Roadha Mihaaru
"ބޭސް ކާޑު" ނިމުނީ، ދެން އޮތީ ވީ ހާލެއްގައިވުން؟

"ބޭސް ކާޑު" ނިމުމަކަށް، ދެން އޮތީ ވީ ހާލެއްގައިވުން؟

11 މެއި 2022

އެތައް ކިލޯއެއްގެ މަސްތުވާތަކެތި ހިމެނޭ މައްސަލަތަކާއި އެ ނޫން ބޮޑެތި މައްސަލަތަކުގައި ދައުވާލިބޭ މީހުން މީހުން ދޫކޮށްލަނީ ސިއްހީ އާދައިގެ ކަންކަމުގަ އެވެ. ބޮއްސުންލާފައިވާ ޖަލުތަކުގެ ހާލަތުން ނާޖާއިޒް ފައިދާ ނަގައިގެން، "ބޭސްފަރުވާގެ ކާޑު" ކުޅެގެން ބަންދުން ދޫވުމަކީ އޭގެ ނުބައި ފަރާތެވެ. ހައި ކޯޓުން ދާދިފަހުން މިކަމަށް ސިއްކަ ޖެހީ މިކަން ހައްދުން ނައްޓާ ހިސާބުގައި އޮއްވަ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެތައް ކިލޯއެއްގެ މަސްތުވާތަކެތި ހިމެނޭ މައްސަލަތަކާއި އެ ނޫން ބޮޑެތި މައްސަލަތަކުގައި ދައުވާލިބޭ މީހުން މީހުން ދޫކޮށްލަނީ ސިއްހީ އާދައިގެ ކަންކަމުގަ އެވެ. ބޮއްސުންލާފައިވާ ޖަލުތަކުގެ ހާލަތުން ނާޖާއިޒް ފައިދާ ނަގައިގެން، "ބޭސްފަރުވާގެ ކާޑު" ކުޅެގެން ބަންދުން ދޫވުމަކީ އޭގެ ނުބައި ފަރާތެވެ. ހައި ކޯޓުން ދާދިފަހުން މިކަމަށް ސިއްކަ ޖެހީ މިކަން ހައްދުން ނައްޓާ ހިސާބުގައި އޮއްވަ އެވެ.

އަނެއް ފަރާތުގައި އޮތީ ހަގީގީ މަންޒަރެވެ. ޖަލުތަކުގެ ކެޕޭސިޓީއާ އެއްވަރަށް ސިއްހީ ކަންކަމަށް މުވައްޒަފުންނާއި ވަސީލަތެއް ނެތެވެ. ފަރުވާ ބޭނުންވެފައި ތިބި އެތައް ބަޔަކަށް ފަރުވާ ނުލިބުމުގެ ޝަކުވާ އެވެ. ފުރަގަސްފަރާތުން ލޭ އަންނަމުން ދިޔަ މީހަކު މިދިޔަ މާޗް މަހު ބަންދުން ދޫކޮށްލަން އަމުރުކުރީ އެ ހާލުގައި އުޅޭތާ ފަސް މަސްވީއިރު މާ ބޮޑު ފަރުވާއެއް ނުލިބުމުންނެވެ.

އޭގެކުރިން، ގޭންގް މާރާމާރީއެއްގައި މީހަކު މެރުމުގެ ދައުވާލިބޭ މީހަކު ބަންދުން ދޫކޮށްލަން ޖެހުނީ ލޮލުގެ ފެނުން ގެއްލޭ މިންވަރަށް ހާލަތު ގޯސްވެ، ވީހާ އަވަހަކަށް ރާއްޖެއިން ބޭރަށް ދާން ޑޮކްޓަރުން ދިން ލަފައާ އެއްގޮތަށް ކަރެކްޝަންސަށް އަމަލު ނުކުރެވިގެންނެވެ.

މެޑިކަލް ގްރައުންޑްގެ ދޮރު އެކީއެކަށް ބަންދު!

މިފަދަ އެތައް ބަޔަކަށް ކިރިޔާ ވެސް އޮތް އުއްމީދަކީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބޭ މީހުންނަށް ކޮންމެ މަހަކު ބާއްވާ ބަންދު މުރާޖާ އަޑުއެހުމެވެ. އެއީ އެ އަޑުއެހުމުގައި ބައެއް ފަހަރު ގާޒީގެ އިންޒާރަކުން ނުވަތަ ދައުވާލިބޭ މީހާ ކަރުން ހަންދާވަރަށް ޝިކާޔަތުތައް އޮއްސާލީމާ ފަރުވާ އަވަސްވާތީ އެވެ.

މިކަމަށް ދާދިފަހުން ހައި ކޯޓުން ނިމުން ގެނައުމަކީ އެންމެނަށް ސަޕްރައިޒެކެވެ. މެޑިކަލް ގްރައުންޑުން ހެދި އެތައް ބަޔަކު ބަންދުން ދޫކުރި އުސޫލު ހައި ކޯޓުން އެތައް ޒަމާނެއް ވަންދެން ދަމަހައްޓަމުން އައުމަށް ފަހު ކުރީގެ ހުރިހާ ނިންމުންތަކެއް އަނެއް ފުށަށް ޖަހާލާނެ ކަމަށް އެއްވެސް ބަޔަކު ކުރިއަކުން ހީއެއް ނުކުރެ އެވެ.

ހައި ކޯޓުން ނިންމީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބޭ މީހުންގެ ބަންދު މުރާޖާ ކުރާއިރު ޖަލުގައި ސިއްހީ ފަރުވާ ލިބޭތޯ ބަލަން ނުޖެހޭނެ ކަމަށެވެ. ފަނޑިޔާރުންގެ މެދުގައި ހިޔާލު ތަފާތުވެ، ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމީ ސިއްހީ ސަބަބަކާ ހެދި އިތުރަށް އެއްވެސް ބަންދުން މީހަކު ދޫނުކުރެވޭނެ ކަމަށެވެ.

"ސިއްހީ ހާލަތަށް ރިއާޔަތްކޮށް، މައްސަލަ ބަލާ ފަނޑިޔާރު ބަންދު މުރާޖާ ކުރުމުގައި ޝަރީއަތުން އެ ފަރާތެއްގެ ބަންދާ މެދު ގޮތެއް ކަނޑައަޅަންޖެހޭ އެއްވެސް ގާނޫނީ އުސޫލެއް ލިޔެވި ފެންނަން އޮތްކަން އެނގޭކަށް ނެތެވެ." ހުކުމުގައިވެ އެވެ.

މި ދޮރު ބަންދުކުރަން ޖެހުނު ސަބަބެއްގެ ގޮތުގައި ހައި ކޯޓުން ފާހަގަކުރި އެއް ކަމަކީ ސިއްހީ ސަބަބަކާ ހެދި ބަންދުން ދޫކުރެވޭނެ ގާނޫނީ ހަމައެއް ނެތީސް، އެ ފުރުސަތު ދިނުމުން އެކި މައްސަލަތަކުގައި އެކިގޮތަށް އަމަލު ކުރެވޭތީ އެވެ. މީގެކުރިން ސިއްހީ އާދައިގެ ކަންކަމުގައި ބައެއް މީހުން ދޫކުރަން އަންގާއިރު އެއަށް ވުރެ ބޮޑެތި ކަންކަމުގައި މީހުން ދޫނުކުރަން އަނެއް ބައި ފަނޑިޔާރުން ނިންމަ އެވެ.

ކަންބޮޑުވުމާއި ޚިޔާލު ތަފާތުވުން

ޖަލުގައި ބޭސްފަރުވާ ނުލިބޭ މައްސަލައަށް ހައްލު ހޯދަން ހައި ކޯޓުން ދެއްކި މަގަކީ ސިވިލް ކޯޓުގައި ވަކި ދައުވާއެއް ކުރުމެވެ. އެކަމަކު މަދަނީ ވަކި ދައުވާއެއް ކުރުމަކީ ބޭސްފަރުވާ ފަދަ ކަމެއްގައި އެކަށީގެންވާ އަވަހަށް ނަތީޖާ ނެރެވޭނެ މަގެއް ނޫނެވެ. ގިނަ މީހުންގެ އެއް ކަންބޮޑުވުމަކީ އެއީ އެވެ.

"ކުށް ސާބިތުވެފައި ހުންނަ މީހާގެ ބަލި ހާލަތާއި ކަންކަމަށް ބަލާފައި ގާނޫނުގެ ދަށުން ހިއުމެނިޓޭރިއަން ގްރައުންޑުން ލުއި ދީގެން މީހުން އެބަ ދޫވޭ. ކުށް ސާބިތުނުވެ، ރިމާންޑެއްގައި ހުންނަ މީހާއަށް ލުއި ނުދެވެންވީ ސަބަބެއް ނެތް."
މެމްބަރު އަލީ ހުސެއިން: ހައި ކޯޓުގެ ނިންމުމާ މެދު އޭނާ ކަންބޮޑުވޭ -- ފޮޓޯ/މިހާރު

މެމްބަރު އަލީ ހުސެއިން: ހައި ކޯޓުގެ ނިންމުމާ މެދު އޭނާ ކަންބޮޑުވޭ -- ފޮޓޯ/މިހާރު

ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވި ގޮތުގައި ކުށް ސާބިތުވެގެން ހުކުމް ތަންފީޒުކުރާ މީހުންނަށް ސިއްހީ ކަންކަމުގައި ލުއިތައް ދޭއިރު ކުށެއްގެ ތުހުމަތެއްގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންނަށް ލުއި ނުދެވޭނެ ސަބަބެއް އޮވެގެން ނުވާނެ އެވެ. ހައި ކޯޓުގެ ނިންމުމާ އޭނާ ވެސް ދެކޮޅެވެ.

"ކުށް ސާބިތުވެފައި ހުންނަ މީހާގެ ބަލި ހާލަތާއި ކަންކަމަށް ބަލާފައި ގާނޫނުގެ ދަށުން ހިއުމެނިޓޭރިއަން ގްރައުންޑުން ލުއި ދީގެން މީހުން އެބަ ދޫވޭ. ކުށް ސާބިތުނުވެ، ރިމާންޑެއްގައި ހުންނަ މީހާއަށް ލުއި ނުދެވެންވީ ސަބަބެއް ނެތް. މި ދައްކަނީ ތުހުމަތެއް ކުރެވޭތީ ބަންދުގައި ހުންނަ މީހެއްގެ ވާހަކަ،" އޭނާ ވިދާޅުވި އެވެ.

"މެޑިކަލް ގްރައުންޑަކުން ދޫނުކުރެވޭނެ ކަމަށް މުތުގަލަށް ނިންމުން އެއީ މައްސަލައަކީ. ގަބޫލުކުރަން އެބިއުޒް ކުރަން ފުރުސަތު ދީގެން ނުވާނެ. އުނަގަނޑުގައި ރިއްސަނީއޭ ބުނެލާއިރަށް މުޖްތަމައުއަށް ނުރައްކާވެދާނެ ގޮތަކަށް އެ ފުރުސަތު ނުދެވޭނެ،" މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ މެމްބަރުކަން ކުރައްވާ އަލީ ވިދާޅުވި އެވެ.

"އެކަމަކު ހުރެދާނެ އެފަދަ އިސްތިސްނާ ހާލަތްތަކެއް ދޫކޮށްލަން ޖެހިދާނެ ފަދަ،" އޭނާ ވިދާޅުވި އެވެ.

ހައި ކޯޓުގައި މިކަމުގައި ޚިޔާލު ތަފާތުވި ފަނޑިޔާރު ހަސަން ޝަފީއު އޭނާގެ ރައުޔުގައި ވިދާޅުވެފައިވާ ގޮތުން ސިއްހީ ސަބަބަކާ ހެދި ބަންދުން ދޫކުރުމުގެ ދޮރު އެއްކޮށް ބަންދު ކޮށްލައިގެން ނުވާނެ އެވެ. އިސްތިސްނާ ގޮތެއްގައި އެ ލުއި ދެވޭނެ މަގު އޮންނަން ޖެހޭނެ ކަމަށް އޭނާ ވެސް ދެކެވަޑައިގަންނަވަ އެވެ.

ނިޒާމުގައި ހުރި ލޫޕްހޯލްތައް ބަންދު ކުރަން ވެސް އެބަޖެހޭ. އެއީ ނިޒާމުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފުމުގެ ފުރުސަތު ނުދިނުމަށްޓަކައި: ޕީޖީ

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް އެވާހަކައަށް މުޅިން ދެކޮޅެއް ނުހައްދަވަ އެވެ. އެކަމަކު އޭނާ ވިިދާޅުވި ގޮތުގައި އަނެއްކޮޅުން އެ ނިޒާމުގެ ބޭނުން ނާޖާއިޒް ގޮތުގައި ބޭނުން ހިފުން ހުއްޓުވަން ވެސް ޖެހެ އެވެ. އޭނާ އިޝާރާތް ކުރައްވަނީ ބޭސްފަރުވާގެ މައްސަލަ ހުއްޖަތަކަށް ހަދައިގެން، ބޮޑެތި ތުހުމަތުތަކުގައި ތިބޭ މީހުން ދޫވާ މައްސަލަ އެވެ.

"ނިޒާމުގައި ހުރި ލޫޕްހޯލްތައް ބަންދުކުރަން ވެސް އެބަޖެހޭ. އެއީ ނިޒާމުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފުމުގެ ފުރުސަތު ނުދިނުމަށްޓަކައި،" ޝަމީމް "މިހާރު" އަށް ވިދާޅުވި އެވެ.

ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައި ތިބޭ މީހުން ދޫކޮށްލާ ކޮންމެ ފަހަރަކީ ހެކިތަކާ ކުޅުމާއި ނުފޫޒު ފޯރުވަން ލިބޭ އިތުރު ފުރުސަތުތަކެވެ. ދޫކޮށްލާތާ ހަތް ދުވަސް ތެރޭގައި އަލުން އަނބުރާ ބަންދަށް ދާން ޖެހުނަސް، އެއީ އެކަމަށް ލިބޭ ގިނަ ވަގުތުތަކެވެ.

"ކުށްވެރިން އެ މީހުންގެ އުކުޅުތައް އަބަދުވެސް ބަދަލު ކުރާނެ. މިފަދަ ކޮންމެ ކަމަކަށް ގާނޫނު ހެދެންދެން މަޑުކުރަން ޖެހޭ ނަމަ އަޅުގަނޑުމެންނަށް ދުވަހަކު ވެސް ކުށްވެރިއަކު އަތެއް ނުވާނެ." ޝަމީމް ވިދާޅުވި އެވެ.

އަނެއްކާވެސް ފަރުވާއާ މެދު އިހުމާލުވުމުގެ ބިރު

ކުރިން ބަންދުން ދޫކޮށްފާނެ ކަމުގެ ބިރުގައި ދަނޑިމާރު އަޅައިގެން ބައެއް ފަހަރު ފަރުވާ ދޭން ޖެހުނަސް، މި ބިރު މިހާރު ނެތުމުން ދެން ވާނެ ގޮތަކީ އެންމެ ބޮޑު ސުވާލެވެ.

މިއީ ޕީޖީ އޮފީހަށް އަދި އެހެން މުއައްސަސާތަކަށް ވެސް ޖަވާބު ދޭން ފަސޭހަ ނުވާނެ ސުވާލެކެވެ. އެއްކޮޅުގައި އޮތީ ކަރެކްޝަންސްގައި ވަސީލަތްތައް މަދު ކަމުގެ މައްސަލަ އެވެ. އަނެއްކޮޅުން ގަސްދުގައި ފަރުވާ ލަސްކުރުމުގެ ތުހުމަތެވެ.

"ދައުލަތުން އެދިގެން ރިމާންޑަށް މީހުން ބަންދު ކުރަނީ. އެ މީހާގެ ބޭސްފަރުވާއަށް އިހުމާލުވީމަ ދެން އިތުރަކަށް ބަންދުގައި ނުބެހެއްޓޭނެ."

ބައެއް މައްސަލަތަކުގައި ޝަރީއަތް ތާވަލް ކުރުމާ ހަމައަށް ބައެއް މީހުން ޑޮކްޓަރަށް ނުދައްކާ ބައިތިއްބާ ކަމަށް ބައެއް ފަނޑިޔާރުން ޝަރީއަތުގައި ވިދާޅުވެފައި އެބަހުއްޓެވެ. މީހުން ބަންދު ކުރަނީ ޕީޖީގެ އެދުމަށް ކަމަށްވާތީ އާހިރުގައި މި ދެމެދުގައި ތާށިވަނީ ޕީީޖީ އޮފީހެވެ.

ޕީޖީ ހުސައިން ޝަމީމް -- ފޮޓޯ/މިހާރު

ޕީޖީ ހުސައިން ޝަމީމް -- ފޮޓޯ/މިހާރު

މީގެ ދެ ތިން މަސް ކުރިން، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ މީހަކު އަލުން ބަންދު ކުރަން ހައި ކޯޓުން އެއްބަސްނުވީ ސިއްހީ ބޮޑެތި މައްސަލަތަކެއް ހުއްޓާ ކަރެކްޝަންސް އިން އެކަށީގެންވާ ފަރުވާ ނުދީ ލަސް ކުރުމުންނެވެ. އެފަދަ ތުހުމަތެއް ކުރެވޭ މީހަކު މަތީ ކޯޓަކުން ދޫކޮށްލުމަކީ ނާދިރު ކަމެކެވެ. އެކަމަކު އޭނާގެ ފަރުވާއާ މެދު އިހުމާލުވި މިންވަރުން އެ ނޫން ގޮތެއް ހައި ކޯޓަކަށް ނުފެނުނެވެ.

"ބޭސްފަރުވާ ކުރަންޖެހޭ ޟަރޫރަތެއް އޮތްކަން އެނގޭ މީހަކަށް އެފަދައިން ބޭސްފަރުވާ ނުދެވޭކަން އެނގިތިބެ، ބަންދު ދަމަހައްޓަން އެންގިދާނެ ކަމަށް ނުދެކެމެވެ." ހައި ކޯޓުން އޭރު ކުރި ހުކުމުގައިވެ އެވެ.

އަލީ ވިދާޅުވި ގޮތުގައި ތުހުމަތެއްގައި ބަންދުކުރާ މީހަކަށް މީހަކަށް ޖަލުގައި ފަރުވާ ނުދެވޭ ނަމަ އެ މީހަކު ދެން އިތުރަށް ބަންދުގައި ބަހައްޓައިގެން ނުވާނެ އެވެ.

"ދައުލަތުން އެދިގެން ރިމާންޑަށް މީހުން ބަންދު ކުރަނީ. އެ މީހާގެ ބޭސްފަރުވާއަށް އިހުމާލުވީމަ ދެން އިތުރަކަށް ބަންދުގައި ނުބެހެއްޓޭނެ. އެއީ ވަރަށް އިންހިއުމަން ކަމެއް." އޭނާ ވިދާޅުވި އެވެ.

ސިއްހީ ސަބަބުތަކަށްޓަކައި ބަންދުން ދޫކުރަމުން ދިޔަ އުސޫލުގެ ބޭނުން ނާޖާއިޒް ގޮތުގައި ބަޔަކު ހިފަމުން ދިޔަ ދިއުމުގެ ނަތީޖާއަކީ އެ ދޮރު އެންމެންނަށް މިހާރު އެއްކޮށް ބަންދުވުމެވެ. ބަންދުން ދޫވާނެ ނާޖާއިޒް ކާޑެއްގެ ގޮތުގައި އެކަން ދެން ބޭނުމެއް ނުކުރެވޭނެ ކަމީ ލިބުނު ކުރިއެރުމެވެ. އެކަމަކު އޭގެ ގެއްލުމާއި ބިރު އޮތީ ހަގީގަތުގައި ފަރުވާ ނުލިބި، އޭގެ ޟަރޫރަތުގައި ބަންދުގައި ތިބި މީހުންނަށެވެ.