Roadha Mihaaru
އޮފީސް ބައިބަލާ މުބާރާތުގެ މިސްޓަ ބައިބަލާ އަކީ ހަންޓޭ

އޮފީސް ބައިބަލާ މުބާރާތުގައި މިސްޓަ ބައިބަލާ އަކީ ކައިޓްސާފަރު ހަންޓޭ

26 ޖޫން 2023

މިއަހަރު މުޅިން އަލަށް އޮފީސްތަކާއި ކުންފުނިތަކަށް ބޭއްވި އާބަންކޯ ބައިބަލާ ޗެމްޕިއަންޝިޕްގެ މިސްޓަ ބައިބަލާގެ މަގާމް، އާބަންކޯ ޓީމަށް ކުޅުނު ކުޅަދާނަ ކައިޓްސާފަރު ހަސަން މާހިރު (ހަންޓޭ) ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިއަހަރު މުޅިން އަލަށް އޮފީސްތަކާއި ކުންފުނިތަކަށް ބޭއްވި އާބަންކޯ ބައިބަލާ ޗެމްޕިއަންޝިޕްގެ މިސްޓަ ބައިބަލާގެ މަގާމް، އާބަންކޯ ޓީމަށް ކުޅުނު ކުޅަދާނަ ކައިޓްސާފަރު ހަސަން މާހިރު (ހަންޓޭ) ހޯދައިފި އެވެ.

ރާއްޖޭގެ އީދު ބައިބަލާ ޗެލެންޖުން ފެނުނު ގިނަ މިސްޓަ ބައިބަލާއިންނާއެކު އާބަންކޯއިން ނެރުނު ޓީމުގައި ހިމެނުނު ހަންޓޭ ވަނީ، މިއަހަރު އޮތް ބައިބަލާ ޗެލެންޖުގައި ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފަ އެވެ.

ރެޑްބުލް ވިންޑް ރައިޑާ ޗެމްޕިއަން ހަންޓޭ އާއެކު މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނެނީ އާބަންކޯގެ ރިލްވާން ފަރުހަތު (އިލޫ) އާއި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އިބްރާހިމް ސަމީން (ޝަންމި)ގެ އިތުރުން، އެމްޕީއެލްގެ އަހުމަދު މުހައްމަދު (އަންމަޑޭ) އާއި އާރުއާރުސީގެ އަހުމަދު ފިރާޒް މޫސާ (ހާންޑޯ) އެވެ.

ހުޅުމާލޭ ބައިބަލާ ރިންގުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ފެށި މި މުބާރާތުގައި ޖުމްލަ ނުވަ ޓީމެއް ވާދަ ކުރި އެވެ. މުބާރާތް ކުރިއަށް ގެންދިޔައީ ނުވަ ޓީމު ދެ ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ދެ ޓީމު ވަނީ ސެމީ ފައިނަލަށް ހޮވައިގެންނެވެ.

ޓީމް އާބަންކޯ، މުބާރާތުގެ ޗެމްޕިއަން ޓްރޮފީ އުފުލާލަނީ.-- ފޮޓޯ: ބައިބަލާ އެސޯސިއޭޝަން

ޓީމް އާބަންކޯ، މުބާރާތުގެ ޗެމްޕިއަން ޓްރޮފީ އުފުލާލަނީ.-- ފޮޓޯ: ބައިބަލާ އެސޯސިއޭޝަން

މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދީ އާބަންކޯގެ ޓީމެވެ. އާބަންކޯ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ގަދަހިފުމަށް ގޮސް އެމްޕީއެލް ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ގޭމުގައި ބޭރުން ކުޅެ 8-6 އިން އެމްޕީއެލް ކާމިޔާބު ކުރި ނަމަވެސް އާބަންކޯ އިން ބޭރުން ކުޅެ ދެވަނަ ގޭމު ގެންދިޔައީ 8-7 އިންނެވެ.

ފުރަތަމަ ހިފުމުގައި ހަންޓޭ ވަނީ ބޭރުން އެރި އެމްޕީއެލްގެ އަސްލަމް ވަހީދު، ވަގުތު ހަމަވަންދެން އެތެރޭގައި ހިފަހައްޓާލައިފަ އެވެ. ދެވަނަ ހިފުމުގައި އެތެރޭން ކުޅުނު އެމްޕީއެލްގެ އަބްދުﷲ ނިޝާއު (އަބޯ) އަށް، ބޭރުން އެރި އާބަންކޯގެ އިލޫ ހިފަހައްޓައެއް ނުލެވުނެވެ.

މުބާރާތުގެ ތިންވަނަ ހޮވި މެޗު ވެސް ރޭ ކުޅުނެވެ. އެ މެޗުގައި ބައްދަލުކުރީ ރޯޑް ރެކްރިއޭޝަން ކްލަބް (އާރުއާރުސީ) އާއި އެސްޓީއޯ އެވެ. އެ މެޗުގައި ވެސް ކޮޅަކަށް ގޭމެއް ގެންގޮސްގެން ނަތީޖާ ނެރުނީ ގަދަހިފުމަށް ގޮސްގެންނެވެ.

ފުރަތަމަ ހިފުން އެސްޓީއޯ ގެންދިޔައިރު ދެވަނަ ހިފުން ގެންދިޔައީ އާރުއާރުސީ އެވެ. ފަހު ހިފުމުގައި އެސްޓީއޯގެ ފަރަހު ޝާމް އަށް ބޭރުން ކުޅުނު އާރުއާރުސީގެ މުހައްމަދު ލުފަޝާން (ޕަފް) ނުހިފެހެއްޓި، އާރުއާރުސީ އިން ވަނީ މުބާރާތުގެ ތިންވަނަ ހޯދައިފަ އެވެ. އެސްޓީއޯ އަކީ މުބާރާތުގެ ފެއާޕްލޭ ޓީމެވެ.