Roadha Mihaaru
ގަސްދުގައި ހެދި ގޯހަކުން ނޫނީ ދެން ދުލެއް ނުވާނެ

ހެޔޮ ނިޔަތުގެ އިސްތިސްނާ: ގަސްދުގައި ހެދި ގޯހަކުން ނޫނީ ކުށްވެރިން ދެން ދުލެއް ނުވާނެ

09 މާޗް 2022

"އެދުވަހު އެހެން ގޮތަކަށް އަޅުގަނޑުމެން އަމަލުކުރި ނަމަ، އަޅުގަނޑުމެން ހާޒިރުކޮށްފައި ތިބޭނީ 149 ކިލޯގެ މަސްތުވާތަކެތި ފުލުހުންނަށް އެނގި ތިބެ، މުޖްތަމައުގެ ތެރެއަށް ދޫވެ، އެ ތަކެތި މުޖްތަމައުގައި ބޭނުން ކުރުމުގައި އަޅުގަނޑުމެންގެ އިހުމާލެއް އޮތް ކަމަށް ބަލައިގެން." ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓްގެ ވެރިޔާ އަހުމަދު ޝާކިރު ދާދިފަހުން "މިހާރު" އަށް ވިދާޅުވި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

"އެދުވަހު އެހެން ގޮތަކަށް އަޅުގަނޑުމެން އަމަލުކުރި ނަމަ، އަޅުގަނޑުމެން ހާޒިރުކޮށްފައި ތިބޭނީ 149 ކިލޯގެ މަސްތުވާތަކެތި ފުލުހުންނަށް އެނގި ތިބެ، މުޖްތަމައުގެ ތެރެއަށް ދޫވެ، އެ ތަކެތި މުޖްތަމައުގައި ބޭނުން ކުރުމުގައި އަޅުގަނޑުމެންގެ އިހުމާލެއް އޮތް ކަމަށް ބަލައިގެން." ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓްގެ ވެރިޔާ އަހުމަދު ޝާކިރު ދާދިފަހުން "މިހާރު" އަށް ވިދާޅުވި އެވެ.

އޭނާ އެގޮތަށް ވިދާޅުވީ ފަޅު ރަށަކުން އެހާތަނަށް ރެކޯޑް އަދަދެއްގެ މަސްތުވާތަކެތި ހޯދި އޮޕަރޭޝަންގައި ގާނޫނާ ޚިލާފަށް ހެކި ހޯދުމުން އެ މައްސަލަ ކޯޓުން ނާކާމިޔާބު ވުމުން އެކަމަށް އިޝާރާތް ކުރައްވަ އެވެ.

"އެހެން ވިސްނުމަކުން ވިސްނާއިރު އުނދަގޫ ވެދާނެ. އެހެން ނަމަވެސް މުޅި މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާއިރު (އެ ނޫން ގޮތެއް ނެތް).." ދާދިފަހުން ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.

ކޯޓު އަމުރެއް ނެތި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ އޭނާ ވިދާޅުވި ގޮތުން ބޮޑު އަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ލޯމަތިން ގެއްލިގެން މުޖްތަމައުގެ ތެރެއަށް ދޫވިޔަ ނުދިނުމުގެ "ހެޔޮ ނިޔަތުގަ" އެވެ. ކޯޓު އަމުރެއް ހޯދަން ކުރަންޖެހޭ މަސައްކަތްތަކާއި ނަގަންޖެހޭ ރިސްކް ބޮޑެތި އޮޕަރޭޝަންތަކުގައި އެހާމެ ބޮޑެވެ.

ގާނޫނާ ޚިލާފަށް ހެކި ހޯދުމުގައި ފުލުހުން "ހެޔޮ ނިޔަތް" އެއީ ކޯޓުތަކުން މިހާތަނަށް ގަބޫލުކުރި އެއްޗެއް ނޫނެވެ. ފުލުހުންގެ "ހެޔޮ ނިޔަތް" ފުރަތަމަ ފަހަރަށް ބަލައިގަތީ ދާދިފަހުން ސުޕްރީމް ކޯޓުންނެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުން މުހިންމުވާ އެއް ސަބަބަކީ ކޯޓު އަމުރު ހޯދައިގެން ހިންގާ އޮޕަރޭޝަންތަކުގައި ވެސް މައްސަލަ ކާމިޔާބުވާނެ ކަމުގެ ޔަގީންކަމެއް ފުލުހުންނަށް ގިނަ ފަހަރު ނޯންނާތީ އެވެ. އެހެނީ، ކޯޓު އަމުރު ދޫކުރުމުގައި ފަނޑިޔާރުން ހަދާ ގޯސްތަކުން ވެސް ފުލުހުންނަށް ލަނޑު ލިބެނީ މަދަކުން ނޫނެވެ.

ކޯޓުން ހަދާ ގޯހުން ފުލުހުންނަށް ހުރަސްތައް

ބައެއް ފަހަރު މައްސަލަ ބޭރުކޮށްލަނީ ކޯޓު އަމުރު ދޫކުރުމުގައި ކޯޓުން ހަދާ ގޯހެއްގެ ސަބަބުންނެވެ. އަނެއްބައި ފަހަރު ކޯޓު އަމުރެއްގެ ދަށުން މީހަކު ބަންދު ކޮށްފައި ހުއްޓާ އެ ބަންދެއް ގޯސް ކަމަށް މަތީ ކޯޓަކުން މާ ފަހުން ނިންމުމުން، އެ ތަހުގީގުގެ ސައްހަކަމާ މެދު ސުވާލު އުފައްދަ އެވެ.

މީގެ ދެ އަހަރު ކުރިން ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު ފުލުހުން ހުޅުމާލެެއިން މީހަކު ހައްޔަރުކުރީ ގާނޫނުގައި ބުނާ އިޖްރައާތު ފުރިހަމަ ކުރުމަށްފަހު ހުޅުމާލޭ ކޯޓުގެ އަމުރެއްގެ ދަށުންނެވެ. އެ އަމުރުގައި ފަނޑިޔާރުގެ ނަމެއް ނެތެވެ. ކްރިމިނަލް ކޯޓުން އެ މީހާ ދޫކޮށްލީ ހައްޔަރު އަމުރު ދޫކުރުމުގައި ހުޅުމާލޭ ކޯޓުން ހެދި ގޯހެއްގެ ސަބަބުންނެވެ.

އޭގެފަހުން އެހެން މައްސަލައެއްގައި ހުޅުމާލެއިން ތަނެއް ބަލައި ފާސްކޮށް މީހަކު ހައްޔަރުކުރި އެވެ. ހުޅުމާލޭ ކޯޓުން އެ މީހާ ބަންދު މުއްދަތު އިތުރުކޮށްދިނެވެ. ފަހުން ހައި ކޯޓުން ނިންމީ އެ ކޯޓަކީ އެފަދަ ކަންކަން ބެލުމުގެ އިހްތިސާސް އޭރު ނެތް ކޯޓެއް ކަމަށެވެ އެހެންވެ، ފަހުން ކޯޓުން ނިންމީ އެ އަމުރުގެ ދަށުން ހޯދި ހެކިތައް ސައްހަ ނޫން ކަމަށެވެ.

ކޯޓުތަކުން ހަދާ ގޯސްތަކާއި ފަރުވާ ކުޑަ އަމަލުތަކުގެ ސަބަބުން ވެސް މުޖްތަމައުގެ ތެރެއަށް ދޫވެގެންދަނީ ނުރައްކާތެރި ތުހުމަތުތައް ކުރެވޭ އެތައް ބައެކެވެ. އެތައް ބައެއްގެ ފަސްފަހަތުން ދުވެ، އެތައް ދުވަހެއްގެ މަސައްކަތުން ފުލުހުން ހޯދާ ހެކި "އެންމެ އަކުރެއް ނުވަތަ ފިއްޔަކާ ހެދި" ބޭކާރުވެގެން ދަނީ އެވެ.

"ކޯޓުން ގޯސް ހެދިޔަސް، ހެކި ގޯހެއް ނުވާނެ"

ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން ކޯޓު އަމުރު ގޯސްވުމުން ހެކި ހޯދި ގޮތް ގޯސްވިޔަސް، ފުލުހުންގެ "ހެޔޮ ނިޔަތް" އޮވެއްޖެ ނަމަ އެ ހެކިތައް ކޯޓުތަކުން ބަލައިގަންނަން ޖެހޭނެ އެވެ. އެއީ ގާނޫނާ ޚިލާފް ހެކިތައް ކޯޓުތަކުން ބަލައިނުގަތުމުގެ އުސޫލަށް ދޭ އިސްތިސްނާއެކެވެ. އެއީ ކޯޓު އަމުރު ގޯސްވުމަކީ ފުލުހުންގެ ޒިންމާވާން ޖެހޭ ކަމަކަށް ނުވާތީ ކުރިއަރާފައިވާ ގައުމުތަކުން އަމަލު ކުރާ ގޮތް ވެސް މެ އެވެ. އެމެރިކާ ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލައަކުން ހުކުމުގައި މިސާލު ގެނެސްދީފައިވެ އެވެ.

ސުޕްރީމް ކޯޓު --- ފޮޓޯ/މިހާރު

ސުޕްރީމް ކޯޓު --- ފޮޓޯ/މިހާރު

"ބަލާ ފާސްކުރުމުގެ އަމުރެއް ހޯދާފައިވަނީ ކޯޓުގައި އެކަށީގެންވާ ސަބަބެއް ސާބިތުކޮށް ދިނުމެއް ނެތި ކަމަށްވާތީ އެ އަމުރަކީ ސައްހަ ނޫން އަމުރެއް ކަމުގައި ކޯޓް އޮފް އެޕީލްސް އިން ކަނޑައެޅި އެވެ. ނަމަވެސް މި އަމުރު ތަންފީޒު ކުރުމުގެ ތެރެއިން ހޯދާފައިވާ ހެއްކަކީ ޣައިރު ގާނޫނީ ހެކި ނޫންކަމުގައި އެ ގައުމުގެ ސުޕްރީމް ކޯޓުން އެ ކޯޓަށް މައްސަލަ އިސްތިއުނާފް ކުރުމުން ކަނޑައަޅާފައިވެ އެވެ." ރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި މި ބުނާ "ހެޔޮ ނިޔަތް" ދެނެގަންނާނީ ކިހިނެތް ހެއްޔެވެ؟. އަދި "ހެޔޮ ނިޔަތޭ" ބުނެފައި ކޯޓު އަމުރެއް ނެތި ބޭނުން އިރަކު ފުލުހުން މީހުންގެ ގޭގެއަށް ވަންނަންވީ ހެއްޔެވެ؟. އެ ސުވާލަކަށް ސުޕްރީމް ކޯޓުގެ ވެސް ސީދާ ޖަވާބެއް ނެތީ ކޮންމެ މައްސަލައެއްގެ ކަން ހިނގާ ގޮތް ތަފާތުވާތީ އެވެ.

ފަނޑިޔާރު މަހާޒް އަލީ ޒާހިރު ލިޔުއްވި އެ ހުކުމުގައި ދިނީ "ހެޔޮ ނިޔަތުގެ" ޓެސްޓް ހަދާނެ ގައިޑްލައިނެކެވެ. އެއީ އޮޅުވާލުމެއް ނެތުމާއީ ގާނޫނީ ގޮތުން ދެކޮޅު ޖެހޭ ކަމަކަށް ވުމުގެ އިތުރުން ފެނުނު ހެކީގެ ބާވަތަށް ބެލުމެވެ. މާނައަކީ "ހެޔޮ ނިޔަތުގައި" ކަމަށް ބުނެ ބޭނުން ކޮންމެ ފަހަރަކު ކޯޓު އަމުރެއް ނެތި ތަންތަނަކަށް ނުވަދެވޭނެ އެވެ. އަދި އެފަދައިން ހެކި ހޯދިޔަސް، އެއަށް ސުޕްރީމް ކޯޓުގެ އެ ހުކުމުގެ ދަށުން ހިމާޔަތެއް ވެސް ނެތެވެ.

"ގާނޫނާ ޚިލާފަށް ހެކި ހޯދަން މަސައްކަތްކުރި މުވައްޒަފުންގެ އަމަލަކީ އެ އަމަލުގެ ސައްހަކަމާ މެދު ސުވާލު އުފެއްދުމުގެ ޖާގައެއް ނެތް އަދި ކަނޑައެޅިގެން ގާނޫނު އެއްފަރާތް ކުރުމުގެ އަމަލެއް ކަން ނުވަތަ އެ އަމަލަކީ ގާނޫނީ ގޮތުން ދެކޮޅު ޖެހޭ ރަނގަޅު އަމަލެއް ކަމުގައި ގާނޫނީ ގޮތުން ބަހުސް ކުރެވޭނެ ޖާގަ އޮތް އަމަލެއް ކަން އެ އަމަލާ މެދު ގޮތެއް ނިންމުމުގައި ބަލަން ޖެހޭނެ." ހުކުމުގައިވެ އެވެ.

ހެޔޮ ނިޔަތުގެ އިސްތިސްނާގެ އިތުރުން ގާނޫނާ އެއްގޮތަށް އަމަލު ކުރިޔަސް، ފެންމަތިވާން ހުރި ހެކިތަކާއި މިނިވަން ތިން ވަނަ ފަރާތުން ލިބޭ ހެކިތައް ބަލައިގަތުމުގެ އުސޫލުތައް އެހެން ގައުމުތަކުގައި އޮވެ އެވެ. ސުޕްރީމް ކޯޓުން އަލިއަޅުވާލީ ހެޔޮ ނިޔަތުގެ އިސްތިސްނާއަށެވެ.

"ބަންދު ގޯސްވުމުން ތަހުގީގަށް އަސަރެއް ނުކުރާނެ"

ބޮޑެތި ތުހުމަތުގައި މީހުން ހައްޔަރު ކުރުމަށްފަހު ކޯޓުން މުއްދަތު ޖަހައިދެ އެވެ. ބަންދުގައި ބަހައްޓައިގެން ތަހުގީގު ހިންގާ ނިމުމާ ހިސާބަށް އަންނައިރު، އެ ބަންދެއް ގާނޫނާ ޚިލާފް ކަމަށް މަތީ ކޯޓުތަކުން ނިންމަނީ މަދުފަހަރަކު ނޫނެވެ. ނަތީޖާއަކީ ތަހުގީގު ނިމިގެން އަސްލު މައްސަލަ ކޯޓާ ހަމައަށް ދާއިރު އޮންނަނީ އެހާތަނަށް ހޯދި ހުރިހާ ހެކި ސައްހަ ނޫން ކަމަށް ކަނޑައެޅި، ނިމިފަ އެވެ. ބަންދުގައި ހުރުމާއި ހެކި ހޯދުމާއި ގުޅުމެއް ނެތަސް، ކޯޓުތަކުން ބަލަމުން އައީ އެގޮތަށެވެ.

މި ބަހުސްގައި ވެސް މިފަހަރު ދައުލަތަށް ކުރި ލިބުނެވެ. ސުޕްރީމް ކޯޓުން ނިންމީ ހައްޔަރު ނުވަތަ ބަންދު ގޯސްވުމަކީ އެ މީހެއްގެ މައްޗަށް ހިންގާ ތަހުގީގުގައި ހޯދާ ހެކިތައް އޮޓަމެޓިކުން ބާތިލްވެގެންދާނެ ކަމެއް ނޫން ކަމަށެވެ. ހަމައެކަނި ޖެހޭނީ އެ މީހާ ބަންދުން ދޫކޮށްލާށެވެ. އެއީ ގާނޫނު އަސާސީ އާއި ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ވެސް، ތަހުގީގު ކުރުމާއި މީހުން ހައްޔަރުކޮށް ކުރުމަކީ ތަފާތު ދެ ކަމަކަށް ވާތީ އެވެ. އަދި ހައްޔަރު ކުރުމެއް ނެތި ވެސް ތަހުގީގު ކުރެވޭނެތީ އެވެ.

"ބަންދު ކޮށްފައިވާ ކުރުމަކީ ގާނޫނާ ޚިލާފް ހައްޔަރެއް ކަމުގައި ނުވަތަ ބަންދެއް ކަމުގައި ކަނޑައެޅުމުގެ ނަތީޖާއެއްގެ ގޮތުން އެ މީހެއްގެ މައްޗަށް ގާނޫނު ތަންފީޒުކުރާ އިދާރާއިން ހޯދާ ހެކި އެ ސަބަބަށްޓަކައި ކޯޓުން ގަބޫލު ކުރަން ނުޖެހޭ ގާނޫނީ އުސޫލެއް ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބަޔާންވެފައި ނުވޭ." ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުން ގެނެސްދިން ދިން "ހެޔޮ ނިޔަތުގެ" އިސްތިސްނާއަކީ ގާނޫނާ ޚިލާފް ހެކި ބަލައިނުގަތުމަށް ގާނޫނު އަސާސީގައި އޮތް ހަރުކަށި އުސޫލަށް ރާއްޖޭގެ ކޯޓަކުން ދިން ފުރަތަމަ އިސްތިސްނާ އެވެ. ހެކި ހޯދުމުގައި ފާޅުގައި ނުވަތަ ގަސްދުގައި ގޯހެއް ހަދައިގެން ނޫން ގޮތަކަށް ދެން ކުށްވެރިން ސަލާމަތްވުމަކީ ދުރު ކަމެކެވެ.