Roadha Mihaaru
ބައިބަލާ ޗެމްޕިއަންކަން ކުޑަހެންވޭރު ހޯދައިފި

ބައިބަލާ ޗެމްޕިއަންކަން ކުޑަހެންވޭރު ހޯދައިފި

14 ޖޫން 2019

ބައިބަލާ އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ އީދު ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ކުޑަހެންވޭރު ޔުނައިޓެޑް ހޯދައިފި އެވެ.

ބައިބަލާ އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ އީދު ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ކުޑަހެންވޭރު ޔުނައިޓެޑް ހޯދައިފި އެވެ.

މީގެ ކުރިން ފައިނަލުން ގިނަ ފަހަރުތަކެއްގައި ބަލިވެފައިވާ ކުޑަހެންވޭރުން މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅެވުނު ފައިނަލުގައި ވީކޭ ސްޕޯޓްސް ކްލަބް ބަލިކުރުމަށް ފަހު އެވެ.

ޝެޑިއުލަށް ބަދަލުތައް ގެނެސްގެން ރޭ ސެމީ ފައިނަލު މެޗުތަކާއި ފައިނަލް ކުޅުނުއިރު ފައިނަލުގެ ފުރަތަމަ ޖާގަ ކުޑަހެންވޭރުން ހޯދީ ސެމީގައި ވަރުގަދަ ގްރީން ސްޓްރީޓްސްގެ މައްޗަށް ކުރި ހޯދުމަށް ފަހު އެވެ. ހައިރާންކޮށްލުމަށް ފަހު ދެ ވަނަ ސެމީގައި ކްލަބް ޓީނޭޖާގެ މައްޗަށް ސީދާ ދެ ގޭމުން ކުރިހޯދައި ވީކޭ ސްޕޯޓްސް ކްލަބުން ވަނީ ފައިނަލުގެ ފަހު ޖާގަ ހޯދައިފަ އެވެ.

ސެމީގެ ދެ ވަނަ މެޗަށް ފަހު އެއް ގަޑިއިރު ފަހުން ފައިނަލް ކުޅުނުއިރު، އެ މެޗު ފެނުނީ ފޯރިގަދަކޮށެވެ. ދެ ޓީމު އެއް ގޭމް އެއް ގޭމުން އެއްވަރުވުމުން ޗެމްޕިއަންކަން ހޯދާ ޓީމެއް ކަނޑައެޅުމަށް ގަދަހިފުމަކަށް ދިޔައިރު، ތަފާތު ދެއްކީ ފައިނަލުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ކުޑަހެންވޭރުގެ އަލީ ވިޖުދާން (ވިޖޫ) އެވެ.

މިސްޓަ ބައިބަލާ ކުޑަ މައްލާ (ވ) އާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ޓްރޮފީ ހަވާލުކުރަނީ. -- ފޮޓޯ: އިމޭޖަސް،އެމްވީ

މިސްޓަ ބައިބަލާ ކުޑަ މައްލާ (ވ) އާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ޓްރޮފީ ހަވާލުކުރަނީ. -- ފޮޓޯ: އިމޭޖަސް،އެމްވީ

މި ފަހަރުގެ މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ވީކޭގެ ހަމްދު އަލީ، މިފްރާހް ޔާސިރު (މިފޫ)، ކްލަބް ގްރީން ސްޓްރީޓްސްގެ ފަރަހު ޝާމް އާއި މުހައްމަދު މިރުސާލް ޔާސިރު (މިރޫ) އަދި ކުޑަހެންވޭރުން ވިޖޫ އެވެ. މި ފަހަރުގެ މިސްޓަ ބައިބަލާގެ ޝަރަފް ލިބުނީ މީގެ ކުރިން ވެސް އެ ކާމިޔާބީ ހާސިލްކުރި ކުރީގެ ފުޓްބޯޅަ ޑިފެންޑަރު އަހުމަދު ފިރާޒް މޫސާ (ކުޑަ މައްލާ) އެވެ. އޭނާ އަށް ވަނީ 10،000ރ ގެ ފައިސާގެ އިނާމެއް ދީފަ އެވެ.

މި ފަހަރުގެ ޗެމްޕިއަން ކުޑަހެންވޭރަށް ވަނީ އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ. ރަނަރަޕަށް ދިޔަ ވީކޭ އަށް 40،000ރ. ދިންއިރު، ފެއާޕްލޭ ޓީމުގެ މަގާމާ އެކު އެ ޓީމަށް 15،000ރ ގެ އިނާމެއް ވެސް ލިބުނެވެ.