންޒޯ ޕާކާ ދެކޮޅަށް ކުޅުނު މެޗު ސީދާ ދެ ގޭމުން ކާމިޔާބު ކޮށްފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަލީ ވިޖުދާން (ވިޖޫ) އެވެ.
ކްލަބް 010 އާއި ލޮރެންޒޯ ޕާކް ބައްދަލުކުރި މެޗުގެތެރެއިން، ކްލަބް 010 ގެ ވިޖޫ (ނޫ ކުލައިގެ ހެލްމެޓު އަޅައިގެން) އާއި އެހެން ކުޅުންތެރިން އެތެރޭގައި.-- ފޮޓޯ: ބައިބަލާ އެސޯސިއޭޝަން
ޔުނައިޓެޑް އީސްޓް ކޯސްޓާއި ބުރު ޕާކް ރޭ ބައްދަލުކުރި މެޗު ސީދާ ދެ ގޭމުން ކާމިޔާބުކުރީ ޔުނައިޓެޑް އީސްޓް ކޯސްޓެވެ. އެޓީމާ ދެކޮޅަށް ގަދަ 16 ގައި ނުކުންނާނީ ޓީނޭޖް ޖޫނިއާސް އެވެ. ޓީނޭޖް ޖޫނިއާސް ވެސް ރޭ '36 ޗެމްބާސް' އާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކުރީ ސީދާ ދެ ގޭމުންނެވެ.
ހެންވޭރު ދޮންގަނޑު ބީޗްވޮލީ ކޯޓުގައި، ނޮކައުޓް އުސޫލުން ކުރިއަށް ގެންދާ މިއަހަރުގެ ބައިބަލާ މުބާރާތް ފެށީ ހޯމަ ދުވަހުގެ ރެއެވެ.
ފުރަތަމަރޭ މަސްއޮޑި ޓައިޓަންސް އާއި ބުރު ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗު ފޯރިގަދަ ކުޅުމަކަށް ފަހު ގަދަހިފުމަށް ގޮސްގެން މެޗު ގެންދިޔައީ ބުރު ސްޕޯޓްސް ކުލަބެވެ. ދެ ޓީމުން ވެސް އެތެރޭން ކުޅުނު ގޭމް ފަސޭހަ ކާމާ އެކު ކާމިޔާބުކުރިއިރު ބުރު ސްޕޯޓްސް އިން ވަނީ ގަދަ ހިފުމުގައި ތިން ހިފުމުގެ ތެރެއިން ދެ ހިފުން ކާމިޔާބު ކޮށްފަ އެވެ.
ބުރު ސްޕޯޓްސް ކުލަބާއި މަސްއޮޑި ޓައިޓަންސް ބައްދަލުކުރި މެޗުގެ ގަދަހިފުމުގެ އެންމެ ފަހު ހިފުން، ބުރު ސްޕޯޓްސް ކުލަބް މެޗު ކާމިޔާބުކުރީ ބޭރުން އަރައި މި ހިފުން ކާމިޔާބުކޮށްގެން.-- ފޮޓޯ: ބުރު ސްޕޯޓްސް ކްލަބް
މިއާ އެކު ބުރު ސްޕޯޓްސް ކުލަބް ވެސް ގަދަ 16 އަށް ދަތުރު ކުރިއިރު، އެޓީމު ވާދަ ކުރާނީ ކްލަބް ޓީނޭޖާ އެވެ. މީގެ ކުރީގެ ތިން މިސްޓަ ބައިބަލާ އާއެކު ނުކުތް ކްލަބް ޓީނޭޖުން މުބާރާތުގެ ފުރަތަމަރޭ ކްލަބް ވޯންޓެޑާ ވާދަކުރި މެޗް ގެންދިޔައީ ސީދާ ދެ ގޭމުންނެވެ.
ބައިބަލާގެ ތަޖުރިބާ ގިނަ ކްލަބް އީގަލްސް ވެސް ވަނީ ގަދަ 16 އިން ޖާގަ ހޯދައިފަ އެވެ. މި ބުރުގައި އީގަލްސް ނުކުންނާނީ ލޮރެންޒޯ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. ލޮރެންޒޯ އިން ޓީސީ ފްރެޓާނިޓީ ސީދާ ދެ ގޭމުން ބަލިކުރި އިރު، ކްލަބް އީގަލްސް އިން ވެސް ވަނީ ރޮކް ސްޓްރީޓްސްގެ ރޮކް ޒީ ސީދާ ދެ ގޭމުން ބަލި ކޮށްފަ އެވެ.
މުބާރާތުގައި ވާދަކުރާ ހުޅުމާލެ ސްޕޯޓްސް ކުލަބް ވެސް ފަދަ 16 އިން ޖާގަ ހޯދާފައި ވެއެވެ. އެޓީމުން ވަނީ މުބާރާތުގެ ފުރަތަމަ ރޭ އެލްޓީ ލިޓްލް ޓައުންއާ ވާދަކޮށް ސީދާ ދެ ގޭމުން މެޗު ކާމިޔާބު ކޮށްފަ އެވެ. ހުޅުމާލެ ސްޕޯޓްސްއާ ދެކޮޅަށް ގަދަ 16 ގައި ނުކުންނާނީ ޓީސީ ސްޕޯޓްސް ކުލަބެވެ.
މުބާރާތުގެ ދަގަ 16 ގެ އަށް މެޗު ވެސް މިރޭ ކުޅޭނެ އެވެ.
އީދު ބައިބަލާ: ޗެމްޕިއަން ޓީނޭޖް ފެށީ ފަސޭހަ މޮޅަކުން
އޮފީސް ބައިބަލާ މުބާރާތުގެ މިސްޓަ ބައިބަލާ އަކީ ހަންޓޭ
ޓީންއޭޖުން ހަތަރުވަނަ ފަހަރަށް ބައިބަލާގެ ތަށި ހޯދައިފި
34 ޓީމާ އެކު މި އަހަރުގެ އީދު ބައިބަލާ ހުޅުމާލޭގައި
މިއީ ބައިބަލާގެ ރަސްގެފާނު: ފަސޭހައިން އަތެއް ނުޖެހޭނެ
އޯވަންއޯއިން ފުރަތަމަފަހަރަށް ބައިބަލާ ތަށި އުފުލާލައިފި
ބީޖީ ސިއްސުވާލައި ކްލަބް އޯވަންއޯ ސެމީ ފައިނަލަށް
ބައިބަލާ ޗެމްޕިއަންކަން ކުޑަހެންވޭރު ހޯދައިފި
ރޭގެ މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރެއް ނުކުރޭ
މާރާމާރީ ހިންގުމުން ބައިބަލާ މުބާރާތް މެދުކަނޑާލައިފި