Roadha Mihaaru
ފެހި އިގްތިސާދަށް ސައޫދީން 700 ބިލިއަން ރިޔާލް

ފެހި އިގްތިސާދަށް ސައޫދީން 700 ބިލިއަން ރިޔާލް އިންވެސްޓްކުރަނީ

08 ސެޕްޓެމްބަރ 2022

ސައޫދީ އަރަބިއްޔާގައި ފެހި އިގްތިސާދެއް ތަރައްގީކުރުމަށް، 700 ބިލިއަން ސައޫދީ ރިޔާލް އިންވެސްޓް ކުރުމަށް އެ ގައުމުން ނިންމައިފި އެވެ.

ސައޫދީ އަރަބިއްޔާގައި ފެހި އިގްތިސާދެއް ތަރައްގީކުރުމަށް، 700 ބިލިއަން ސައޫދީ ރިޔާލް އިންވެސްޓް ކުރުމަށް އެ ގައުމުން ނިންމައިފި އެވެ.

އިއްޔެ ސައޫދީ އަރަބިއްޔާގައި ފެށި "ޔޫރޯމަނީ ސައޫދީ 2022" ކޮންފަރެންސް އިފްތިތާޙް ކޮށްދެއްވަމުން، އެ ގައުމުގެ މާލީ ވަޒީރު މުހައްމަދު އަލް ޖަދުއާން ވިދާޅުވީ އެ ގައުމުގައި އަލަށް ގާއިމުކުރާ ފެހި އިގްތިސާދުގެ ސަބަބުން ފެންވަރު ރަނގަޅު ވަޒީފާގެ އެތައް ފުރުސަތެއް ހުޅުވި، އިންވެސްޓްކުރުމުގެ ވަރަށް ބޮޑެތި ފުރުސަތުތަކެއް ޕްރައިވެޓް ސެކްޓާ އަށް ލިބިގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19 އާއި ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކުގެ އިންފްލޭޝަން ރޭޓް މިދުވަސްވަރު މައްޗަށް ގޮސްފައިވާ މިންވަރާ އަޅައި ބަލާއިރު، ސައޫދީ އަރަބިއްޔާގެ އިންފްލޭޝަން ރޭޓް މަތިވިޔަ ނުދީ ހިފެހެއްޓުމުގައި ސައޫދީ ސަރުކާރު ވަނީ ކާމިޔާބު ހޯދައިފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު، މިއަހަރުގެ މިހާތަނަށް އިންފްލޭޝަން ރޭޓް ހުރީ 2.1 ޕަސެންޓްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުތަކުގައި މުޅި ދުނިޔެއަށް ވެސް ގިނަ އަދި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ އިރު، ސައޫދީގެ އިގްތިސާދު މިއިން ދުވަހެއްގައިވެސް ވަރުގަދަ ނުވާ މިންވަރަށް މިހާރު ވަނީ ވަރުގަދަ ވެފަ އެވެ. އަދި ތެލުގެ އެއްވެސް ހިއްސާއެއް ނެތި ހިންގާ ހަރަކާތްތަކުން ލިބުނު އިގްތިސާދީ ކުރިއެރުން، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަސް ފާއިތުވި އިރު، 5.4 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ލަފާކޮށްފައިވާ ގޮތުގައި މިއަހަރުގެ ތެރޭގައި ސައޫދީ އަރަބިއްޔާގެ ޖީޑީޕީ 7.6 ޕަސެންޓަށް މަތިވާނެ އެވެ. ސައޫދީއަކީ، މިއަހަރުގެ ތެރޭގައި ޖީޑީޕީ މައްޗަށް ދާނެ ކަމަށް ލަފާކުރި މިންވަރު، އައިއެމްއެފްގެ ފަރާތުން ދެ ވަނަ ފަހަރަށް މިއަހަރު މުރާޖައާ ކުރި، ޖީ20ގައި ހިމެނޭ ހަމައެކަނި ގައުމެވެ.

ސައޫދީ އަރަބިއްޔާގެ މާލީ ވަޒީރު މުހައްމަދު އަލް ޖަދުއާން

ސައޫދީ އަރަބިއްޔާގެ މާލީ ވަޒީރު މުހައްމަދު އަލް ޖަދުއާން

ނަމަވެސް ސައޫދީގެ މާލީ ވަޒީރު ވިދާޅުވި ގޮތުގައި މިއަހަރުގެ މިހާތަނަށް އައި އިރު ސައޫދީގެ ޖީޑީޕީ ވަނީ 11.8 ޕަސެންޓަށް މަތިވެފަ އެވެ.

މާލީ ވަޒީރު މުހައްމަދު އަލް ޖަދުއާން ވިދާޅުވި ގޮތުގައި ފެހި އިގްތިސާދެއް ބިނާ ކުރުމަކީ، ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިއުލާން ކުރައްވާފައިވާ "2030ގެ ތަޞައްވުރު"ގެ ވަރަށް މުހިންމު ބައެކެވެ. އަދި 2060 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ (ޒީރޯ ކާބަން) ގައުމަކަށް ސައޫދީން އަރަބިއްޔާ ހެދުމަށްވެސް ފެހި އިގްތިސާދުގެ ސަބަބުން މަގު ފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނެޓް ޒީރޯ ކުރުމަކީ، ތެޔޮ އަންދައިގެން އިންޖީނު ހިންގައިގެން އެ ގައުމަކުން ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން، ޖައްވަށް ދޫވިޔަ ނުދީ ހިފެހެއްޓޭ ވިހަ ގޭހުގެ މިންވަރު އެއް ހަމަ ކުރުމެވެ.

ފެހި އިގްތިސާދު މާނަކުރަނީ، އިގްތިސާދީ ހަރަކާތްތަކުން ވިހަ ގޭސްތައް ޖައްވަށް ބޭރުވާ މިންވަރު މަދުވާ ގޮތަށް، އަދި ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައިގެން، މުޅި މުޖްތަމައު ޝާމިލްކުރެވޭ ގޮތަށް ފަރުމާ ކުރެވޭ އިގްތިސާދީ ހަރަކާތްތަކެވެ.