Roadha Mihaaru
ޔުނައިޓެޑަށް ގަދަ ހަތަރެއްގެ ދޮރު ބަންދުވެއްޖެ

ބްރައިޓަން އަތުން ލަދުވެތިކޮށް ބަލިވެ، ޔުނައިޓެޑަށް ގަދަ ހަތަރެއްގެ ދޮރު ބަންދުވެއްޖެ

08 މެއި 2022

ބްރައިޓަން އެންޑް ހޯވް (މެއި 8) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންވެސްޓާ ޔުނައިޓެޑް ރަށުން ބޭރުގައި ބްރައިޓަންއާ ވާދަކޮށް 4-0 އިން ބަލިވެ، އެޓީމު ގަދަ ހަތަރަކަށް އެރުމުގެ ހުރިހާ ދޮރެއް ބަންދު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބްރައިޓަން އެންޑް ހޯވް (މެއި 8) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންވެސްޓާ ޔުނައިޓެޑް ރަށުން ބޭރުގައި ބްރައިޓަންއާ ވާދަކޮށް 4-0 އިން ބަލިވެ، އެޓީމު ގަދަ ހަތަރަކަށް އެރުމުގެ ހުރިހާ ދޮރެއް ބަންދު ވެއްޖެ އެވެ.

މެޗުގެ 15 ވަނަ މިނިޓުގައި ޔުނައިޓެޑްގެ އެލެކްސް ޓެލެސް އަށް ކްލިއާ ނުކޮށްލެވުނު ބޯޅަ ހޯދައި ބްރައިޓަން އަށް ޔުނައިޓެޑްގެ ގޯލު ހުޅުވާލައިދިނީ އެ ޓީމަށް ކުޅޭ އިކުއެޑޯގެ ޒުވާން މިޑްފީލްޑަރު މޮއީސެސް ކައިސެޑޯ، 20، އެވެ. މިއީ އޭނާ ބްރައިޓަން އަށް ލީގުގައި ކުޅެދިން ހަ ވަނަ މެޗުގައި ޖެހި ފުރަތަމަ ގޯލެވެ. އަދި މިއާ އެކު އޭނާ ވެފައި ވަނީ ލީގުގައި ޖެހި ފުރަތަމަ ގޯލު މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް ކާމިޔާބު ކުރި 100 ވަނަ ކުޅުންތެރިޔާ އަށެވެ.

ކައިސެޑޯގެ ހަމައެކަނި ލަނޑާ އެކު ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެވަނަ ހާފު ފެށިގެން ގާތްގާތުގައި ބްރައިޓަން އިން ވަނީ ތިން ލަނޑު ޖަހައި ހަތަރު ލަނޑުގެ ލީޑެއް ނަގައިފަ އެވެ. ލިއަންޑްރޯ ޓްރޮސާޑްގެ އެހީތެރިކަމާ އެކު 48 ވަނަ މިނިޓުގައި މާކް ކުކުރެލާ އެ ޓީމުގެ ދެވަނަ ލަނޑު ޖެހިއިރު ތިން ވަނަ ލަނޑު، 57 ވަނަ މިނިޓުގައި ޕާސްކަލް ގްރޮސް ކާމިޔާބުކުރީ ވެސް ޓްރޮސާޑްގެ ޕާހަކުންނެވެ. މެޗުގެ 60 ވަނަ މިނިޓުގައި ބްރައިޓަންގެ ހަތަރުވަނަ ލަނޑު ޖެހީ ޓްރޮސާޑް އެވެ.

މެޗުގެ ފަހު 20 މިނިޓަށް ކުޅެން އަރައި ކެޕްޓަން ހެރީ މެގުއާ ލަނޑު ޖަހަން ރީތި ބޯޅައެއް ފޮނުވާލި ނަމަވެސް ގޯލް ލައިން މަތިން އޮފްސައިޑުގައި ހުރި އެޑިންސަން ކަވާނީ ޖެއްސުމުން އެ ގޯލު ބަލައެއް ނުގަތެވެ.

ޔުނައިޓެޑް ވަނީ ރަށުން ބޭރުގައި އެންމެ ފަހުން އެ ޓީމު ލީގުގައި ކުޅުނު ފަސް މެޗުން ވެސް ބަލި ވެފަ އެވެ. އަދި މިއާ އެކު ބާލީ އެއް މެޗު އޮއްވައި ލިބުނު 58 ޕޮއިންޓާ އެކު އެޓީމު އޮތީ ޓޭބަލްގެ ހަވަނައިގަ އެވެ. ޔުނައިޓެޑުގެ ފަހަތުގައި ހަތްވަނައިގައި އޮތީ ބާކީ ތިން މެޗު އޮތް ވެސްޓް ހޭމް ޔުނައިޓެޑެވެ. އެޓީމަށް ވަނީ 52 ޕޮއިންޓް ލިބިފަ އެވެ.

ޔުނައިޓެޑަށް ފައިދާ އެންމެ ގޯލެއް ލިބިފައި ވާއިރު ވެސްޓް ހޭމް އަށް ވަނީ މިހާތަނަށް ފައިދާ ހަތް ގޯލު ހަމަ ކުރެވިފަ އެވެ. މިއާ އެކު ފަހު މެޗުގައި ކްރިސްޓަލް ޕެލަސް އަތުން މޮޅު ނުވެވިއްޖެ ނަމަ، ޔޫރޮޕާ ލީގުން ވެސް ޖާގަ ގެއްލި، އަންނަ ސީޒަނުގައި ޔުނައިތެޑަށް ތިންވަނަ ފަންތީގެ ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގު ކުޅެން ވެސް ޖެހިދާނެ އެވެ.

ބޯލީ އަށް ކުލަބް ވިއްކާލަން އެއްބަސްވި ދުވަހު ޗެލްސީ ފަހު ވަގުތު އެއްވަރު

ލީގު ތިންވަނައިގައި އޮތް ޗެލްސީ އަމިއްލަ ދަނޑުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުގެ އެންމެ ފަހު މިނިޓުގައި ވުލްވްސް ޖެހި ލަނޑާ އެކު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

އިނގިރޭސި ސަރުކާރުގެ ހާއްސަ ހުއްދައިގެ ދަށުން ކުޅެމުން އަންނަ ޗެލްސީ ވިއްކާލަން އެލްއޭ ޑޮޖާސްގެ ޓޮޑް ބޯލީގެ ކޮންސޯޓިއަމަށް ޗެލްސީ ވިއްކާލަން މިއަދި އެއްބަސްވެފައި ވާއިރު، ބޯލީ ވަނީ ސްޓޭމްފޯޑް ބްރިޖުގައި މިއަދުގެ މެޗު ބަލައިފަ އެވެ.

ބޯލީ (މ)، ޗެލްސީން ޖެހި ފުރަތަމަ ގޯލަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ބޯލީ (މ)، ޗެލްސީން ޖެހި ފުރަތަމަ ގޯލަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ޗެލްސީގެ ދެ ލަނޑު ވެސް ޖަހާފައި ވަނީ ވުލްވްސްގެ ޑިފެންޑަރުންނަށް ހެދުނު ގޯސްތަކުން، ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. ފުރަތަމަ ލަނޑު 58 ވަނަ މިނިޓުގައި ޑިފެންޑަރު ރޯމައިން ސައިސް ލުކާކޫ އަށް ފައުލް ކޮށްގެން ދިން ޕެނަލްޓީއަކުން ކާމިޔާބު ކުރިއިރު މިނިޓެއް ފަހުން ދެވަނަ ލަނޑު ޖެހީ ކެޕްޓަން ކޮނޯ ކޯޑީ އަށް ފަހަތުން ދެވުނު ނުބައި ޕާހެއްގެ ބޭނުން ހިފައިގެންނެވެ.

ދެވަނަ ހާފު ފެށިގެން ޗެލްސީ އިން މެޗު މުޅިންހެން ޑޮމިނޭޓް ކުރަމުން ދިޔަ ނަމަވެސް ވުލްވްސް އިން ނަތީޖާ އަނބުރާލީ، ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން އައިސޮލޭޝަނުގައި ހުރި ވުލްވްސްގެ ކޯޗު ބްރޫނޯ ލާގާ ފޯނުން ދިން އިރުޝާދަށް އެސިސްޓެންޓް ކޯޗު ގެނައި ބަދަލުތަކާ އެކު އެވެ.

ވުލްވްސް އަށް ފުރަތަމަ ލަނޑު 79 ވަނަ މިނިޓުގައި ޖެހީ އޭގެ ދެ މިނިޓު ކުރިން ކުޅެން އެރި ފްރެންސިސްކޯ ޓްރިންކާއޯ އެވެ. އަދި ކެނޑި ނޭޅި ޗެލްސީގެ ޑިފެންސަށް ޕްރެޝަރު ކޮށް، ނަތީޖާ އެއްވަރުކުރީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަތްވަނަ މިނިޓުގަ އެވެ. މި ލަނޑު ވުލްވްސް އަށް ޖަހައިދިނީ ކެޕްޓަން ކޮނޯ ކޯޑީ އެވެ.

މިއީ ވުލްވްސް އެންމެ ފަހުން ލީގުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ޕޮއިންޓެއް ހޯދި ފުރަތަމަ މެޗެވެ. އަދި މި ހަތަރު މެޗުގެ ތެރެއިން އެޓީމަށް ގޯލެއް ޖެހުނީ ވެސް ޗެލްސީއާ ދެކޮޅަށެވެ. ޗެލްސީ އަށް ވަނީ 35 މެޗުން 67 ޕޮއިންޓް ލިބިފަ އެވެ. ވުލްވްސް އޮތީ 50 ޕޮއިންޓާ އެކު އަށްވަނައިގަ އެވެ.

ޕެލަސް އަތުން ބަލިވެ ވަޓްފޯޑް ރެލިގޭޝަނަށް

ލީގު އެންމެ ފުލުގައި އޮތް ނޯރިޗް ސިޓީ ރެލިގޭޓް ވެފައި ވާއިރު، ކްރިސްޓަލް ޕެލަސް އަތުން 1-0 އިން ބަލިވެ، 19 ވަނައިގައި އޮތް ވަޓްފޯޑް ވެސް ވަނީ ޗެމްޕިއަންޝިޕަށް ރެލިގޭޓް ވެފަ އެވެ. ޕެލަސްގެ ހަމައެކަނި ލަނޑު ެޗުގެ 31 ވަނަ މިނިޓުގައި ޖެހީ ވިލްފްރެއިޑް ޒާހާ އެވެ.

މެޗަށް ފަހު ވަޓްފޯޑުގެ ޑިފެންޑަރު އެޑަމް މަސީނާ.-- ފޮޓޯ: އޭއެފްޕީ

މެޗަށް ފަހު ވަޓްފޯޑުގެ ޑިފެންޑަރު އެޑަމް މަސީނާ.-- ފޮޓޯ: އޭއެފްޕީ

މިއީ ވޭތުވެދިޔަ ތިން ސީޒަންތެރޭ ވަޓްފޯޑް ޕްރިމިއާ ލީގުން ރެލިގޭޓްވި ދެވަނަ ފަހަރެވެ. ފަސް ސީޒަން ޕްރިމިއާ ލީގު ކުޅުމަށް ފަހު އެޓީމު ރެލިގޭޓްވީ 2019/20 ސީޒަނުގައި ވެސް 19 ވަނައިގައި ނިންމައިގެންނެވެ. ވަޓްފޯޑުން މި ސީޒަނުގައި ޕްރިމިއާ ލީގް ކުޅެނީ މިދިޔަ ސީޒަނުގައި ޗެމްޕިއަންޝިޕުގެ ރަނަރަޕް ޓީމުގެ ގޮތުގައި ކޮލިފައި ވެގެންނެވެ.

އިނގިރޭސި ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްގެން ފުލަމް އަލުން އަންނަ ސީޒަނުގެ ޕްރިމިއާ ލީގަށް ކޮލިފައި ވެފައި ވާއިރު، މި ސީޒަނުގެ ޗެމްޕިއަންޝިޕް ދެވަނަ ޓީމުގެ ގޮތުގައި ބޯންމައުތު ވެސް ވަނީ އޮޓަމެޓިކް ކޮލިފިކޭޝަން ޔަގީން ކޮށްފަ އެވެ.

މިއީ ބޯންމައުތު ޕްރިމިއާ ލީގަށް ކޮލިފައިވި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ޕްރިމިއާ ލީގަށް ކޮލިފައިވީ 2014/15 ސީޒަންގައި ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްގެންނެވެ. އެއަށް ފަހު 2020 ވަނަ އަހަރު ރެލިގޭޓްވީ ލީގު 18 ވަނައިގައި ނިންމައިގެންނެވެ. މި ސީޒަންގެ ޕްރިމިއާ ލީގަށް ކޮލިފައިވާން ބޯންމައުތު މަސައްކަތް ކުރި ނަމަވެސް ކާމިޔާބު ނުވީ، މި ސީޒަނުގައި މުޅިން އަލަށް ކޮލިފައިވި ބްރެންޓްފޯޑް އަތުން ޕްލޭއޮފް ސެމީ ފައިނަލުން ބަލިވުމުންނެވެ.

ބްރެންޓްފޯޑް ވަނީ އަމިއްލަ ދަނޑުގައި މިރޭ ސައުތެމްޓަން 3-0 އިން ބަލި ކޮށްފަ އެވެ. އަދި އެސްޓަން ވިލާ ވަނީ ރަށުން ބޭރުގައި 3-1 އިން ބާންލީ ބަލި ކޮށްފަ އެވެ.